ރާއްޖޭގައި ކޮވިޑުގެ ފޭކު ނެގެޓިވް ނަތީޖާ ހަދައިދެމުން އަންނަ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ، ކޮވިޑުގެ ފޭކު ނެގެޓިވް ނަތީޖާ ބައެއް ފަރާތްތަކުން ހަދައިދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"ގާތްގަނޑަކަށް އެފަދަ ހަތަރު ކޭސްއެއް މިހާރު އަޅުގަނޑުމެން ވާނީ ފުލުހުންނަށް ހުށަހަޅާފައި" ތަސްލީމާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފޭކު ނެގެޓިވް ނަތީޖާ ހަދާފައި ހުންނަނީ ކޮވިޑު ޓެސްޓު ކުރަން ހުއްދަ ދީފައިވާ ބައެއް ހޮސްޕިޓަލުތަކާއި ލެބޯޓަރީތަކުގެ ނަމުގައި އެ ތަންތަނުގެ ޑޮކިއުމަންޓުތައް ފޯޖު ކޮށްގެން ކަމަށާއި ނަމަވެސް އެ ނަތީޖާތަކަކީ އެތަންތަނުން ދޫކޮށްފައިވާ ނަތީޖާތަކެއް ނޫން ކަމަށެވެ.
"ރާއްޖެއިން ފުރުމަށް މިސާލަކަށް ލެބޯޓަރީއެއްގެ ޓެސްޓެއް އޭތި ބަދަލު ކޮށްގެން އޮޅުވާލައިގެން ފޭކު ނެގެޓިވް ނަތީޖާއެއް މި ހަދަނީ. ދެން މިފަދަ ކަންކަން އަސްލު ކުރިން އެހާ ވަރަށް އެއާޕޯޓުން ފުރާއިރުވެސް ނުބެލޭ. މިއީ އަސްލުތޯ ނުވަތަ ނޫންތޯއެއް. ވެރިފައި ކުރެވޭނެ ނިޒާމެއް ކުރިއަކުން ނެތް،" ތަސްލީމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ މައްސަލަތައް ފެންމަތިވުމުން ކޮވިޑުގެ ނެގެޓިވް ނަތީޖާތައް ބޯޑަރުތަކުގައި އިތުރަށް ކަށަވަރުކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑު ޓެސްޓު ހަދަން ހުއްދަ ދީފައިވާ ތަންތަންވެސް ގަވާއިދުން މޮނީޓާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑުގެ ފޭކު ނެގެޓިވް ނަތީޖާ ހުށަހަޅައިގެން ފުރާ މައްސަލައަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. އެފަދަ މައްސަލަތައް އެންމެ ގިނައީ ދެކުނު އޭޝިއާގެ ގައުމުތަކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު