އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން ރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ތަފާތު މަންޒަރެކެވެ. މެޗުގެ ކުޅެމުން ދަނިކޮށް މުސްލިމް ދެ ކުޅުންތެރިޔަކު ރޯދަ ވީއްލުމަށް މެޗު ހުއްޓުވައި އެ ކުޅުންތެރިންނަށް ވަގުތު ހުސްކޮށްލި މަންޒަރުވީ ހިތަށް ފިނިކަން ގެނެސްދިން މަންޒަރަކަށެވެ.

ލެސްޓާ ސިޓީއަށް ކުޅެމުންދިޔަ ވެސްލޭ ފޯފާނާގެ އިތުރުން ޕެލެސްއަށް ކުޅެމުން އަންނަ ޗެކޯ ކަޔޯޓޭ ރޯދަ ވީއްލުމަށް ރެފްރީ ކުޑަ ވަގުތު ކޮޅަކަށް މެޗު ހުއްޓާލާފައިވާ އިރު، އެއީ ދެ ކްލަބުން އެއްބަސްވެ، ޕްރިމިއާ ލީގުންވެސް އެކަމަށް އެއްބަސްވެގެން ކޮށްފައިވާ ކަމެކެވެ. މުސްލިމް ކުޅުންތެރިންގެ ރޯދައަށް ހާއްސަ އިހުތިރާމެއް ކުރުމުގެ ގޮތުން ޕްރިމިއާ ލީގުން އިނގިރޭސިވިލާތުގައި އިރުއޮއްސޭ ގަޑީގައި ކުޅޭ ކޮންމެ މެޗެއްގައިވެސް އެގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައިވެސް މީގެ ކުރިން ރޯދަ ވީއްލުމަށް ހާއްސަ ފުރުސަތެއް ދީފައިނުވާ އިރު، އެ ފުރުސަތު އެގޮތަށް ދީފައިވަނީ ރަމަޟާން މަހު ލެސްޓާއިން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުގައި، މަގުރިބު ނަމާދު ބަންގިއާއެކު ކޯޗު ބްރެންޑަން ރޯޖާސްއަށް ފޯފާނާ ބާލަން ޖެހުމުންނެވެ. އެ މެޗުގައި ފޯފާނާ ރޯދަ ވީއްލުމަށް ރޯޖާސް އޭނާ ބަދަލުކޮށްފައިވާ އިރު، މެޗަށްފަހު ރޯޖާސް ވަނީ އެކަން ޔަގީންވެސް ކޮށްދީފައެވެ.

"ފޯފާނާ މެޗުގައި ބޭލީ އެއްޗެއް ކާލައި، ފެންބޮއެ ހެދުމަށް ވަގުތު ކޮޅެއް ދޭން ޖެހުނީމާ. އެއީ ކުޅުންތެރިޔާއަށް އިހުތިރާމް ކުރުމަށް ކުރި ކަމެއް. އަހަރެން މަސައްކަތް ކުރިން ދީނަށް ވަރަށް ބޮޑަށް ބަލާ ކުޅުންތެރިންނާއެކު. އެފަދަ ކަންކަމުން ކުޅުންތެރިންނަށް ހިތްވަރު ލިބޭ. ރޯދަ ހިފުމަކީ މުސްލިމް ކުޅުންތެރިންނަށްވެސް އިތުރު ބާރެއް ގެނެސްދޭ ކަމެއް،" ވެސްޓް ބްރޮމް މެޗަށްފަހު ރޯޖާސް ބުންޏެވެ.

ރޯޖާސް އިތުރަށް ބުނީ ރޯދަ ހިފައިގެން ހުންނަ ނަމަވެސް ފޯފާނާ އަބަދުވެސް ބަރާބަރަށް ތަމްރީނުތަކަށް ގޮސް، މެޗުގައި ތަފާތު ކުޅުން ދައްކާ ކަމަށާއި ރޯދަ ވީއްލުމަށް ވަގުތު ދޭން ވިސްނީ އެގަޑީގައި ދަނޑުން ބާލަން ނުޖެހޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

ދަނޑުން ފައިބައިގެން ނުގޮސް ރޯދަ ވީއްލުމަށް ލިބުނު ފުރުސަތާއެކު ފޯފާނާ ވަނީ މެޗުގެ ރެފްރީގެ އިތުރުން ދެ ކްލަބު އަދި ޕްރިމިއާ ލީގަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އޭނާ ބުނެފައިވަނީ ފުޓުބޯޅައިގެ ރީތި ކަމަކީ އެއީ ކަމަށެވެ.

ޕްރިމިއާ ލީގުގައި މުސްލިމް ކުޅުންތެރިން ގިނަވަމުން ދިއުމާއެކު އެކިއެކި އާދަތައް އަންނަނީ ބަދަލުވަމުންނެވެ. މީގެ ކުރިންވެސް އެފަދަ ކަންކަން ފާހަގަވެގެން ގޮސްފައިވާ އިރު، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ރާފުޅި ބަދަލު ކުރަން ޖެހުނީވެސް މުސްލިމް ކުޅުންތެރިން ރާފުޅީގައި ހިފަން އިންކާރު ކުރާތީއެވެ. ހަމައެއާއެކު ބެޓް ކުރުމާއި، ޖުވާ ކުޅުމުގެ ކުންފުނިތަކުގެ ސްޕޮންސާ ޖާޒީތަކުން ނަގަން ފެށީވެސް މުސްލިމް ކުޅުންތެރިން އެފަދަ ސްޕޮންސާތައް ޖަހާފައި ހުންނަ ޖާޒީތައް ޕްރޮމޯޓް ކުރުމަށް އިންކާރު ކުރާތީއެވެ.