ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ހޯދައިފިއެވެ.

ދަރުމަވަންތަ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުން މީގެ ކުރިން ވަނީ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ހޯދައިފައެވެ.

ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރީ ސުކޫކު ވިއްކާ އަދަދުގެ 51 އިންސައްތަ އަގުހުރި މުދަލެއް ސުކޫކު ވިއްކާ ފަރާތުން ގެރެންޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭތީއެވެ.

ރޮއިޓާސްގައި މިމަހުގެ 26 ވަނަ ދުވަހު ބުނެފައިވާ ގޮތުގައި ރާއްޖޭން މި ސްކޫކުން 1.5 ބިލިއަން ރުފިޔާ ހޯދާފައިވަނީ ފަސް އަހަރު ދުވަހުން އަނބުރާ ފައިސާ ދައްކަން ގޮތަށް 10.5 އިންސައްތައިގެ އިންޓްރެސްޓެއްގައެވެ.

ސަރުކާރުން 100 މިލިއަން ޑޮލަރު ހޯދާފައިވަނީ އެމިރޭޓްސްގެ އެންބީޑީ ކެޕިޓަލް އާއި އެޗްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެން އިޝޫކުރި 200 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ.

ސުކޫކު ވިއްކައިގެން ލިބުނު 200 މިލިއަން ޑޮލަރު ބޭނުންކޮށްފައި ވަނީ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ކަމަށް ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވެފައިވެއެވެ.