ރަންދީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވް ވެ އައިސީއޫގައި ފަރުވާ ހޯދަން ފަށައިފިއެވެ.

ރަންދީރު ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ ކޮކިލާބެން އަންބާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ކަމަށާއި އަދި މިއަދުގެ ވަގުތެއްގައި އޭނާ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަރިޝްމާ ކަޕޫރު އަދި ކަރީނާ ކަޕޫރުގެ ބައްޕަ، ކުރީގެ ފިލްމީ ތަރި ރަންދީރު ކަޕޫރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އިރު، އޭނާގެ ހާލަތު އަދި ރަނގަޅު ކަމަށާއި އައިސީޔޫއަށް ބަދަލުކޮށްފައިވަނީ ޓެސްޓުތަކެއް ހެދުމަށް ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ރަންދީރު ޕޮޒިޓިވް ވީ ކިހިނެއް ކަމެއް ބުނަން ނޭނގޭ ކަމަށް އޭނާ ބައެއް މީޑިއާތަކަށް ބުނެފައި ވެއެވެ. ކުރީން ކޮންމެވެސް ވަރަކަށް ހުން އައިކަމަށާއި ފަހުން ހުމުގެ އަސަރެއް ނެތަސް ޓެސްޓުކުރަން ނިންމީ ކަމަށާއި ޕޮޒިޓިވް ވި ހަބަރުން އޭނާވެސް ހައިރާންވި ކަމުގައި ވެސް ރަންދީރު ބުނެފައި ވެއެވެ. އަދި އޭނާއާ އެކު ޕޮޒިޓިވް ވި 5 މުވައްޒަފުންވެސް ކޮކިލާބެން ހޮސްޕިޓަލުގައި ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ކަމުގައި ރަންދީރުވަނީ ފާހަގަކޮށްފައެވެ.

ރަންދީރު ޕޮޒިޓިވް ވުމާއެކު ކަރިޝްމާ އާއި ކަރީނާ އަދި ބަބީތާ ކަޕޫރުވެސް ޓެސްޓު ކުރިކަމަށާއި އެމީހުންގެ ނަތީޖާ ވަނީ ނެގަޓިވްވެފައި ކަމުގައި އޭނާ ވަނީ ބުނެފައެވެ.