މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރީންނާއި ރައްޓެހިންނާ ބައްދަލުކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި މި ގަރާރު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ގަރާރުގައި، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރީންނާއި ރައްޓެހިންނާ ބައްދަލުކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން އިސް ނަގައިގެން އެ ފަދަ މަރުކަޒެއްގެ މަަސައްކަތް ފެށުމަށް ވަނީ ގޮވާލައިފައެވެ.

މި ގަރާރުގައި ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެ މައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް އުނދަގޫތައް ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރިންނާއި ހީ ސަމާސާކޮށް މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހައިލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއް ވަރަށް މުހިންމު ކަމަށްވެސް އެ ގަރާރުގައިވެއެވެ.

ގަރާރުގައި ވަނީ ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށާއި މިޔުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިބި ކަމަށެވެ. އެހެންކަމުން، މިޔުޒިކް ރެކޯޑިންގް ސްޓޫޑިއޯ އާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭ ކަމަށާއި ރަނގަޅު އަދަދެއްގެ އޯޑިއެންސަކަށް ޝޯ ދެވޭނެ އިންތިޒާމު އެ މަރުކަޒުގައި ހަމަޖެހުން މުހިއްމު ކަމަށެވެ.

ގައުމެއްގެ ގައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް އުންސުރަކީ އެ ގައުމެއްގެ ސަގާފަތް ކަމަށާއި ސަގާފީ ކުޅިވަރާއި މިޔުޒިކާއި ކުރެހުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ވާހަކަ ދައްކައި އުޅޭ ބަހާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށެވެ. ރާއްޖޭގެ ގައުމިއްޔަތުގެ ވެސް އެންމެ މުހިއްމު އެއް އުންސުރަކީ ދިވެހި ލަވަޔާއި މިޔުޒިކު ކަމަށާއި ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ކުޅިވަރުތަކާއި ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށްވެސް ގަރާރުގައިވެއެވެ.

މިކަންކަން މިއަދު މިވަނީ ނެތި ދިއުމުގެ މަގުމަތީގައި ކަމަށާއި ދިވެހި ލަވަ އާއި މިޔުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާން ޖެހިފައި އޮތް ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ދިވެހީންގެ ސަގާފަތް އަންނަން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށްވެސް ގަރާރުގައިވެއެވެ.