ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅު ބައެއް މެންބަރުންގެ ތާއިދު ލިބިދާނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ވަން މީޑިއާގެ "ވަން ޓު ވަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޭ މޫސަ ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކުރި ހޯދުން ކަމަށެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދެވޭނީ މަޖިލީހުން އެކަމަށް ފާސްކޮށްގެން ކަން ފާހަގަކުރައްވައި 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސަ ވިދާޅުވީ، އެކަމަށް ބޭނުންވާ 2/3 ވޯޓު ހަމަކުރުމަކީ ވެސް ނާދިރު ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ އެ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް އިދިކޮޅު މެންބަރުންގެ ތާއިދު ލިބުމުގެ ފުރުސަތު އޮތް ކަން މޫސަ ފާހަގަކުރެއްވިއެވެ.

"މިވަގުތު އިދިކޮޅު މީހުން އަރާފާނެ ކަންނޭނގެ އަންނި ފެކްޝަނުގެ މީހުންނާ އެއްކޮޅަށް،" މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު މަސައްކަތް ކުރެއްވި މޫސަ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާނީ ރައީސް ނަޝީދުގެ އަރިސް ބައެއް މެންބަރުން ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، މަޝްރަހު މިހާރު ހުރި ގޮތުން އިދިކޮޅުގެ ބައެއް މެންބަރުން ވެސް ރައީސް ނަޝީދުއާ ބައިއަތު ހިފައިފާނެ ކަމަށް ބެލެވޭ ކަމަށެވެ. ކަން އެހެން ދިމާވި ނަމަވެސް މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ވޯޓު އެކަމަށް ނުލުބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އަމިއްލައަށް ގާނޫނު އަސާސީއަށް އެވަރުގެ ބޮޑު ބަދަލެއް ނުގެނެވޭނެކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އެ ބަހުސް ފުރަތަމަ ފެށުމަށް ވެސް މަޖިލީހުގެ 2/3 ބައި ވޯޓު ބޭނުންވާނެ ކަމަށެވެ.

"މަޖިލީހުގެ ތެރެއިން 2/3 މެޖޯރިޓީއެއް ބަރުލަމާނީއަށް ގެންދާކަށް ނުލިބޭނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ނޯޓު ކުރައްވާ، ނުލިބޭނެ. އައްސަވާ، ވޯޓަކަށް ލާހިކެއް ނޫން ހޯއްދަވާކަށެއް،" މޫސަ ވިދާޅުވިއެވެ.