ޚަބަރު

ހެކި ނެތުމުން ހައިލަމަށް ކުރާ މަނީލޯންޑްރިންގެ މައްސަލަ ފުލުހުން ފައިލްކޮށްފި

އަލީ އަފާފް ރަމީޒު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމުން، އޭނާގެ މައްޗަށް ކުރާ މަނީލޯންޑްރިންގެ މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މުއާމަލާތްތަކުގެ ރިޕޯޓެއްގައި އަލްހާން ފަހުމީ، މެއި 19، 2019 ގައި ހައިލަމްގެ އެކައުންޓަށް 200،000ރ. ފޮނުވާފައިވާ ކަމަށްވެއެވެ. އެއީ މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރެވޭތީ، އޭނާ ވަނީ ފުލުހަށް ހާޒިރުކޮށް، މައްސަލަ ބަލައިފައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ތަހުގީގީ މަރުހަލާ ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ފެންނާތީ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ބުންޏެވެ.

އެކަމާ ގުޅިގެން ހައިލަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހަށް އިންތިހާބުވެފައިވާ ބައެއް މެމްބަރުންތަކެއްގެ ނުފޫޒުން ހިންގުނު ޣައިރު ގާނޫނީ ތަހުގީގެއް ކަމަށާއި އެ މައްސަލަ ފައިލްކުރެވުނު ފަހުން އަށް މަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ޕީޖީ އޮފީހުން ފުލުހުންނަށް ދީފައިވަނީ ޣައިރު ގާނޫނީ ލަފައެއް ކަަމަށެވެ.

ހައިލަމް މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާއަށް ތުހުމަތު ކުރަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރެގެން ވިޔަފާރިކުރުމުގެ ތުހުމަތު ކަމަށާއި ނަމަވެސް އޭނާ ކުރި ވިޔަފާރިއެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 59 ވަނަ މާއްދާ ބަޔާންކުރާ ގޮތުން ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ފަނޑިޔާރަކަށްވެ ހުރެ ވިޔަފާރިީގެ އެއްވެސް އަމަލެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިނުވާނެ ކަމަށް ވެސް ހައިލަމް ވިދާޅުވެފައިވެއެވެ.

ހައިލަމް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައިވާނެ ކަމަށާއި ގާނޫނީ ހަމައަކުން ބަލާނަމަ އެއީ ކުރެވިގެންވާނެ ތުހުމަތުތަކެއްވެސް ނޫން ކަމަށެވެ. އަދި އަލްހާން އަތުން ނެގި 200،000ރ. އަކީ ފަހުން އަނބުރާ ދޭ ގޮތަށް ނެގި ލޯނެއް ކަމަށާއި އެ ފައިސާ އަދި އަލްހާނަށް ދައްކާފައި ނުވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި އޭނާ ސަސްޕެންޑުކޮށް ގާޒީކަމުން ވަކި ކުރަން ނިންމާފައިވަނިކޮށް، އޭނާ ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. ހައިލަމް ފޮނުވި ކުރެހުމެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައިފައެވެ.