ހަތާވީސްވަނަ ބައި

"ހާދަ ދެލޯ ރަތޭ. ރޭގައި ނުނިދަނީތަ؟" ވިއާނަށް ބަލައިލާފައި ފުރަތަމަވެސް މާމަ ބުނެލިއެވެ. އެވަގުތު އަހަރެންނަށް ވިއާނަށް ބަލައިލެވިއްޖެއެވެ. އެއީ ވިއާން ވެސް އަހަރެންނަށް ބަލައިލި ވަގުތެވެ. މާމަ ބުނިހެން ވިއާންގެ ދެލޮލުގައި ރަތްކަމެއް ހުއްޓެވެ. އަހަަރެން އަވަސް އަވަހަށް ވިއާނާ ނަޒަރު ވަކިކޮށްލާ ދުރަށް ޖެހިލީމެވެ. އަހަރެން ގޮސް ހުއްޓުނީ ބަދިގެ ތެރެއިން މަގުމަތި ފެންނަ ގޮތަށް ހުރި ކުޑަދޮރު ކައިރީގައެވެ. މޭޒު ކައިރީގައި މާމަ އާ ވިއާން ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އަހަރެންނަށް މާބޮޑަށް ސާފެއް ނުވެއެވެ.

"ދަރިފުޅާ އާދޭ އަވަހަށް ސައިބޯން" ރީޝަމްގެ ފޯނެއްގައި ހުއްޓާ މާމަ ގޮވައިލިއެވެ. ފޯނު ކުރުކޮށްލާފައި އައިސް އަހަރެން މޭޒު ކައިރީގައި އިށީނީމެވެ. އޭރު މާމަ ތައްޓަށް ރޮށި ފިލުވަން ފަށައިފިއެވެ.

"މަލް މިއަދު އާޓާ ރޮށި ކާންވީނުން. ދެތިން ރޮށި ބާކީ އެބައޮތް. މާމައަށް މިއަދު ތަންކޮޅެއް ގިނައިން ފިހުނީ" މާމަ ބުނެލިއެވެ. އަހަރެން ދެބަހެއް ނުވެ މާމަ ބުނި ފަދައިން ކަންތައް ކުރީމެވެ.

"ވިއާން ސައިބުއިތަ؟" އަހަރެން އެހީމެވެ.

"އާނ. މަސްހުނި ތައްޔާރުކުރީ މަލް އޭ ބުނީމަ ވަރަށް މީރޭ ކިޔާފަ ވަރަށް ރަނގަޅަށް ކެއި. ހީވަނީ މޫޑު ވަރަށް ރަނގަޅުހެން" މާމަ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ހީކުރީ އަދިވެސް އެރުޅިގަނޑު ކެކިކެކި ކަމަށް ހުންނާނީ" އަހަރެން ބުނީމެވެ.

"ތިގޮތަށް ވާހަކަނުދައްކައި ހުރެގެން އެއްވެސް ކަމަކަށް ހައްލެއް ނުލިބޭނެ" މާމަ ބުނެލިއެވެ.

"ކަމުގެ ދެކޮޅުނުބަލާ ރުޅި އިސްކުރީވެސް ވިއާން. އެހެންވީމަ ކުރިން ވާހަކަދައްކަން ޖެހޭނީ ވިއާން. ވިއާން ޖެހޭނީ އަޅުގަނޑުގެ ކައިރީގަ ސޮރީ ބުނަން" އަހަރެން ބުނީމެވެ. އަހަރެން މިފަހަރު ހުރީ އެހާ ފަސޭހައިން ވިއާނަށް ދޫ ދޭގޮތަށް ނޫނެވެ.

"މަލް، މާމަ ބުނަންތަ ވާހަކައެއް. ދިރިއުޅުމެއް އުޅެވޭނީ ކޮންމެހެން ވަކިނުވެވޭ ވަރަށް އެކަކު އަނެކަކު ދެކެ ލޯބިވެގެނެއް ނޫން. ލޯބިވެ އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލުމަކީވެސް މުހިންމު ކަމެއް. ހަމަ އެހެންމެ ދެމަފިރިންގެ ދެމެދުގައި އިތުބާރުގެ ވާފަށް ނުކެނޑި އޮތުންވެސް ވަރަށް މުހިންމު. އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުން. މައްސަލަ ނުޖެހޭނެ އެއްވެސް ކައިވެންޏެއް ނޯންނާނެ. ދިރިއުޅުމުގައި އެއްވެސް ކަމެއް ދިމާވެގެން އެކަކު އަނެކަކާ ވާހަކަނުދައްކާ ރުޅި މޫނު ހަދައިގެން ހުންނަންވެއްޖިއްޔާ ރީތި ކުރެހުމެއްގައި ޖައްސާފައި ހުންނަ ކުލަ ދުވަހެއް ދުވަހަކަށް ފަނޑުވަމުންދާ އުސޫލުން ލޯބިން ޖަހައިލި ކައިވެނީގެ ގޮށް ވެސް ދާނީ މަޑުމަޑުން ދޫވަމުން މޮހެމުން. އެހެންވެ މާމަ މި ބުނަނީ އެކަކު އަލިފާނަށް ވީމަ ވަގުތުން އަނެކަކު ޖެހޭނެ ފެނަށް ވާން. ދެމީހުން އަލިފާނަށް ވީމަ ކިހިނެއްވާނީ. އަނދައިގެން ދާނީނު. އޭރުން ފަހުން ކުރަންޖެހޭ ހިތާމަ މާ ބޮޑުވާނެ. ވިސްނޭއިރު އޮންނާނީ ވަގުތު ފާއިތުވެފަ" މާމަ ވާހަކަދެއްކިއެވެ.

"ތިހުރިހާ ކަމަކާ އަޅުގަނޑު ވިސްނާން. މާމަ ވިއާން ކައިރީގައިވެސް ތިވާހަކަ ދައްކަބަލަ. ރޭގައިވެސް އޭނައެއްނު ރުޅި އައިސްގެން އަލިފާނަށް ވެގެން އުޅުނީ. އަޅުގަނޑު ވިއާން ކުރިމަތީގައި ޒުވާބު ކުރިތަ؟ ނޫނެއްނު. އެހެންވީމަ މިފަހަރު ހަމަ ވިއާން އަންނަންޖެހޭނީ މަޢާފަށްއެދެން" އަހަރެން ބުނީމެވެ. މާމަ ހީލިއެވެ. ދެފަރާތަށް ބޯހޫރާލާފައި ހެމުން މާމަ ގޮނޑިން ތެދުވެގެން ކެއި ތަށި ހިފައިގެން ހިނގައިގަތެވެ.

މެންދުރުގެ ކެއުން ނިންމާލާފައި އެންމެން ތިބީ ސިޓިންރޫމު ސޯފާގައެވެ. މައިގަނޑު ގޮތެއްގައި ތަނުގައި ދެކެވެމުން ދިޔައީ އަހަރެމެންގެ ކައިވެނީގެ ވާހަކަތަކެވެ. ވިއާނާ މާމަ ދިގު ސޯފާގައި އިންއިރު އަހަރެން އިނީ ވަކިން ހުރި ސޯފާގައެވެ. އަހަރެން ޓީވީއަށް ބަލަހައްޓައިގެން އިންއިރު އިރުކޮޅަކާ މާމައަށް އަދި ވިއާނަށްވެސް ބަލައިލެވެއެވެ.

"މާގިނަ މީހުނެއް ނާންނާނެ. ހަމައެކަނި ރަހްމަތްތެރިންކޮޅެއް. އަޅުގަނޑުގެ ފަރާތުން އާއިލާއަކީ މާމަ އާ ޝާޑު. ދެ ހެކިވެރިންގެ ތެރެއިން އެކަކަކީވެސް ޝާޑު. އެހެންވީމަ އޭނަ ހުންނާނެތާ. މަލް ގެ ފެމެލީއަކީވެސް ހަމަ މާމަ. އެހެންވީމަ ވަރަށް ސާދާކޮށް މިކައިވެނި ވެގެންދާނީ. ދެރައީ އެދުވަހު މާމައަށް ތަންކޮޅެއް ބުރަވާނެތީވެ. ތަންކޮޅެއް ގިނައިން ކައްކަންޖެހޭނެތާ" ވިއާން ވާހަކަދެއްކިއެވެ.

"އެއްވެސް ކަމެއް މާމައަށް ބުރައެއްނުވާނެ. ބުރަވާނީ އެއްފަހަރާ ހުރިހާ ކަމެއް ކުރަންވީމަ. މާމައަށް އިނގޭ ބުރަނުވާގޮތަށް މަސައްކަތްތައް ބައްޓަން ކުރަން" މާމަ ބުނެލިއެވެ.

"މާމައަކަށް ހިއެއްނުވޭތަ މަލް މިހާރު ވަރަށް ފަލަހެން" ވިއާން ބުނެލިއެވެ. އެވަގުތު ޓީވީން ނަޒަރު ވަކިކޮށްލާފައި އަހަރެންނަށް ދެބުމަ ގޮށްޖަހައިލަމުން ވިއާނަށް ބަލައިލެވުނެވެ. ވިއާން އަހަރެންނަށް ބަލަން އިނީ ހިނިތުންލައިގެންނެވެ.

"އެކްސްކިއުޒްމީ. މާމާ، މިތަނުގަ ތިބި މީހުން ކައިރިގައި ބުނޭ އަޅުގަނޑަށް ކިޔަނީ މަލްއެއް ނޫނނޭ. އަޅުގަނޑަށް ކިޔަނީ މަލްހާ. ހަމައެކަނި މަލްހާ. ކުރިއަށްވެސް ފަހަތަށްވެސް އިތުރު ނަމެއް ނީނދޭ" އަހަރެން ބުނީމެވެ. އަދި ތުންއަނބުރާލާފައި އެތަނުން ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ.

އެނދުގައި އޮށޯވެގެން އަހަރެން އޮތީ ފިލާވަޅުތައް މުޠާލިޔާ ކުރުމުގައެވެ. ބަންޑުން މޭަދަށަށް ބާލީހެއް ލައިގެން އޮތްއިރު އިރުކޮޅަކާ އަތުގައި އޮތް ފަންސުރު އަނގައިގެ ތެރެއަށްލައި ދެ ދަތްޕިލަ ދޭތެރޭގައި ފިއްތައިލެވެއެވެ. ކައިރީގައި އޮތް ފޯނަށް މެސެޖެއް އައުމުން ފޯނު ނަގައި ބަލައިލިއިރު ވިއާނެވެ. ހަމައެކަނި ސޮރީ އޭ ބުނެފައި އިން މެސެޖެކެވެ. އެތައް އިރަކު ފޯނަށް ބަލަހައްޓައިގެން އިނދެފައިވެސް އަހަރެން ރިޕްލައިއެއް ނުކުރަމެވެ. ފޯނު ބާއްވާފައި އަނެއްކާވެސް އަހަރެން ސަމާލުކަންދިނީ ފިލާވަޅުތަކަށެވެ. އަނެއްކާވެސް މެސެޖެއް އައުމުން ބަލައިލިއިރު ހަމަ ވިއާނެވެ. ކުރިއެކޭ އެއްފަދައިން މިފަހަރުވެސް މަޢާފަށް އެދިފައެވެ. އެހާ ދިގު މެސެޖެއްގައި 'ސޮރީ' މި ނޫން އެހެން އެއްވެސް ލަފްޒެއް ނެތެވެ. ދެރަވެ ރޮވިފައިވާ އިމޮޖީތަކެއްވެސް ހުއްޓެވެ. އަހަރެން ކައިރިއަށް ހިނިއައެވެ. އެކަމަކުވެސް އަޅައެއް ނުލަމެވެ. ހަމަ ގޮތުގައި ހިފަހައްޓައިލީމެވެ. ފޯނު ހަމަ ދުރުގައި ބޭއްވިތަނާ ފޯނު ރިންގުވާން ފަށައިފިއެވެ. ވިއާނެވެ. ފޯނު ބިޒީކޮށްލާފައި ފޯނަށް ބަލަހައްޓައިގެން އިނދެވުނީ ހިނިތުންވެލައިގެނެވެ. ފަހުން ވިއާންގެ އެއްވެސް ހަބަރެއް ނުވިއެވެ. އެހެންކަމުން އިތުރަށް ވަގުތު ބޭކާރުނުކޮށް އަހަރެން ފިލާވަޅުތައް ދަސްކުރަން ފެށީމެވެ.

އަސުރާ ހަމަޔައަށް އަހަރެން ފޮތް ހިފައިގެން އެނދުގައި އޮތީމެވެ. ދެން ތެދުވެގެން ގޮސް ފެންވަރައިގެން ނިކުމެ ނަމާދަށް އެރީމެވެ. ލޯގަނޑު ކައިރީގައި ދެއަތުގައި ލޯޝަން ހާކަން ހުއްޓާ ސައިޑް ކަބަޑު މަތީގައި ޗާޖަރަށް ޖަހާފައިވާ ފޯނު ރިންގުވާން ފަށައިފިއެވެ. ތިރިން އަނދެގެން ހުރި ސާފު ހުދުކުލައިގެ ތުވާލި ވަކިކޮށް އެނދުގައި ލާންވެގެން ނަގާފައި ބޭއްވި ދިގު ހަރުވާޅު ލައިގެން ގޮސް ފޯނު ބަލައިލިއިރު ގުޅަނީ މާމައެވެ. އަހަރެންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އަހަރެން ގޭގައި ހުއްޓާ އަހަރެންގެ ފޯނަށް މާމަ ގުޅަނީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ. ދެވިސްނުމެއްގައި ހުރެފައި ފޯނު ނެގިއިރު ރަނގަޅަށްވެސް އެކޮޅުން ވަހަކަދެއްކީ މާމައެވެ.

"އެބަދަން" އަހަރެން ބުނީމެވެ. މާމަ އެދުނީ ނަމާދުކޮށްގެން ބަދިގެއަށް އައުމަށެވެ. ކާއެއްޗެއް ހަދަން މާމައަށް އަހަރެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުންޏެވެ. އަހަރެން ކޮޓަރިން ނިކުތީ އެނދުމަތީގައި ބެއްވި ތެތް ތުވާލި ބެލްކަނީގައި ހުރި ހަރުގަނޑުގައި އަޅުވާލާފައެވެ.

"މާމާ" ގޭތެރެއިން އަހަރެންނަށް މާމައެއް ނުފެނުނެވެ. އެހެންނަމަވެސް ވަރަށް މީރު ވަހެއް އަހަރެންގެ ނޭފަތުގައި ޖެހިއްޖެއެވެ. ހީވީ މޭ ފުރިގެން އައިހެންނެވެ. އެތެރެއަށް ނޭފަތް ދަމައިލާފައި ހިނިތުންވެވިއްޖެއެވެ. ވަސް އަންނަ ދިމާލަށް ދިޔައިރު އެތަނުންވެސް މީހަކު ފެންނަން ނެތެވެ. އިސާހިތަކު ކޭކުގެ ވަސް މުޅި ގޭތެރެއަށް ފެތުރިއްޖެއެވެ. ސިޓިންރޫމު މެދުގައި އަހަރެންނަށް ހުރެވުނީ ދާންވީ ވަކި ކޮޅެއް ނޭނގިފައެވެ. މާމައަށް ގުޅަން އަތުގައި ފޯނު ނެތްކަން އިނގުމުން ކޮޓަރި އާ ދިމާލަށް ދާން ހިނގައިގަތީމެވެ. އެހިނދު ފުރަގަހުން މީހަކު އަހަރެންގެ ގައިގައި އައިސް ތަތްވެއްޖެއެވެ. އަހަރެންގެ ބަނޑުގައި ދެއަތް ވަށާލާފައި ކަންފަތާ މޫނު ކައިރިކޮށްލާފައި ހޫނު ނޭވާއެއް ދޫކޮށްލިއެވެ. ވަގުތުން އެއީ ވިއާންގެ އަމަލެއްކަން އަހަރެންނަށް އިނގުނެވެ. ވިއާންގެ ބީހުން އަބަދުވެސް އަހަރެންނަށް ތަފާތެވެ.

"ސޮރީ ޖާނާ ފުރާނަޔާ. އައިމް ރިއަލީ ވެރި ސޮރީ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. އެނބުރިލާފައި އަހަރެން ވިއާނާ ހަތަރުކަޅި ހަމަކޮށްލީމެވެ. އަދި ހިނިތުންވެލާފައި ވިއާންގެ ދެއަތުގައި ހިފީމެވެ. އެ ދެއަތް ތިލައިގައި އަހަރެން ބޮސްދިނީމެވެ.

"އެޕޮލޮޖީ އެކްސެޕްޓެޑް" އަހަރެން ބުނީމެވެ. އެހިނދު ވިއާން ހީލިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ހުރެ މަޑުމަޑުން ހިނގާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެހިނދު އަހަރެންނަށް ފެނުނީ ކޮޓަރި މެދުގައި ތައްޔާރުކޮށްފައި ހުރި މޭޒެއް މަތީގައި ހުރި ކޭކެވެ. އަހަރެންނަށް އަނގަ މަތީގައި އަތް އެޅުނެވެ.

"ވާއު... މައި ފޭވަރިޓިން ބްލޫ ވެލްވެޓް ކޭކް" އަހަރެންނަށް ބުނެވުނެވެ. ކޭކު މަތީގައި ޖަހާފައިވާ 'ސޮރީ' އަހަރެންނަށް ފެނުނީ ކައިރިވި ފަހުންނެވެ. ވިއާން ފުރަގަހުން އަހަރެންނާ ކައިރިވެލާފައި އަހަރެން އަތަށް ކުޑަ ވަޅި ދިނެވެ. އެ ކޭކުން ކޭކު ކޮޅެއް ވަކިކޮށްލުމަށްފަހު އަހަރެން ވިއާނަށް ދިނީމެވެ. އެއަށްފަހު ދެން ކެއީ އަހަރެންނެވެ. ކާން ފެށި ގޮތަށް ހުއްޓައެއްވެސް ނުލެވުނެވެ.

ފަހުން ވިއާން އަހަރެން ގޮވައިގެން ނިކުތީ ސިޓިންރޫމަށެވެ. ސޯފާގައި އަހަރެން ބައިންދާފައި ކޭކުގެ ބާކީ ބައި ހިފައިގެން ގޮސް އައިސްއަލަމާރިއަށް ލިއެވެ. އަހަރެން ކައިރީގައި އިށީނދެފައި އަނެއްކާ ސޮރީ އޭ ބުނެފިއެވެ.

"އެއީ އަހަރެން ބުނީމެއްނު ކައިވެނީގެ ކުރިން އަހަރެން މަލްގެ އިނގިއްޔެއްގައި ވެސް އަތްނުލާނަމޭ. އެކަމަކު މިއަދު ހަމަ ހިތަށް ކެތްނުވީ. އަހަރެން އެވަރަށް މެސެޖްކުރީމަ ވެސް މަލް އަހަރެން އިގްނޯ ކުރީ ވިއްޔާ" ވިއާން ބުނެލިއެވެ.

"ކުރާނެއްނު. ވިއާން އެހާ ރުޅިގަދަކަމެއް ނޭނގޭ ކުރިއަކުން" އަހަރެން ބުނީމެވެ.

"އެހާ ރުޅިގަދަކަމެއް އަހަރެންނަށްވެސް ނޭނގޭ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ.

"އަޅެ މާމަވެސް ރަނގަޅެއްނު. އަހަރެން ކައިރީގައި އެއްޗެއް ކައްކަން މާމައަށް ހެލްޕްވާން އަންނާށޭ ކިޔާފަ. ކޮބާތަ މާމަ؟" އަހަރެން ބުނީމެވެ.

"ހެހެހެ. މާމަ ނެތް ގެޔަކު. މާމަ އެހެން ބުނީ އަހަރެން ބުނީމަ. އިނގޭ ވިއްޔާ އަހަރެން ބުނެގެން މަލް ކޮޓަރިން ނުނިކުންނާނެކަން" ވިއާން ބުނެލިއެވެ.

ގޭތެރެއަށް ވަދެގެން އައި މާމައަށް އަހަރެންނާ ވިއާން އެކުގައި ފެނުމުން ހީލިއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން އަހަރެންގެ ބޮލުގައި މާމަ ފިރުމައިލިއެވެ. މާމަ ގެއަށް އައިރުވެސް އަހަރެންނާ ވިއާން ތިބީ ހަމަ އެތަނުގައެވެ. އެކަމަކު ކޮޓަރިއަށް ވަދެފައި ބަދިގެއަށް ދަމުން މާމަ އަހަރެންނަށް ގޮވައިލިއެވެ. އަހަރެން ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ.

"މާމަ އާ އެކު ވިޔަފާރިކޮށްލަން ދާން އެބަޖެހޭ" ގަނެގެން އައި ތަރުކާރީތައް އައިސްއަލަމާރިއަށް އަޅަމުން މާމަ ވާހަކަދެއްކިއެވެ.

"ހަމަ ދާންވީ" އަހަރެން ބުނީމެވެ.

"އަދި މާމަ އެބައޮތޭ މުހިންމު ވާހަކައެއް ދައްކަންވެފަ. މިރޭ ކޮންމެސް ވަގުތަކުން މާމަގެ ކޮޓަރިއަށް އަންނައްޗެ" މާމަ ބުނެލިއެވެ.

ދުވަހުގެ ބަކީ ވަގުތުތައް އަހަރެން ހޭދަކުރީ މާމަ އާ އެކު ބަދިގެ ތެރޭގައެވެ. ރެއަށް ކާއެއްޗެހި ތައްޔާރު ކުރުމަށާއި ދުނިޔޭގެ ވާހަކަތަކުގައެވެ. ދޭތެރެއަކުން ވިއާން ބަދިގެއަށް ވަދެ މާމައަށް އަތްގާތްކޮށް ދެއެވެ. ބަދިގެ ތެރޭގައި އަހަރެމެން ހޭދަކުރީ އުފާވެރި ވަގުތުތަކެކެވެ. ސަމާސާ ވާހަކަތަކާ ވިއާން ކުޑައިރު ކޮށްފައި ހުރި މަޖާ ވާހަކަތައް މާމަ ކިޔައިދިނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ވަނީ މަޣްރިބް ނަމާދަށް ގޮވަން ފެށުމުންނެެވެ.

މާމަ އެދުނު ފަދައިން ރޭގަނޑުގެ ކެއުމުގެ ފަހުން އަހަރެން އެކޮޓަރިއަށް ވަނީމެވެ. ކައިިރީގައި ބައިންދައިގެން އިނދެ ކިޔައިދިނީ މިހާތަނަށް މާމަގެ ފަރާތުން އަހަރެންނަށް އިނގެންޖެހޭ އެންމެ މުހިންމު ވާހަކަތަކެވެ. އެކަންކަމާ މާމަ ވިސްނާތާ އެތައް ދުވަހެއްވެއްޖޭ ބުނެލިއެވެ. އެކަމުގެ ފައިދާ އާ އާޚިރަތުގެ ގިނި މާމަ އަންގައިދިނެވެ. އެއީ އަންހެންކުއްޖެއްގެ ދިރިއުޅުމަށް ގެނެވޭނެ އެންމެ މުހިންމު ބަދަލުކަން މާމަ އަހަރެންނަށް ވިސްނައިދިނެވެ. އަދި މިހާރު އެކަމަށް ބަދަލު ގެންނަންވީ ވަގުތު ޖެހިއްޖެކަން މާމަ އަންގައިދިނެވެ.

"ދަރިފުޅާ، ދުނިޔޭގައި ހުއްޓާ އަންހެން ދަރިއަކު ލިބިއްޖެނަމަ އެދަރިފުޅަށް ވިސްނައިދޭންވާނެ ނިވައިވުމަކީ އަންހެނެއްގެ ރީތިކަން ގެއްލޭ ކަމެއް ނޫންކަން. އެއީ ރީތިކަން އިތުރުވާ ކަމެއްކަން އަންގައިދޭން ޖެހޭނެ" މާމަގެ އެޖުމްލަތައް ވަކިން އަހަރެންގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ވިއެވެ.

"ކިހިނެއްވީ؟" އަހަރެން ފެނުމާއެކު ކޮޓަރިން ނިކުތް ވިއާން ދެލޮލުގެ ބުމަ އަރުވައިލަމުން އެހިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. މާމަ އަހަރެން ކައިރީގައި ދެއްކި ވާހަކަތައް އަދި ވިއާނަށް އަންގައިދޭން ބޭނުމެއް ނުވިއެވެ. ބަދަލު ގެނެސްފައި އަހަރެން ބޭނުންވަނީ ވިއާނަށް ދައްކާށެވެ. ކުއްލިއަކަށް އަހަރެން ފެނުމުން ވިއާނަށް ވާގޮތް ކައިިރިން ބަލައިލުމަށެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކާ ވާހަކަދައްކަމުން ގޮސް ނިކުތީ ސިޓިންރޫމުން ނިކުމެވޭ ބެލްކަންޏަށެވެ.

އަހަރެންނަށް ބަލައިލެވުނީ އުޑުމެދުގައި އިން ފުރަހަމަ ހަނދަށެވެ. ބުރުހަމަ ހަނދުގައިވާ އޮރެންޖް ކުލަ އަހަރެންނަށް ވަރަށް ކަމުދިޔައެވެ. ހަނދުގެ ވަށައިގެން ޖަވާހިރުކޮޅިތަކެއް ފަދައިން ވިދަމުންދިޔަ ތަރިތައް ރޭގެ ރީތިކަމަށް އިތުރު ފުރުހަމަކަމެއް ގެނުވައެވެ.

"ހާދަ ރީތި ރެއެކޭ ދޯ" އަހަރެންނަށް ބުނެވުނެވެ. އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލާފައި އުޑަށް ވިއާންގެ ނަޒަރު ހުއްޓުނުކަން އަހަރެންނަށް އިނގުނެވެ.

"މަލްއަށް އިނގޭތަ؟ މީގެކުރިން މިކަހަލަ ކަންކަން އަހަރެންގެ ދިރިއުޅުމުގަ މުހިންމެއްނޫން" ވިއާން ބުނެލިއެވެ.

"ކޮންކަމެއް؟" އަހަރެން ރެއިލުންގައި ލެގިލާފައި ގޭތެރެއަށް ކުރިމަތިލީމެވެ. ހަމަ އެފަދައިން ވިއާންވެސް އަހަރެންގެ ގާތުގައި ހުއްޓުނެވެ.

"އަހަރެންނަށް އެއްވެސް އެއްޗެއް ރީއްޗެއްނޫން. ބުރުހަމަ ހަނދު މީގެކުރިންވެސް އަހަރެން ދެކެން. އެކަމަކު އެކަހަލަ ކަންކަމާ ދުލުން ތައުރީފު ކޮށްލާނެ ވިސްނުމެއްނާދޭ" ވިއާން ބުނެލިއެވެ.

"އަހަރެންގެ މާޒީ ވަރަށް ކަޅު. މަލް އާ ކައިވެނިކުރަން އުޅޭއިރު ހިތަށްއަރައި ކައިވެނީގެ ފަހުން ވާނީ ކިހިނެއްބާއޭ. މަލް ކަންތައްކުރާނީ ކިހިނެއްބާއޭ" ވިއާން ވާހަކަދެއްކިއެވެ.

"ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެ. އެކަންކަމާ ނުވިސްނާ. އަހަރެން ބުނިގޮތަށް ވިއާން އިސްތިޚާރާ ނަމާދު ކުރައްޗެ އިނގޭ. އޭރުން އެއްވެސް ކަމެއް ގޯހެއްނުވާނެ" އަހަރެން ބުނީމެވެ.

"މަލް،އަހަރެން ވާހަކައެއް އަހަންތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ވިއާން އެހިއެވެ. އަހަރެން ބޯޖަހައިލީމެވެ.

"މިގެއަށް އެންމެ ފުރަތަމަ މަލް އައިރު އަހަރެންނާ މެދު ވަރަށް ފާޑުފާޑުގެ އެއްޗެހި ވިސްނިކަން އިނގޭ. މިބުނީ އަހަރެންގެ ކޮޓަރިން އެފޮޓޯ ފްރޭމް ފެނުމުން. އަނެއްކާ އަހަރެންގެ ވާހަކަ މާމަ ކައިރީގައިވެސް ދެއްކި. މަލްއަށް ހުންނާނީ އަހަރެންގެ އެކަނިވެރި ދިިރިއުޅުމާ ގުޅިގެން ވަރަށް ގިނަ ކަންކަން އިނގިފަ. މިހާރުވެސް އަހަރެން މިބުނަނީ އަހަރެންގެ މަލް ހިތަށްވެސް ނާރާ ވަރުގެ ކަޅު މަޒީއެއް އެބައޮތޭ. މިހެން ބުނީމަ މަލް ހިތަށް އަރަނީ ކީކޭ؟" ވިއާން އެހިއެވެ. ވިއާންގެ އެވާހަކަތަކަށްފަހު އަހަރެން ވިސްނާލަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އެހެން ހުރެފައި އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

"އަހަރެންނަކަށް ނޭނގޭ. އިނގެނީ ތިބުނާ ދުވަސްކޮޅު އަހަރެން ބޮލުން ރިހުން ނުފިލާކަން. ކޮންމެ ކަމެއް ވިޔަސް ވަގުތު ޖެހުނީމަ އިނގޭނެއްނު. އަހަރެން މިހާރު ނުވިސްނަން ތިކަންކަމާ" އަހަރެން ބުނީމެވެ.

ދޮރު ބެލްއަޅައިލި އަޑު އިވުނީ އެވަގުތުއެވެ. އަހަރެން ދޮރު ހުޅުވަން ދިޔުމުން ވިއާން އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވައިލިއެވެ. ދޮރު ހުޅުވައިލުމާއެކު އަތުން ދޮރުފަތް އެތެރެއަށް ކޮށްޕާލާފައި އެތެރެއަށް ވަނީ ޒިޔާންގެ ބައްޕަ ނޫން ދެވަނަ އިންސާނެއް ނޫނެވެ. ދޮރުފަތުގައި އިނގިލި ކޮޅު ޖެހުނުލެއް ބާރުކަމުން އަހަރެންގެ އަނގައިން އާހެއްގެ އަޑު ބޭރުވިއެވެ. ވިއާން އަހަރެނަށް ބަލައިލުމާއެކު ފުންމައިގެން އައިސް އަހަރެން ކައިރިއަށް ޖެހިއްޖެއެވެ. ޒިޔާންގެ ބައްޕަ ފެނުމާއެކު ވިއާންގެ މޫނުމައްޗަށް އައި ބަދަލު އަހަރެންނަށް ފާހަގަވިއެވެ. ޒިޔާންގެ ބައްޕައަށްވެސް ވީ އެވަރެވެ. ވިއާނަށް ބަލަމުން ދިޔައީ ނުބައި ޒާތެއްގެ ބެލުމަކުންނެވެ.

"ވިއާން، ޒިޔާންގެ ބައްޕަ" އަހަރެން ބުނީމެވެ. އަހަރެން ބޭނުންވީ ވިއާނަށް އެއީ ޒިޔާންގެ ބައްޕަ ކަން އަންގައިދޭށެވެ.

"އިނގޭ. ބޭފުޅާ ކީއްކުރަން މިގެއަށް؟" ވިއާން ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނީ ވިއާނަށެވެ. ވިއާން އެހައި އަދަބުކުޑަ ގޮތަކަށް ޒިޔާންގެ ބައްޕައަށް މުހާތަބް ކުރީމައެވެ.

"ކަލޭމެން ކީކޭ ހީކޮށްގެން ތިތިބެނީ. އަހަރެންގެ ދަރިފުޅު ޖަލަށް ފޮނުވާފައި އެއްވެސް މީހަކު އުފަލުގަ ހުއްޓަ ނުދޭނަން" ޒިޔާންގެ ބައްޕަ ހަޅެއްލަވައިގަތެވެ. އަޑުގައި ރުޅިވެރިކަން އިންތިހާއަށް ވިއެވެ.

"ބައްޕައަކަށް ނޭނގޭނެ ޒިޔާން ކަންތައް ކުރި ގޮތެއް" އަހަރެން ބުނީމެވެ. މީގެކުރިންވެސް އަހަރެންނަކީ ޒިޔާންގެ ބައްޕަ މާގިނަ ވާހަކަތަކެއް ދެއްކި މީހެއް ނޫނެވެ. އެހެންކަމުން ވާހަކަދައްކަން އަހަރެންނަށް އުނދަގުވިއެވެ.

"ހުއްޓާލާ. ހުރިހާވެސް ނުބަޔަކީ ކަލޭ. ހުރިހާ ކަމަކަށް ޒިންމާވާންޖެހޭ ފަރާތަކީ ކަލޭ. އަހަރެންގެ ދަރިފުޅު އެދަރަޖައަށް ވެއްޓިގެން އެދިޔައީ ހަމަ ކަލޭގެ ސަބަބުން. މިދުނިޔެއިން އަހަރެންގެ ދަރިފުޅު ހަމައެކަނި ލޯބިވީ ކަލޭދެކެ. ނުވިސްނިގެން ކުރެވުނު ކަމެއްގަ އޭނައަށް ކަލޭ ވަރިކޮށް ގެއިން ބޭރަށް ނެރެލެވުނީ. ފަހުން ވިސްނިގެން ކަލޭގެ ފައިބުޑަށް އޭނަ ނުވެއްޓޭތަ؟ އާދޭސްނުކުރޭތަ؟ ކޮންމެ އިންސާނަކަށްވެސް ދެވަނަ ފުރުސަތެއް ހައްގު. އަހަރެންގެ ދަރިފުޅު ކުރީ ނުފުއްސަވާ ފާފައެއް ނޫނޭ. ކަލޭ ތިއީ ފޮނި ބޮޑާ އަންހެނެއް. އަމިއްލަ މީހާގެ ރީތިކަން ތިހުންނަނީ ފެނިފަ. ހަނދާންކުރާތި! ފުލުހުންގެ ފަރާތުން އަހަރެންގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިއްޖެނަމަ އެކަމާ ޒިންމާވާންޖެހޭ ފަރާތަކީ ކަލެކަން. ޖަވާބުދާރީވާން ޖެހޭ ދުވަހު ކަލޭ ޖެހޭނެ ޖަވާބުދާރީވާން" ޒިޔާންގެ ބައްޕަ ހިތުހުރިހާ އެއްޗެއް އަހަރެންނަށް ގޮވައިގަތެވެ. ބަދަލުގައި ޖަވާބުގައި ބުނާނެ ކިތަންމެ އެއްޗެއް އަހަރެންގެ ހިތުގައިވިއެވެ. އެކަަމަކު ދުލާ ހަމައަށް އެންމެ ލަފްޒެއްވެސް ނައެވެ. އަހަރެންނަށް ކަރުނަތަކާއެކު އިސްއުފުލާ ބަލައިލެވުނީ ވިއާން އަހަރެންގެ ގާތަށް ޖެހި އެނާގެ ދެއަތުން އަހަރެންގެ ކޮނޑުގައި ވަށައިލުމުންނެވެ.

"ބުނަން ބޭނުންވި ކޮންމެ އެއްޗެއް ބުނެވިއްޖެއްނު. ނައު ގެޓް އައުޓް އޮފް މައި ހައުސް" ދަތްކުނޑި ވިކައިލަމުން ވިއާން ބުނެލިއެވެ.

ޒިޔާންގެ ބައްޕަ ނިކުމެގެން ދިޔުމާއެކު ވިއާން އަހަރެންގެ ކުރިމަތީގައި ހުއްޓި އަހަރެންގެ ދަތްދޮޅީކޮޅުގައި ހިފާލާފައި އުފުލާލިއެވެ. އަހަރެންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި އަހަރެންނާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ޒިޔާން އެއީ އޭނަގެ ދަރިއެއްތަ؟" ވިއާން އެހިއެވެ. އަހަރެން ބޯޖަހައިލީމެވެ. އެވަގުތު ވިއާންގެ ދެލޮލުން ރިހުމެއް ފާޅުވެލިއެވެ.

"އޭނަ މަންމައަށް ކިޔަނީ ކޮން ނަމެއް؟" ވިއާން އެހިއެވެ.

"މާޖިދާ" އަހަރެން ބުނީމެވެ. އެވަގުތު އަހަރެންގެ ދެއަތުގައި ހިފައިގެން ހުރި ވިއާންގެ ދެއަތް ތިރިއަށް ދޫވެގެން ދިޔައެވެ. ކުއްލިއަކަށް ވިއާނަށް އެ އައީ ކޮން ބަދަލެއް ހެއްޔެވެ؟

(ނުނިމޭ)