ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު ގައުމު ތަރައްގީ ކުރަން ފަށައިފިނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްގީއެއް ހޯދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގައި ވިދާޅުވީ، ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ އެ ގައުމެއްގެ އަމިއްލަ ދަރިން، ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން ކަމަށެވެ.
ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެފަދަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައިދީފައިވާނެ ކަމަށެވެ.
އަދި މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ހައްލުކޮށް، އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭން ޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ގާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ މައްޗަށް މިއަދުގެ ހިތާބުގައި ރައީސް ވަނީ އަލިއަޅުއްވާލައްވައިފައެވެ.
ރައީސް ވިދާޅުވީ، ކޮންމެ ގައުމެއްގައިވެސް މަސައްކަތްތެރިންނަކީ އެ ގައުމެއްގެ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުން ކަމަށެވެ. އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖުތަމައު ޒީނަތްތެރިވެ، ނަމޫނާ ހަލޯރަތެއް ބިނާވެގެން ދަނީ އެ މުޖުތަމައެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް އަމަލީ ސިފަ ގެނެސްދޭ ބަޔަކީވެސް އެ މުޖުތަމައެއްގެ މަސައްކަތްތެރިން ކަމުގައިވެސް ވިދާޅުވިއެވެ.