ގދ. ތިނަދޫން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ތިނަދޫން ކަރަންޓިނުގައި ނެތް މީހަކު ޕޮޒިޓިވްވެ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ، ހޯމް ކަރަންޓީނުގައި ހުރި އިންޑިއާ މީހެއްގެ ފަރާތުން މިމަހު 26 ވަނަ ދުވަހު ނެގި ރިލީސް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި އެ ކޭސްގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވި ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުގެ ތެރެއިން ހަތަރު ސާމްޕަލެއް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެހެންކަމުން މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 10 އަކަށް އަރާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން އިތުރަށް ވަނީ، ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ތިނަދޫ މާފުށީ ސަރަހައްދުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގެ ތެރެއިން "13 ނަންބަރު ސައިޓް" އަށް ޒިޔާރާތް ކޮށްފައިވާ ފަރާތެއްވާނަމަ ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ކޮވިޑް ހޮޓްލައިން 7934641 ނަންބަރަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.