ރަސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކޮވިޑު ބަލިން ފަސޭހަވެއްޖެއެވެ.

ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހުން ފަށައިގެން އެކަމަނާ ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެންނެވެ.

މެޑަމް ފަޒްނާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކޮވިޑު ބަލިން އެކަމަނާ ފަސޭހަވެފައިވާ ކަމަށާއި އެކަމަށްޓަކައި މާތް ﷲއަށް ހަމްދުކުރާ ކަމަށެވެ. އަދި އެކަމަނާއަށް ހެޔޮ ދުއާ ކޮށްދެއްވި އެންމެންނަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ސޯލިހާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން ކޮވިޑަށް ޓެސްޓު ކުރެއްވިއެވެ. ނަމަވެސް އެ ބޭފުޅުންގެ ނަތީޖާ ނެގެޓިވްއެވެ.

މެޑަމް ފަޒްނާ ކޮވިޑު ބަލިން ފަސޭހަވި އިރު، އެކަމަނާގެ ޅިޔަނު އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ މިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.