ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި ނުވަ މީހަކަށް ވަޒީފާ ދޭން އަމުރުކޮށްފި

މުއާވިޔަތު އަންވަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާއިން ވަކިކުރި ނުވަ މީހަކަށް އަލުން ވަޒީފާދީ، އެ މުއްދަތުގައި ދޭން ޖެހޭ މުސާރަ އާއި އިނާޔާތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އަމުރުކޮށްފިއެވެ.

އެ ނުވަ މީހުން ތަމްސީލުކޮށްފައިވާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން މިރޭ ބުނީ، އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށެވެ.

އެހެންކަމުން އެ ނުވަ މީހުން މީގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން އަނބުރާ އިއާދަކޮށްދިނުމަށާއި އަދި ވަޒީފާ އިއާދަކޮށްދޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

މުވައްޒަފުންް ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެން އަދި ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގައި ކަމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ވަނީ ބުނެފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން މިއަދު ނިންމި ނިންމުމަށް މަރުހަބާ ކިޔައި އެ ލޯ ސެންޓަރުން ބުނެފައިވަނީ، އެ ނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާ އަދާކުރުމުގެ ހައްގުން މަހުރޫމްވެފައިވާ ފަރާތްތަކަކަށް އިންސާފު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ކުރިން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.