(01 މެއި ގެ އަދަދާ ގުޅޭ)
"ނޫން. އަޅުގަނޑަކަށް އެކައްޗެއްވެސް ނުވިސްނޭ. އަޅުގަނޑަށް އެނގޭކަމަކީ މިބައިމީހުން ފައިސާކޮޅަކަށް ބޭނުންވާކަން. އެމީހުން އިންސާނުންގެ ބަދަލުގައި މާތް اللّـه ގެ ރަސްކަންފުޅަށް ތާރީފުކޮށް ސަނާ ދަންނަވާނަމަ ކިހައި ރަނގަޅުވީސް." أميـر يـوسف އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. ޝާޢިރުންނާއި ޅެމަށް ތާރީފުކުރާ މީހުން ކަންބޮޑުވެގެން އެކަކު އަނެކެއްގެ މޫނަށް ބަލަބަލައި ތިއްބައި أميـر يـوسف މަޖްލިސް ނިންމައިލައްވައިފިއެވެ. أميـر يـوسف އަށް ތާރީފުކުރުމުގެ ގޮތުން ކުޑައިރުކޮޅެއްގެ ކުރީން އުޑާއި ކަނޑާ އެއްކުރަމުން ގެންދިޔަ ޝާޢިރުން އެރޭގެ މަސައްކަތަކަށް ހެދީ أميـر يـوسف އަށް ހަޖޫކިޔުމުގެ ޅެންތައް ހަދައިގެން އެބައިމީހުންގެ ހިތްތަކުގެ އުދާސް ފިނިކުރެވޭތޯ ބެލުމެވެ.
* * * * * * * * * * *
ވިދިގެންއައި ދުވަހު ވަރަށް އާދަޔާ ޚިލާފު ކަމެއް ހިނގިއެވެ. المـــاس ބޮޑުބޭބެ އިޝްބީލިއްޔާގެ ބާޒާރުމަތީން ހިނގައިފައި ދަނިކޮށް އޭނާއާ معـتـمـد ގެ ވަޒީރަކާ ދިމާވެއްޖެއެވެ. އެބޭފުޅަކީ އެއްދުވަސްވަރެއްގައި ޤުރުޠުބާގައި ވަޒީރެއްގެ ނާއިބެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. المـــاس އަށް އޭނާ ފެނުމާއެކު ރުޅިއައިސް އަލިފާންގަނޑަކަށް ވެއްޖެއެވެ. އޭނާ އެދިޔަދިޔައިނުންގޮސް ވަޒީރުގެ ފަގުޑިކޮޅު ނަގައިފިއެވެ. އެބޭފުޅާގެ ކަރުފުޅުގައި ފަގުޑިކޮޅު އަޅުވައިގެން އެއްފަރާތަކަށް ދަމައިގެންފިއެވެ. ހާސްފުޅުވެ ގޮތްހުސްވެފައި ހުންނެވި ވަޒީރާ އެހީވާން ފުލުހުންގެ ބަޔަކު އަވަސްވެގަތެވެ. المـــاس ގެ ކިބައިން އޭނާ ސަލާމަތްކުރާން އުޅެގަތެވެ. ނަމަވެސް އެވަގުތު އާއްމުންގެ ސާޅީހަކަށް ފަންސާހަކަށް މީހުން އެތަނަށް އެއްވެއްޖެއެވެ. އެމީހުންވެސް المـــاس އާ ބައިވެރިވެއްޖެއެވެ. ގިނައިރެއްނުވަނީސް އާއްމުންގެ ވަރަށްބޮޑު ބައިގަނޑެއް المـــاس އާ ބައިވެރިވެއްޖެއެވެ.
ކޮންމެވެސް މީހެއް ކުރިޔަށް ޖެހިލައިފައި ސުވާލު ކުރިއެވެ. "މީނާ ކަލެޔަށް ކުރެއްވި ނުބައިކަމަކީ ކޮބައިތަ؟"
المـــاس ޖަވާބު ދިނެވެ. "އެވާހަކަ ބުނަނީ أميـر يـوسف ގެ އަރިހަށް ގެންގޮސްފައި!"
އެންމެން އެއްދުލަކުން ބުންޏެވެ. "އެންމެރަނގަޅު. ތިޔައީ ރަނގަޅު ގޮތެއް. މީނާ أميـر يـوسف ގެ އަރިހަށް ގެންދަމާ ހިނގާ!"
ވަޒީރު ހަޅޭފުޅު ލައްވަވަމުން ގެންދެވިއެވެ. "މިއީ މޮޔައެއް. އަހަރެން މީނާ ނުވެސް ދަންނަން."
"މިހާރަކު ދޮގުހަދައިގެނެއް ތިޔަބައިމީހުންނަކަށް ސަލާމަތެއް ނުވެވޭނެ! ތިޔަބައިމީހުން ހީކޮށްގެންތިބީ މާތް اللّـه ގެ ރަސްވަންތަކަން މިދުނިޔެމަތިން ނެތިދިޔައީކަމަށް. އެކަމަކު މިހާރު މިއޮތީ ތިޔަބައިމީހުންކުރި ނުބައި ނުލަފާ ކަންކަމުގެ ހިސާބު ބެލެވޭނެ ދުވަސް އައިސްފައި." المـــاس އެހެން ބުނެފައި ފަގުޑި އަނބުރައިލިއެވެ. ވަޒީރުގެ ދެލޯފުޅު ހީވީ ބޭރަށް ނުކުމެއްޖެހެންނެވެ. މިހާރު المـــاس އެ ވަޒީރު ދަމަމުންގެންދާއިރު މީހުންތައް އަންނަނީ އޭނާގެ ފަހަތްޕުޅުން އޭނާ ކޮއްޕަމުންނެވެ. ސިފައިންނާއި ފުލުހުން ކުރެވޭނެކަމެއް ނެތިގެން އެއްފަރާތަކަށް އަރައި ބަލަހައްޓައިގެން ތިބީއެވެ. މީހުންތައް ހައްތާވެސް ދިޔައީ ގިނަވަމުންނެވެ. އެމުސްކުޅިޔާއަށް ލިބެމުންދަނީ ކޮންކުށެއްގެ އަދަބެއްތޯ ބަލަން ބޭނުންވާ އެކަކުވެސް ނެތެވެ. ވަޒީރު ހުއްޓައިނުލައްވައި ހަޅޭފުޅުލައްވަވަމުން ގެންދަވައެވެ. "މީނާއަކީ މޮޔައެއް. ކަލާކޮށްޓަކައި މީނާގެ ކިބައިން އަހަރެން ސަލާމަތްކުރޭ. އަހަރެން އެއްވެސް ކުށެއް ނުކުރަން. އިޝްބީލިއްޔާގެ އަހުލުވެރީންނޭ! އަހަންނަކީ ތިޔަބައިމީހުންގެ ރަސްގެފާނުގެ ވަޒީރެއް. ތިޔަބައިމީހުންގެ ޚާދިމެއް!" އިޝްބީލިއްޔާގެ އަހުލުވެރީން ކަކަކަކަ އަޅައިފައި ހެނީއެވެ.
ޒުވާން ކުދީންތަކެއް އައު ސަމާސާއެއް ވިސްނައިލިއެވެ. އެވެރީން މަގުމަތީން މީހެއްގެ ހިމާރެއް އަތުލައިގަނެގެން ގެނެސްފިއެވެ. ވަޒީރު ގަދަކަމުން އެ ހިމާރަށް އަރުވައިފިއެވެ. أميـر يـوسف ގެ އަސްކަރުގާހާ ހަމަޔަށް އެ ޖުލޫސަށް ދެވުނުއިރު ދިހަވަރަކަށްހާސް މީހުންވަނީ ޖުލޫސުގައި ބައިވެރިވެފައެވެ.
އިޝްބީލިއްޔާގެ ބޮޑުވަޒީރު إبــن زيــدون، أميـر يـوسف އާ ބައްދަލުކުރައްވައިފައި އެމަނިކުފާނުގެ ފޭލިގެކޮޅުން ނުކުމެވަޑައިގެންނެވި ވަގުތު ކުރިފުޅުމަތީން އޭނާއަށް ފެނިވަޑައިގެންނެވީ އެ ޖުލޫސު އަންނަ ތަނެވެ. އޭނާގެ ވަޒީރަކު އެހާލުކޮޅުގައި އިންނަވަނިކޮށް ފެނިވަޑައިގެންނެވުމުން އޭނާ ކުރިޔަށް ވަޑައިގެން المـــاس އާ ހަމަޔަށް ވަޑައިގެންފިއެވެ. އިޝްބީލިއްޔާގެ މީހުންގެ ހިތްތަކުގައި އޭނާއާމެދު ކޮންމެވެސް ވަރެއްގެ އިޙުތިރާމެއް އޮވެއެވެ. އެހެންކަމުން މީހުންތައް އެއްކައިރިޔަކަށް އަރައި އޭނާއަށް ތަންދީފިއެވެ. إبــن زيــدون ވަޑައިގަންނަވާ ތަން ފެނިވަޑައިގެންނެވުމާއެކު ވަޒީރު ހިމާރުމަތީން ފުންމައިލައްވައިފިއެވެ. ނަމަވެސް المـــاس އޭނާ ދޫކޮށެއް ނުލިއެވެ. إبــن زيــدون ވިދާޅުވިއެވެ. "ތިޔައީ އަނިޔާއެއް އޭނާ ދޫކޮށްލާ!"
المـــاس ޖަވާބު ދިނެވެ. "އަޅުގަނޑުގެ ކިބައިން މީނާ ސަލާމަތްކުރެއްވޭނީ ހަމައެކަނި أميـر يـوسف އަށް."
إبــن زيــدون ސުވާލު ކުރެއްވިއެވެ. "މީނާ ކަލެޔަށް ކުރީ ކޮންއަނިޔާއެއް؟"
"މަނިކުފާނަށް ހަމަ މިހާރު އެނގިވަޑައިގެންފާނެ!"
أميـر يـوسف ގެ ލަޝްކަރުގެ ޖަނަރަލެއް މީހުންތައް ދުރުކުރައްވަމުން ވަޑައިގެން ވަރަށް ބާރަށް ގޮވައިލެއްވިއެވެ. "المـــاس! المـــاس! ކީއްތަ ތިޔަކުރަނީ؟ އޭނާ ދޫކޮށްލާ!!" އެއީ سعد އެވެ.
المـــاس ޖަވާބު ދިނެވެ. "މިއީ ކިހައިވަރެއްގެ މުޖުރިމެއްކަމެއް ކަލާއަކަށް އެނގިވަޑައެއް ނުގަންނަވާނެ. މީނާ ޤުރުޠުބާގެ ގަވަރުނަރުގެ ނާއިބަކަށް ހުރިއިރު މީނާވަނީ އަޅުގަނޑުމެންގެ ދަނޑުފަގުތަކާއި ބިންތައް ސަރުކާރަށް ހިއްޕަވާނެކަމަށް ވިދާޅުވެ ބިރުދައްކަވައިގެން އަޅުގަނޑުގެ އަތުން ތިންސަތޭކަ ދީނާރު އަތުލައިފައި. އަޅުގަނޑު ބޭނުންވަނީ މީނާ أميـر يـوسف ގެ އަރިހަށް ގެންދަން!"
ވަޒީރު ހަޅޭފުޅުލައްވައިގެންނެވިއެވެ. "އެއީ ދޮގެއް. އަހަރެން މީނާ ނުވެސް ދަންނަން!"
المـــاس ޖަވާބު ދިނެވެ. "އަޅުގަނޑު ޤުރުޠުބާގެ މީހުންގެ ތެރެއިން އެއްހާސް ހެކީން ދައްކަފާނަން. އޭގެތެރެއިން ދުއިސައްތަ މީހުންނަކީ މީނާ އެމީސްމީހުންގެ އަތުންވެސް ގަދަކަމުން ރިޝްވަތު އަތުލި މީހުން."
سعد ވިދާޅުވިއެވެ. "أميـر يـوسف ތިޔަ ބާވަތުގެ މައްސަލަތަކުގެ ތެރެޔަކަށް ވެދެވަޑައެއް ނުގަންނަވާނެ. އޭނާ ދޫކޮށްލާ!"
އޭރު عبـدالمـنعــم އާއި أحمـد އާއި، حسن އާއި، إدريـس އާވެސް އެތަނަށް ވަޑައިގެންފިއެވެ. އެބޭފުޅުން އޭރު ތިއްބެވީ سعد ގެ ފޭލިގޭގައި ވާހަކަ ދައްކަވާށެވެ. المـــاس ހިތާދެކޮޅަށް އެވަޒީރު ދޫކޮށްލައިފިއެވެ.
إبــن زيــدون ކުރިޔަށް ވަޑައިގެން المـــاس ގެ ކޮނޑުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "އަހަންނަށް ޔަގީން. އޭނާ ވާނީ ކަލޭގެ އަތުން ފައިސާ އަތުލައްވައިފައި. އެކަމަކު މިހާރު ފުދޭވަރަށް އޭނާއަށް އަދަބު ލިބިވަޑައިގެންފި. އަހަރެން ވަޢުދުވަން އޭނާ ކަލޭގެ އަތުން އަތުލި ފައިސާ ކަލެޔަށް ލިބިދޭނަން. أميـر يـوسف އަކީ އަހަރެމެންގެ މެހުމާނެއް. އޭނާއަށް މިޒާތުގެ ކަންކަމާ އުނދަގޫފުޅު ކުރާކަށެއް ނުވާނެ."
المـــاس ޖަވާބު ދިނެވެ. "އަޅުގަނޑު ފައިސާގެ ބޭނުމެއްނެތް. އަޅުގަނޑު ބޭނުންވަނީ އިންސާފު ލިބުން. އަޅުގަނޑު އިންތިޒާރުކުރާނީ أميـر يـوسف އަށް މި ޤައުމުގައި އިންސާފު ޤާއިމުކުރެއްވުމުގެ އިޚުތިޔާރު ލިބިވަޑައިގަންނަވާނެ ދުވަހަކަށް."
* * * * * * * * * * *
އަލްފާންސޫގެ ބިރު ފިލުމާއެކު މުލޫކުއްޠަވާއިފުން ވަގުތީގޮތުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ގުޅުވި ވާފަށްވަނީ ބުރިބުރިވެފައެވެ. ޒަލާޤާގެ ފަތަޙައަށްފަހު ހަމަނޭވާފުޅު ލެއްވެވޭއިރަށް އެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދެކޮޅަށް ނުބައި ރޭއްވެވުންތަކުގެ ދާތައް ފަތުރުއްވަން ފައްޓަވައިފިއެވެ. އެބޭފުޅުންނަށް ހީފުޅުވެފައިވަނީ أميـر يـوسف އެބޭފުޅަކާމެދު އެންމެ އޯގާވެރިވެވަޑައިގެންނެވި ބޭފުޅަކު އަންދަލުސުގެ އިސްވެރިޔަކަށް ހައްދަވާނެ ކަމުގައެވެ. އެބޭފުޅުން أميـر يـوسف ގެ ފޭލިގެކޮޅުގެ ބޭރުގައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ބަޣަލްގީރު ކުރައްވައެވެ.
أميـر يـوسف ގެ ސާދާ ދިރިއުޅުއްވުމަށް މަލާމާތް ކުރައްވައެވެ. އޭނާއާ ބެހޭގޮތުން ވައްތަރުވައްތަރުގެ ޝައްކު ކުރައްވައިގެން ވާހަކަ ދައްކަވައެވެ. "އޭނާ އެނބުރި ވަޑައެއް ނުގަންނަވާނެ— އޭނާ ބޭނުންފުޅުވަނީ އަންދަލުސަށް ވެރިވެވަޑައިގަންނަވަން. މިތާނގެ ޢިލްމުވެރީންނާއި އާއްމުން ތިބީ އޭނާއާއެކު— އާއްމުން އަޅުގަނޑުމެންގެ އެންމެ އިސްފުރަދާނައިންނަށްވުރެ މާބޮޑަށް އޭނާގެ އެންމެ އާދައިގެ ސިފައިންގެ މީހުނަންވެސް ޤަދަރުކުރޭ. މިވެރީން އަޅުގަނޑުމެންގެ ސަންގުމަރުމަރުގެ ގަނޑުވަރުތަކުގައި އެބައިމީހުންގެ އަސްތައް ބަންނާނެ. އަންދަލުސުގެ ތަހުޒީބާއި ތަމައްދުނުގެ ސަންދޯއް ނެރޭނެ. أميـر يـوسف އިޝްބީލިއްޔާގައި ބެހެއްޓެވިކަމީވެސް معـتـمـد ހެއްދެވި ގޯހެއް. މި ލަޓޯފަޓޯއިންނަށް އަޅުގަނޑުމެންގެ ގަނޑުވަރުތައް ފެނުމަށްފަހު އެބައިމީހުންގެ ޖިފުޓިތަކަށް އެނބުރި ދާކަށެއް ބޭނުމެއް ނުވާނެ."
أميـر يـوسف ގެ އަރިހުގައި އެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދެކޮޅަށް ހުޅުއްވައިލައްވަނީ ޝަކުވާގެ ބޮޑެތި ދަފުތަރުތަކެވެ. އިޝްބީލިއްޔާގެ ވެރިޔާ ބިޠުލިޔޫސުގެ أميـر އާ ދެކޮޅަށް ޒަހަރު ފަތުރުއްވައެވެ. ޣަރުނާޠާގެ ވެރިޔާ އަލްމަރިއްޔާގެ ރަސްގެފާނާ ދެކޮޅަށް ހިތްޕުޅުގެ އުދާސް ބޭރުކުރައްވައެވެ. މުރުސިއްޔާގެ أميـر، معـتـمـد ގެ ފާފަތަކުގެ ފޮތް ނިއުޅައިލައްވައެވެ. އެގޮތުން ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރައްވަނީ އަނެއް ބޭފުޅެއްގެ މޫނުފުޅުގައި ދެލި އުނގުޅުއްވޭތޯއެވެ. އެފުރިކާގެ މުޖާހިދަށް އިޙުސާސުވެވަޑައިގަންނަވަނީ އެހުރިހައި ބޭފުޅުންގެވެސް މޫނުފުޅު ކަޅުކަމެވެ. ޒަލާޤާގެ މައިދާނުގައި ހިތްވަރުފުޅާއެކު ހަނގުރާމަ ކުރައްވަނިކޮށް أميـر يـوسف ދެކެވަޑައިގެންނެވި معـتـمـد އާ އިޝްބީލިއްޔާއިން ފެނިވަޑައިގަންނަވާ معـتـمـد އާ ވަރަށް ތަފާތެވެ. އިޝްބީލިއްޔާއިން ދެކެވަޑައިގަންނަވާ معـتـمـد ގެ ހިތްޕުޅަށާއި ނާރުފުޅުތަކަށް ސަވާރުވެވަޑައިގެން އިންނެވީ މަލަކާ ރަމީކިއްޔާއެވެ. أميــر يـوسف ވަޑައިގެންނެވުމުގެ ކުރީން އެކަމަނާއަކީ އިޝްބީލިއްޔާގެ ކޮންމެ މަހެފިލެއްގެ ސަމޭދާނެވެ. ނަމަވެސް މިހާރު އެކަމަނާއަށް ހީފުޅުވަނީ އެކަމަނާއަކީ އަމިއްލަފުޅު ގަނޑުވަރުގެ ހަތަރު ފާރުގެ ތެރޭގައި ހައްޔަރުވެވަޑައިގެންފައި އިންނެވި އެއްވެސް އާރެއް ބާރެއް ނުފޫޒެއް ނެތް ޤައިދީއެއް ހެންނެވެ. ޖަލުމީހެއްގެ ގޮތުގައި ދިރިއުޅުއްވަން މަޖުބޫރުވެވަޑައިގެންފައިވާ ބޭފުޅެއް ހެންނެވެ. އަންދަލުސުގައި އިސްލާމީ ނިޒާމުގެ ސަރުކާރެއް އުފެދުމުގެ ތަޞައްވުރުދެކެ އެކަމަނާ ބިރުފުޅުގެން ވަޑައިގަންނަވަނީ އަމަށަކުވަރަކަށް ނޫނެވެ. މަރުދެކެ ބިރުފުޅުގެން ވަޑައިގަންނަވާ ވަރަށްވުރެވެސް މާބޮޑަށެވެ. އިސްލާމްދީނުގެ ނަމުގައި ނަޢުރާކުރައްވާ ބޭކަލުން އެކަމަނާ ބާއްވަވާ ނެށުމާއި ލަވަކިޔުމުގެ މަހެފިލުތައް ހުއްޓުވައިފާނެތީއެވެ. އެބޭކަލުން އެކަމަނާގެ އަތްޕުޅުން ރާތަށިކޮޅުތައް ފިރުއްކަވައިގެންފާނެތީއެވެ. އެކަމަނާގެ މޫނުފުޅުގެ ބަދަލުގައި މީސްތަކުންގެ ލޯތައް މިހާރުވެސް ހުއްޓިފައިވަނީ އެހެންމީހަކާ ދިމާޔަށެވެ. އޭނާގެ ޤުބާގައި ހުންނަނީ ފޮތިމަތީގައި ފޮތި އަޅައިފައެވެ. އޭނާއަށް ޅެން މާނަކުރާކަށެއް ނޭނގެނެއެވެ. އޭނާ ޅެމަށް ފާޑުކިޔާކަށެއް ނުދަނެއެވެ. އެންމެ ކުޑަމިނުން ޅެމެއް ހަދައިލާކަށެއްވެސް ނޭނގެއެވެ. އޭނާ އަންދަލުސު ކޮއްޕައިލަން ބޭނުންވެގެން އެއުޅެނީ އަޅުންނާއި ސާހިބުންގެ ތަފާތެއްނެތް ދުނިޔެއަކަށެވެ. ހަމައެކަނި އަންހެން ދަރިޔެއްގެ ނުވަތަ އުޚުތެއްގެ ނުވަތަ އަނތްބެއްގެ ހައިސިއްޔަތުން އަންހެނުން ފާހަގަކުރެވޭ ދުނިޔެއަކަށެވެ. ރަމީކިއްޔާއަކީ އެދުނިޔެއަށް ބީރައްޓެހި ބޭފުޅެކެވެ. އޭނާ ހެނދުނާއި ހަވީރު معـتـمـد އާ ސުވާލު ކުރައްވައެވެ. "އަޅުގަނޑުމެންގެ ނިމުން އަންނާނީ ކޮންގޮތަކަށްތޯ؟"
އަންދަލުސުގެ މަސްރަޙުން ފާޅުވާންއުޅޭ ކުލަތަކާމެދު ދެން އެންމެ ފިކުރު ބޮޑުވެފައިތިބީ އަންދަލުސުގެ ޝާޢިރުންނާއި އަދީބުންނާއި ފަށުވި ފަންނުތަކުގެ މާހިރުންނެވެ. އެބައިމީހުން ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ދަސްކޮށްފައިވާ މަސައްކަތަކީ ނޭކަށޭނަ ވެރީންނަށް ސަނާކިޔުމެވެ. އެހެންކަމުން އެމީހުން ކަންބޮޑުވަނީ މުރާބިޠީނުން އަންދަލުސުގައި ފައިހަރުކޮށްލައިފިނަމަ އެބައިމީހުންގެ ހާލު ދެކެލާނެ ބަޔަކު ނުތިބޭނެތީއެވެ. ބަނޑުފުރާނަ މުއްތިކުރާނެ ވަސީލަތެއް ނޯންނާނެތީއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު