ކުޅިވަރު

"ވެނޮމް"ގެ ޗަރުކޭހާއެކު ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ފެންވަރުގެ ބިލިއާޑް ފެސިލިޓީ

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް ފެސިލިޓީ ހުޅުވައިފިއެވެ.

އެ ފެސިލިޓީ ހުޅުވުމަށް ބޭއްވި ހަފުލާގައި މިނިސްޓަރުންނާއި އެކިއެކި ސަފީރުން އަދި އެސޯސިއޭޝަން ތަކުން ވަނީ ބައިވެރި ވެފައެވެ. ހަފުލާގައި މަޝްހޫރު އާޓިސްޓިކް ޕޫލް ކުޅުންތެރިޔާ ފްލޯރިއަން "ވެނޮމް" ކޮލާގެ ޗަރުކޭސް ދައްކާލާފައި ވެއެވެ. މިވަގުތުވެސް ޕޫލް ޓޭބަލްގައި ދުނިޔޭގެ ހަތް ރެކޯޑެއް ދަމަހައްޓަމުން އަންނަ ޓްރިކްޝޮޓް ޕޫލް ކުޅުންތެރިޔާ ފްލޯރިއަން ވަނީ ރޭގެ ހަފުލާގައި އޭނާގެ މޮޅު ހުނަރުވެރިކަން ދައްކާލާފައެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މި ސަރުކާރުން ތަރައްގީ ކުރަނީ ހަމައެކަނި ފުޓްސަލް އާއި ފުޓުބޯޅަ ދަނޑުތައް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވާފައެވެ.

"އަޅުގަނޑާ ދިމާލަށް ބައެއް ފަހަރު ބުނޭ ހަމައެކަނި ތަރައްގީ ކުރަނީ ފުޓުބޯޅަ ދަނޑުހޭ. ތިއީ ފުޓުބޯޅަ މިނިސްޓަރުހޭ. ހަމައެކަނި މިތަނަށް ބަލާލި ކަމަށްވީނަމަވެސް އެނގޭނެ އަޅުގަނޑުމެން ތަރައްގީ ކުރަނީ ހަމައެކަނި ފުޓުބޯޅަ ދަނޑުތައް ނޫންކަން. ގިނަ އަދަދެއްގެ ޒުވާނުން ފުޓުބޯޅަ ކުޅޭތީވެ، އެ ރަށްރަށަށް ދިޔައިމަ ޒުވާނުން އެދޭނީ ދަނޑަކަށް. ދެން އެކަންތައް ކޮށްދެނީ. އެހެންވިމާ ކުރެވޭ އަދަދު ގިނަވީމަ މި ޝަކުވާއެއް މިކުރެވެނީ. ހަގީގަތުގަ ކުޅިވަރަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަކުރެވޭ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މަހުލޫފް ވިދާޅުވީ ކުޅިވަރުގެ ކަންކަން ފަސައިހައިން ކުރެވެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަންކަމަށް ދެއްވާ އަހަންމިއްޔަތުގެ ސަބަބުން ކަމަށާއި، ރައީސަށް ކުޅިވަރު އެނގިވަޑައިގަތުމަކީ ފަސޭހައިން ކުޅިވަރު ކަންކަން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބިލިއާޑް ހޯލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުނީ 2020 ވަނަ އަހަރު ސެޕްޓެންބަރު މަހުއެވެ. އެ މަސައްކަތް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ފެށީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކުގައެވެ.