އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު ގަރާޖުގައި އެ އުޅަނދު ބޭއްވުމަށް ހުށަހަޅާ ލިޔުން ކަމުގައިވާ ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖުގައި އެ އުޅަނދު ބޭއްވުމަށް ހުށަހަޅާ ލިޔުން ކަމުގައިވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށްފަހު، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުއްވަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އެވެ.

ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަކަށް ބުނެ ގަވައިދު އުވާލައިގެން އެކަމެއްގެ އަސާސެއް ފިލައިގެންނުދާނެ ކަމަށާއި އެ ކޮރަޕްޝަންގައި ހިމެނުނު ފަރާތްތަކަށް އަދު ދެވެންޖެހޭ ކަމަށެވެ.

އީވާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެ ހުށަހެޅުން ފާސްވީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި އިސްލާހަކީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ހުށަހެޅުއްވި ބިލެކެވެ.

އެ ބިލު ދިރާސާކޮށް ކޮމިޓީން ގެނައި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި، ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށެވެ.

ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހެޅުން ލާޒިމެއް ނޫން ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ބުނެފައި ވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

ގަރާޖު ސިޓީއެއްގެ އަގު 75،000 އަށްވުރެ މަތީގައި އުޅޭއިރު، އެގޮތަށް ގަރާޖު ސިޓީ ދީގެން އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރަޖިސްޓްރީ ކުރުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.