ލ. ގަމާއި އެ އަތޮޅު މާންދޫން މިއަދު 107 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާންދޫން މިއަދު އެކަނިވެސް 89 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 126 އަށް އަރައިފައެވެ.
މާންދޫއާ ކޯޒްވޭއަކުން ގުޅާލާފައި އޮންނަ ގަމުންވެސް މިއަދު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާންދޫގެ ކްލަސްޓާއާ ގުޅިގެން އެރަށާ ގުޅިފައިވާ ހުރިހާ ރަށްތަކެއްވެސް ވަނީ މޮނިޓަރިންއަށް ލައިފައެވެ. ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ދެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ގަމާއި އެ އަތޮޅު ފޮނަދޫ އަދި ކައްދޫއާ ކޯޒްވޭއަކުން ގުޅާލާފައި އޮންނަ މާންދޫއަކީ މަސް ފެކްޓަރީ ހިންގުމަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮންނަ ރަށެކެވެ. މާންދޫގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ގަން، ފޮނަދުއަށް ނިސްބަތްވާ ދިވެހި މުވައްޒަފުން ވެސް މަސައްކަތްކުރެއެވެ.
މާންދޫން ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މާންދޫން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގަމުން ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ. އެރަށް މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު