ސައްބީސްވަނަ ބައި

މަންމަގެ ކަރުނަތަކުގެ ކުރިމަތީގައި އެ މަންމަގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަން އަހަރެންނަށް ނުކެރުނެވެ. އަހަރެން މަންމަ ގެއަށް ފޮނުވާލީ ހިތްހަމަޖައްސައި ދީފައެވެ. އަހަރެންގެ ކައިވެންޏަށް އަންނަން މަންމައަށް ދައުވަތު ދީފައެވެ.

މޭޒު ކައިރީގައި އިން ވިއާން އަހަރެންނަށް ބަލައިލިއެވެ. އެއްވެސް ބަހެއް ނުކިޔައެވެ. އަހަރެން ދެއްކި ވާހަކަތަކުން އޭނާ އަހަރެންދެކެ ހިތްހަމަނުޖެހިފައި އިންކަން އަހަރެންނަށް އިނގުނެވެ. އެހެންވިޔަސް އަހަރެން ހާމަކުރީ ހަގީގަތެވެ. ޒިޔާންގެ މަންމަ އާދޭސްތަކެވެ.

"ވިއާން، ތިގޮތަށް އެއްޗެއް ނުބުނެ ހިމޭނުން އިނީމަ އަހަރެންނަށް ވަރަށް އުނދަގުވޭ. އަހަރެން ދެން ކިހިނެއް ހަދާނީ؟" އަހަރެންނަށް މޭޒުމަތީގައި އޮތް ވިއާންގެ އަތްތިލައިގައި ހިފުނެވެ. އަހަރެންގެ އަތްދަށުން އަތް ދަމައިގަނެފައި ގޮނޑީގައި ހަށިގަނޑު ސީދާކޮށްލަމުން އަނެއްކާވެސް ވިއާން އަހަރެންނާ ނަޒަރު ސީދާކޮށްލިއެވެ.

"ދެން ކީކޭ ބުނާނީ. އެއީވެސް މަންމައެއް. އެ މަންމަގެ ވާހަކަތައް އަހަރެން ގޯހެއް ނުކުރަން" ހަށީފުރާ ނޭވައެއް ދޫކޮށްލުމަށްފަހު ވިއާން ބުނެލިއެވެ.

"ދެން އެހެންވީމަ ކިހިނެއް ހަދާނީ؟" އަހަރެން އެހީމެވެ.

"ޒިޔާން ބޭނުންވާހާ ގޮތަކަށް މަލް އާ މެދު ކަންތައްކުރަން އަހަރެންނަށް އޯކޭއެއް ނުދެވޭނެ. ދެން ލެޓްސީ ދޯ އޭނަގެ މަންމަ އެއްވެސް ފިޔަވަޅެއް އަޅާތޯ" ފަރުވާކުޑަ ގޮތަކަށް ވިއާން ބުނެލިއެވެ. މަންމަ އާ މެދު އޭނާގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަހަލައެވެ.

އިތުރު ދެ ދުވަސް ފާއިތުވެގެން ދިޔައީ ޒިޔާންގެ އެއްވެސް އުނދަގުލެއް އަހަރެންނަށް ނުފޯރައެވެ. އެހެންކަމުން އަހަރެންގެ ނަފްސު ހަމަޔަކަށް އެޅިއްޖެއެވެ. ހިތުގައި ހިފާފައިވާ ބިރުވެރިކަމަށް ލުޔެއް ލިބިއްޖެއެވެ. ބަލައިބެލުމަށް ވިއާންވެސް ހުރީ ހަމަޖެހިފައެވެ. އެހެންނަމަވެސް އަދިވެސް އަހަރެން ގޮވައިގެން ކޮންމެ ކަމެއްގައި ދާން ޖެހުނަސް ބޭރަށް ގޮސް ހަދަނީ ވިއާނެވެ. އޭނަ އަހަރެން އެކަނި ދޫކޮށެއް ނުލައެވެ. ރީޝަމްވެސް އަހަރެންނާ ބައްދަލުކުރަން އަންނަނީ ގެއަށެވެ. އެގޮތުން ރީޝަމް ގެއަށް އައިސް ވަގުތެކެވެ. ދުވާލުގެ ވަގުތެވެ. ގޭގައި ތިބީ އަހަރެންނާ މާމަ އާ ރީޝަމްއެވެ. ރީޝާމްގެ ދަރިފުޅު ކާޓޫނޫ ބަލަން ސޯފާގައި އޮތެވެ. އަހަރެމެން ތިބީ މޭޒު ކައިރީގައި މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ.

"އާލިމް މަންމަ ބުނީ ހާދަ ކުޅިގަދަ މިރުހެކޭ އެއީ" ރީޝާމް ބުނެލިއެވެ.

"އާނ. އެއީ މާރުކޭޓުން ގަތް މިރުސްތަކަކުން އޮށް ނަގައިގެން މާމަ ހެއްދި ގަހެއް. މިހާރުވެސް އަނެއްކާ އެބަހުރި ވަރަށް ބައިވަރު މާ ނިކުމެފަ" ކާން އިން މާމަ ބުނެލިއެވެ.

"ކައިރި ފިހާރައިން މީހުން ވަރަށް ގަނޭ. ދޯ މާމާ" އަހަރެން ބުނީމެވެ.

"އާނ. ވަރަށް ވިކޭ. މިހާރު ހުސްވާއަތަށް އަޅާފައި އެހުރީ" މާމަ ބުނެލިއެވެ.

"ރަނގަޅުތާ. މާމައަށް ގޭގަ އިނދެގެން ލިބޭ ލާރިއެއްނު އެއީ ހަމަ" ރީޝަމް ބުނެލިއެވެ.

"އެ ފައިސާ މާމަގެ އަމިއްލަ ބޭނުމަކަސް އަދި މިގޭ އެއްވެސް ބޭނުމަކަށް ބޭނުމެއްނުކުރާނަން. އެ ފައިސާ ގިނަ ވީމަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޞަދަޤާތެއްގެ ގޮތުގައި ހަދިޔާ ކުރާނީ. ދަރިފުޅުމެން މިވާހަކަ އެއްވެސް މީހެއް ކައިރީގައި ނުދައްކާތި" މާމަ ބުނެލިއެވެ. ކެއި ތަށި ހިފައިގެން މާމަ ޒިންކު ކައިރިއަށް ދިޔުމުން ރީޝަމް އަހަރެންނަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ.

"މަލް، މަލް ވަރަށް ނަސީބުގަދަ. ދުނިޔޭގައި މަލް އާ ލޭގެ ގުޅުން އޮތް އެއްވެސް މީހަކު ނެތަސް ހެއްދެވިފަރާތުން މަލްއަށް ލޯބިވާ ބަޔަކު ހަދިޔާކޮށްފި. ވިސްނާލަބަ. މިއީ ކޮންމެ ކޮންމެ މީހަކަށް ލިބޭ ނަސީބެއް ނޫން" އަހަރެންގެ އަތުގައި ހިފައިގެން އިނދެ ރީޝަމް ބުނެލިއެވެ.

"އާނ. އެކަމަށްޓަކައި އަބަދުވެސް އަހަރެން އެފަރާތަށް ޝުކުރުވެރިވަން" އަހަރެން ބުނީމެވެ.

އިޝާނަމާދުފަހުން ރީޝަމް ގެއަށް ދާން ނިކުތީ އޮފީސް ނިންމާފައި އާލިމް ގެއަށް އައިސް ގުޅުމުންނެވެ. އޭރު ވިއާން އަދި ގެއަށް ނާދެއެވެ. ނިދިފައި އޮތް ކުޑަދަރިފުޅު ކޮނޑު މައްޗަށް ލައިގެން ރީޝަމް ގެއިން ނިކުތުމުން އަހަރެން ނިކުތީ ރީޝަމްއަށް އެހީތެރިވުމުގެ ގޮތުން ދެ ދަބަސް ހިފައިގެންނެވެ. މަގުމައްޗަށް ނިކުތުމާއެކު މަޑުކޮށްލައިގެން އޮތް ޓެކްސީ ކައިރީގައި ހުރި އާލިމް އައިސް ރީޝަމް އަތުގައި އޮތް ރީކް އުރާލައިފިއެވެ. ރީޝަމް އަހަރެންނަށް ޝުކުރުއަދާކޮށްފައި ދަބަސް ހިފައިގެން ގޮސް ކާރަށް އަރަންދެން އަހަރެން މަޑުކޮށްލައިގެން ހުރީމެވެ.

ދޮރާށި ހުޅުވާލާފައި ވަންނަން އުޅުނު ވަގުތު މީހަކު އަހަރެންގެ އަތުގައި ހިފައި ވަރަށް ބާރަށް ލުއްކެއް ޖެހިއެވެ. އަހަރެން ބަލައިލުމާއެކު ފެނުނު ސޫރައަކުން އަހަރެންގެ މުޅި ހަށިގަނޑުގައި ރޫރު އަޅައިގަތެވެ. ދެފައި ދަށުން ބިންގަނޑު ކެހިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ޒިޔާންގެ ދެލޮލުން ފެނުނު ރުޅިވެރިކަން އަހަރެން އަނދާ އަޅިއަށް ހަދައިލި ކަހަލައެވެ. މުޅި ހަށިގަނޑަށް އެހޫނުގެ އަސަރު ކުރުވައިފިއެވެ. މަގުގެ ދެފަރާތަށް ބަލައިލާފައި އަވަސް އަވަހަށް ގޭތެރެއަށް ދެމިގަންނަން ދުއްވައިގަތީމެވެ. އެއަށް ވުރެ ޒިޔާން މާ ހުޝިޔާރެވެ. އަހަރެންގެ ދެކޮނޑުގައި ހިފިި ގޮތަށް ފާރަށް ތަތްކޮށްލައިފިއެވެ. ތަދުވެސް ވިއެވެ. އެކަމަކު އަހަރެންނަށް ވާ ތަދަކަށް ބެލުމެއް ނެތި ޒިޔާން އަހަރެންނާ ހަތަރުކަޅި ހަމަކުރިއެވެ.

"ބުނީމެއްނު އަތުގައި ޖެހުނިއްޔާ ދުލެއް ނުކުރާނަމޭ" ޒިޔާން ބުނެލިއެވެ. މިހާރުވެސް އޭނާ ހުރީ ހަމައިގައޭ އަހަރެންގެ ހިތެއް ނުބުނެއެވެ.

"ޖިންނި އަރާފަ ހުރި ވަގުތެއްތަ؟" ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ހުރެ އަހަރެން އެހީމެވެ. އެއްވެސް ބަހެއް ކިޔުމެއްނެތި ޒިޔާން އަހަރެންގެ މޫނާ ގާތަށް މޫނު ގާތްކުރަމުން ދިޔައެވެ. އެހިނދު ޒިޔާންގެ އަނގައިން އަހަރެންނަށް ދުވި ނުބައި ވަހުން އަނގައަށް ހޮޑު އައެވެ.

"އައްޗީޑި" އަހަރެންނަށް ބުނެވުނެވެ.

"ކިހިނެއްވީ؟ އެއީ ރާވަސް. މިފަހަރު ކަލެއަށް ރާ ބޯންދީފައި ނޫނީ ހުއްޓައެއް ނުލާނަން" ޒިޔާން ބުނެލިއެވެ. އަހަރެން ޒިޔާންގެ އަތު ތެރެއިން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. އެހެންނަމަވެސް ޒިޔާންގެ ކުރިމަތީގައި އަހަރެން ކަހަލަަ ނިކަމެތި އަންހެނަކަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟ ކައިރިން ހުރަސްކޮށްފައި އެތައް ބަޔަކު ގޮސްފިއެވެ. އެއިން އެއްވެސް މީހަކު ހިޔަޅެއްގެ ދަށުން އަހަރެން ސަލާމަތްކުރަން ނައެވެ. އެކަަމަކު މިއީ ދިވެހިން ހެއްޔެވެ؟ މީހުން ބުނަނީ ތެދެކެވެ. ދިވެހިން ސަލާމަތުގެ އަތެއް ދިއްކޮށްލާނީ ފޮޓޯ އާ ވީޑިއޯ ކޮށްފައި ފޮނުވާންވީ ތަނަކަށް ފޮނުވާފައި އެންމެފަހު ކަމަކަށެވެ.

"އޭތް. އޭނަ އަތުން ދޫކޮށްލާ. އެހެންނޫނީ އަހަރެން ޕޮލިސް ގުޅަނީ" ޒިޔާނާ ދެކޮޅަށް އެވަގުތު ނިކުތީ ކަންމަތީގައި ފިހާރައިގައި ޑެލިވަރީގެ މަސައްކަތްކުރާ ބިދޭސީ މީހާއެވެ. ދިވެހިންނަށް ވުރެ ބޭރުމީހާ ހިތްހެވެވެ. އެވަގުތު އަހަރެންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެމީހާ ކައިރިވުމާއެކު ޒިޔާން އެއް އަތުން އެމީހާގެ ނޭފަތް މަތީގައި ޖަހައިފިއެވެ. ވަގުތުން އެމީހާގެ ނޭފަތުން ލޭފައިބައިގަނެއްޖެއެވެ. އެމަންޒަރު ބަލަން އަހަރެންނަށް ދަތިވިއެވެ. ޒިޔާންގެ ނުރައްކާތެރިކަން އަހަރެންނަށް އަންދާޒާ ކުރެވުނީ އެވަގުތުއެވެ. ލެޔަކީ އަހަރެންނާ ބީރައްޓެހި އެއްޗެއް ނޫނަސް އެވަގުތު އެމީހާގެ ނޭފަތުން ފައިބައިގަތް ލޭތައް ފެނިފައި އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ.

"އޭތް. މިހިރަ ހަޔާތްކުޑަ މީހާ. ދޫކޮށްލާ" އަހަރެންނަށް ސިހުނީ ދާދި ކައިރިން މާމަގެ އަޑު އިިވިފައެވެ. އޭރު މާމަ ޒިޔާންގެ ޓީޝާޓުގައި ހިފައި ގައިގައި ހުރި ބާރެއްލާފައި ޒިޔާން ދުރަށް ކޮށްޕާލައިފިއެވެ. މީހުން ޖަމާވާން ފެށީ އެވަގުތުއެވެ. އަހަރެންގެ ދިފާއުގައި އަހަރެންނާ ޒިޔާނާ ދެމެދުގައި ހަތިޔާރަކަށް ވެގެން ހުރީ މުސްކުޅި މާމައެވެ. ގެންފައިވާ ބިރެއްގެ ސަބަބުން އަހަރެންނަށް ރޮވެމުން ދިޔައެވެ. ޒިޔާން މާމަ އާ ދިމަލަށް އައި ގޮތް ފެނި އަހަރެންނަށް ތެޅިގަނެވުނެވެ. އޭނާގެ އެންމެ ހަމަލާއަކުން މާމަ ގެ ދުވަސްދާނެއެވެ. އަހަރެންނަށް އިތުރު ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް ވިއާން އައިސް ހުއްޓިއްޖެއެވެ. އަވަހަށް ސައިކަލުން ފައިބަންވެގެން ގޭ ކައިރިއަށް އަންނަނިކޮށް ވިއާން ސައިކަލުން ވެއްޓުނުކަންވެސް އިނގުނީ އެސަރަހައްދުގައި މީހުން އެވާހަކަ ދައްކަން ފެށުމުންނެވެ. އަހަރެން ބަލައިލިއިރު ވިއާންގެ ސައިކަލް ޕާކް ކޮށްފައި ހުރި ސައިކަލްތައް ކައިރީގައި ވެއްޓިފައި އޮތެވެ. އޭރުވެސް އޭގެއިން އިންޖީނުގެ އަޑު އިވިއިވި ހުއްޓެވެ. ދެތިން ފިރިހެނުން ވެގެން ސައިކަލް ތެދުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ކަލޭ ތިއީ ކާކު؟" ޒިޔާން ވިއާނާ ދިމާލަށް ފުންމައިގަތެވެ. ނަމަވެސް ވިއާން ހުރި ފިޔަވަޅު މަތިން ގުޑައިވެސް ނުލައެވެ. ޒިޔާން ޖަހަން މަޅައިލި އަތުގައި ވިއާން ހިފަހައްޓައިގެން ހުއްޓާ އެހެން މީހަކު ކުރި ރިޕޯޓަކަށް ދެ ފުލުހުން އައިސް ހުއްޓިއްޖެއެވެ.

"ތިކައިވެނި ވިޔަކަ ނުދޭނަން. ލާހިކެއްނޫން. ބައްޔެއްނު. މިއީ އަދި ކޮންބައެއްތަ؟" ޒިޔާން ފުލުހުންނާ ދިމާލަށްވެސް ހަޅެއްލަވައިގަތެވެ.

"ކަލޭމެންނަށް އަދިވެސް މަތަ ގޯހީ. ބަލަ އެއީ މަގޭ އަންހެނުންނޭ. އަހަރެންދެކެ ރުޅިއައިސްގެންނޭ އެ އުޅެނީ" ދެ ފުލުހުން ވެގެން ޒިޔާންގެ އަތުގައި ބިޑި އަޅުވަން މަސައްކަތް ކުރަމުން ދިޔައިރު ޒިޔާން ކިޔަމުން ދިޔައެވެ.

"ދޫކުރޭ.. ބަ...އެއްނު. ތި ގައުމީ ތަނޑި އަޅުވަންވީ އެެހެރަ ފިރިހެން ގޮލާ އަތުގައޭ" އޭރުވެސް ޒިޔާން ގަދަހަދަމުން ދިޔައެވެ.

"މިތިބީ އަދި ކޮންބައެއްތަ؟ ކަލޭމެންނަށް މިތަނުން ފިލުމެއް ފެންނަނީތަ؟ ކުރާނެ ކަމެއް ނެތިއްޔާ ދޭބަލަ ގެތަކަށް ވަދެ ޑްރާމާ ބަލަން" ޒިޔާން އަނގަ ހުއްޓައިވެސް ނުލައެވެ. އަހަރެންނަށް ހުރެވުނީ ޒިޔާންގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެންނެވެ. އެއީ އަހަރެން ލޯބިވި ޒިޔާން ބާއޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މިއަދު ޒިޔާން އެދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށެވެ. އަހަރެންނަށް މަންމަ އާ މެދު ވިސްނައިލެވުނެވެ. މިއަދު އެމަންމަ މާލެ ތެރެއަށް ގިނަވެއްޖެއެވެ. ޒިޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަބަރާއެކު އެ މަންމައަށް ކޮންމެފަދަ ކަމެއްވެސް ވެދާނެއެވެ.

"ދަރިފުޅާ ލަސްނުކޮށް މިސޮރު ގޮވައިގެން ހޮސްޕިޓަލަށް ދޭ" މާމަ ކަންބޮޑުވީ ޒިޔާންގެ ހަމަލާ އަމާޒުވި ބިދޭސީ މީހާ އާ މެދުގައެވެ. މަންޒަރު ބަލަން ތިބި އެއްވެސް މީހަކަށް އެމީހާ ގުދަށް އޮތްއިރު ނޭފަތުން ފައިބަމުން ދިޔަ ލޭތަކާ މެދު ވިސްނުން ހިންގައި ނުލެވުނެވެ. ވިއާން އެމީހާ ސައިކަލް ފަހަތަށް އަރުވައިގެން ދުއްވައިލުމާއެކު އަހަރެން ދުވެފައި ގޮސް ގޭތެރެއަށް ވަނީމެވެ.

ކޮޓަރީގައި އިނދެވެސް އަހަރެންނަށް ހުއްޓައިނުލާ ރޮވެމުން ދިޔައެވެ. ދެފައިގައި އަޅަމުން ދިޔަ ރޫރު އަދިވެސް ނުކެނޑެއެވެ. ދާދި ދެންމެއަކު މަގުމަތީގައި ހިނގާދިޔަ މަންޒަރުތައް ފިލްމެއްގެ ސިފައިގައި އަހަރެންގެ ލޯ ކުރިމަތީގައި ޕްލޭވަމުން ދިޔައެވެ. ޒިޔާންގެ ދިން އިންޒާރު ކަންފަތުގައި ހިނދުރީގައި ހަރުލާފައި ހުއްޓެވެ. ޒިޔާންގެ އަމަލުތައް މިހާ ނުރައްކާތެރި ދަރަޖައަކަށް ހިންގައިދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. މަންމަ މަތިން އަހަރެން ހަނދާންވީ ކުއްލިއަކަށެވެ. އަވަސް އަވަހަށް ފޯނު ހޯދައިލެވުނެވެ. ނަމަވެސް ކޮޓަރި ތެެރެއިން ފޯނު ނުފެނުމުން ފޯނު ބޭއްވުނީ ސިޓިންގރޫމުގައި ކަން ހަނދާންވިއެވެ. ފޯނު ބަލައިދާން އަހަރެން ބޭނުމެއް ނުވިއެވެ. ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް އަޅަންވެސް އަހަރެން ބޭނުމެއްނުވިއެވެ. މިއަދު އަހަރެންގެ ސަބަބުން މާމަގެ ފުރާނަވެސް ނުރައްކަލަކަށް ހުށަނޭޅުނީ ކިރިޔާއެވެ. ޒިޔާން މާމައަށް ބޮނޑިއެއް ދިންނަމަ އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވުނީހެވެ. އެވަގުތަށް ވިއާން އައިކަމަށްޓަކައި އަހަރެންނަށް ހެއްދެވިފަރާތަށް ހަމްދު ކުރެވުނެވެ.

ކޮޓަރީ ދޮރުގައި ތަޅައިގަތް އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. ދޮރާ ދިމާލަށް ބަލައިލެވުނީ ކުއްލިއަކަށެވެ.

"މަލްހާ، ހަމަ މިހާރު މި ދޮރުހުޅުވާ" ބޭރުން އެ އިވުނީ ވިއާނާގެ އަޑާމެދު އަހަރެންނަށް ޝައްކެވެ. އަޑު އިންތިހާއަށް ބާރެވެ. އެހެންނަމަވެސް އަހަރެން ކަންބޮޑުވީ އަޑު ބާރުވެގެނެއް ނޫނެވެ. އަހަރެންގެ ފުރިހަމަ ނަމުން ވިއާން ގޮވީމައެވެ. ޔަގީނެވެ. ވިއާން އެހުރީ ވަރަށް ރުޅިއައިސްފައެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އަހަރެން ދޮރު ހުޅުވީމެވެ. ވިއާން އެތެރެއަށް ވަނި އަތުން ޖަހާ ދޮރުފަތް އެތެރެއަށް ކޮށްޕާލާފައެވެ. ވިއާން އެހައި ރުޅިއައިސްފައި ހުއްޓާ އަހަރެންނަށް މިފެނުނީ އަދި އަލަށެވެ. އެހެންކަމުން އަހަރެނަށް ހުރެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ. މާމަ އަހަރެން ކައިރިއަށް ހުއްޓި އަހަރެން ދެކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ލޯތްބާއެކު އަހަރެންގެ ލޯ ކައިރި ފޮހެދިނެވެ. ކޮޓަރިއަށް ވަންގޮތަށް އަނެއްފަރާތަށް އެނބުރިގެން ވިއާން ހުއްޓެވެ. އިތުރަށް ބަހެއް ނުކިޔައެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ވިއާންގެ ކަނާއަތުގެ މުލައްދަނޑިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުރި ތަންގަނޑެކެވެ. އެތަނުން ލޭ އައިސް މިހާރު ހުރީ ލޭތައް ހިކިފައެވެ. އަޅި ކުލައިގެ އަތްދިގު ގަމީހުގެ އަތުކުރިން އޮޅާފައި ހުރި ހިސާބުގައި ވެސް ކޮންމެވެސް ވަރަކަށް ލޭ ހޭކިފައި ހުއްޓެވެ. އަހަރެންނަށް ވިއާނާ ގާތަށް ދެވުނީ ހަމަ ކުއްލިއަކަށެވެ.

"ވިއާން،" އަހަރެންނަށް ހިފުނީ ވިއާންގެ ހަލާކުވެފައި އޮތް އަތުގައެވެ. އެހިނދު ވިއާން އަހަރެންގެ އަތް ފޮޅުާލިއެވެ.

"އަހަރެންގެ ގައިގައި އަތްލާނެ ކަމެއް ނެތް. އަހަރެން ކިހާ ވަރަށް ބުނާނީ އެކަނި ގެއިން ބޭރަށް ނުނިކުންނާށޭ. އަހަރެން ބުނާ އެއްވެސް އެއްޗެއް މަލްހާއަށް އެއްޗަކަށް ނުވޭދޯ. ދެން ކީއްކުރަން އަހަރެންނާ އިންނަން ތިއުޅެނީ. އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ބުނިގޮތަށް ފުލުހުންނާ ހަމައަށް މައްސަލަ ގެންދިޔަނަމަ މިއަދު މަގުމަތީގައި އެޑްރާމާ ކުޅެން ނުޖެހުނީސް. ކުށެއްނެތް ބޭރުމީހާއަށް ވީވަރު. އެމީހާ ނޭފަތުން ކަށިކޮޅެއް ބިންދައިގެން ގޮސްގެން އެތެރެއަށް ލޭފައިބާތީ މިހާރު އޮޕަރޭޝަން ކުރަމުން އެދަނީ. ޒިޔާންގެ މަންމަ ދެރަވާނޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަރެން ހުއްޓުވީ. އަހަރެންނަށް ހީވަނީ ހަގީގަތުގައިވެސް ޒިޔާން ޖަލަށްދާން މަލްހާ ބޭނުންނުވާހެން. ދެރަވަނީ އޭނައަށް ކަމެއްވެދާނެތީ. އަދިވެސް ލޯބިވަނީތަ؟ އެނ؟" އަރާފައި ހުރި ރުޅިގަނޑުން ވިއަނަށް އޭނާއަށް މިކިޔެނީ ކީކޭ ކަމެއްވެސް ނޭނގެއެވެ.

"ވިއާން،" ވިއާން މައިތިރިވީ މާމަގެ އަޑުންނެވެ. ގަބުވެފައިވާ ބުދެއް ފަދައިން އަހަރެންނަށް ހުރެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ. ދެންމެ ވިއާން ބުނި ބަސްތައް އަދިވެސް އަހަރެންގެ ކަންފަތް ދަށުން ގުގުމަމުން ދިޔައެވެ. ގަބޫލެއްވެސް ނުކުރެވުނެވެ. އެބަސްތައް ބޭރުވެގެން އެދިޔައީ ހަމަ ވިއާންގެ ދުލުން ބާއެވެ؟

"ހަނދާންނެތުނީތަ މަލްހާ އަކީ ކާކުކަން. މާދަމާ ވިއާންގެ އަންބަކަށް ވާން ހުރި އަންހެނެކޭ މިއީ. ދުލުން ބަސް ބޭރުކުރާއިރު ވިސްނާލަބަލަ. ތިމާގެ ވާންއުޅޭ އަނބިމީހާ އާ އޭނާގެ ކުރީ އިން މީހާ އާ ގުޅުވައިގެން ތިދެއްކެނީ ކޮންކަހަލަ ވާހަކަތަކެއް؟ ހަނދާންކުރާތި ދުލުން ބަސް ބޭރުކޮށްލުމަށްފަހު ތިމާ ވެގެންދާނީ ބަހުގެ އަޅަކަށް" މާމަ ހަޅޭއްލަވައިގަތެވެ. މާމާގެ އަޑުގައި ހަރުކަށި ކަމެއް ވިޔަސް އަޑު ބާރެއް ނޫނެވެ. އެހެން ހުރެފައި އަހަރެންނަށް ބަލައިލުމެއްނެތި ވިއާން ނިކުމެގެން ހިނގައްޖެއެވެ. އެކަންވީ އިތުރަށް އަހަރެން ހިތްދަތި ކުރުވި ކަމަކަށެވެ.

"ދަރިފުޅާ، ވީކަމެއް ވީ. އެކަމާ އެހާ ބޮޑަށް ނުވިސްނާ. މާތްﷲ އަނިޔާ ލިބުނު މީހާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި" އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން މާމަ ވާހަކަދެއްކިއެވެ. އަހަރެންނަށް ރޮވެން ފެށި އެހިސާބުންނެވެ. ދުވަހަކުވެސް ނުޖެހޭ ވަރަށް އަހަރެން ހިތުގައި ޖެހިއްޖެއެވެ. ހިތްހަމަނުޖެހިފައި ހުއްޓަސް ވިއާން އެބުނެލީ ބުނެގެން ނުވާނެ ބަސްތަކެކެވެ.

"ދެން ނުރޮއި ހުއްޓާލާ. ހަގީގަތުގައި މިއަދު މާމައަށް އިނގިއްޖެ ވިއާން މަލްދެކެ ލޯބިވާ މިންވަރު" މާމަ ވާހަކަދައްކަމުން ދިޔައެވެ. އެހެންނަމަވެސް އަހަރެންނަށް ރުއިން ހުއްޓައެއް ނުލެވުނެވެ.

"އެއްފަހަރާ ކަރުނަތައް ހުސްކޮށްލަންތަ ތިއުޅެނީ. އާދެބަލަ މިތަނުގަ އިށީންނަން" މާމަ އަހަރެން އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދައިފިއެވެ.

"ދެން ހުއްޓަލާ. ވިއާން ރުޅިއައިސްފައި ހުއްޓަސް ވިއާންގެ ދެލޮލުން މާމަ ދެކުނިން މަލްއަށްޓަކައި ލޯތްބާ ހަމްދަރުދީ. އަޅާނުލާ. އޭނަ ފަހުން ހަމަޖެހިދާނެ. އަލަށް ރުޅި އައިމަ ވެސް އެކަހަލަ ގޮތެއްނު ވާނީ. މާމަވެސް ދުވަހަކުވެސް ނުދެކެން ވިއްޔާ ވިއާނު އެހާ ރުޅިއައިސްފައި ހުއްޓާ" މާމަ ވާހަކަދެއްކިއެވެ.

"މާމާ، އަޅުގަނޑަށް ވިއާން ވަރަށް މުހިންމު. ވިއާންދެކެ އަޅުގަނޑު ވިއާނަށް ވުރެ މާކުރިން ލޯބިވެއްޖައިން. މާތްﷲ ގަންދީ ހުވާކޮށްފަ މިބުނަނީ އަޅުގަނޑުގެ ހިތުގައި ޒިޔާނާ މެދު ލޯތްބޭ މިކިޔާ އެއްވެސް އިހުސާސެއް ނެތް. ޒިޔާން ޖަލަށްދާން އަޅުގަނޑު ދެކޮޅުވީ ހަގީގަތުގައިވެސް މަންމައަށްޓަކައި. މަންމަ އެކަނިވާނެވަރު ހިތަށްއަރާފަ. އެއްގޮތަކަށްވެސް އަޅުގަނޑު ގާތަށް ޒިޔާން ގެންނަންވެގެނެއް ނޫން. އެކަމަކު މާމައަށްވެސް އިނގެއެއްނު އަޅުގަނޑު ބޭރަށް ނިކުތީ ރީޝަމްއަށް ފަސޭހަކޮށްދޭންވެގެން. ޒިޔާންގެ އެއްވެސް އުނދަގުލެއްނުވާތީ އަޅުގަނޑު ހީކުރީ މަންމަ ވިސްނައިދީގެން އެކަން އޭނަ ހުއްޓާލީ ކަމަށް. ޒިޔާން މަނާކުރި ފަހުން އަޅުގަނޑު އެކަނި ބޭރަށް އެންމެ ފިޔަވަޅެއްވެސް ނާޅަން. ޒިޔާން އެބުނާހާ އަޅުގަނޑު ގޯސްތަ އަޅެ؟" އަނެއްކާވެސް އަހަރެންގެ ދެލޮލުން ތާޒާ ކަރުނަތައް ފައިބައިގަތެވެ. ރޮވެން ފެށުމުން މާމަގެ މޫނާ ނަޒަރު ވަކިކޮށް އިސްޖެހިއްޖެއެވެ.

"މާމައަށް އިނގޭ. އެކަކު ނުކުރިޔަސް މާމަ މަލްއަށް ވަރަށް އިތުބާރުކުރަން. މާމަވެސް ކަމެއް ގޯސްވެދާނެތީ މަލް ކުޑަކޮށް ލަސްވީމަ ބޭރަށް ނިކުތީ. ދެން އެކަމާ އަޅާނުލާ. މާމަ ވިއާނާ ވާހަކަދައްކާނަން" މާމަ ވާހަކަދެއްކިއެވެ.

"ހިތަށް ހަމަޖެހުމެއް ނުލިބި އަބަދު ރޮވެންޏާ އެންމެ ރަނގަޅު ގޮތަކީ ވުޟޫކޮށްލައިގެން އައިސް މާތްﷲ ގެ ކިނބަފުޅަށް ދެ ރަކްއަތް ނަމާދެއް ކުރުން. އޭރުން އިސާހިތަކު ހިތްހަމަޖެހި މީހާ ހަމަޔަކަށް އެޅިދާނެ. އިނގޭ ދެން ހުއްޓާލާ" މަމާ އަހަރެން މޫނުގައި ފޮރުމާ ބޮލުގައި ބޮސްދިނެވެ. އެތައް އިރަކު ބުރަކަށީގައި ފިރުމައިދިނެވެ. މާމަގެ އޯގާތެރި ބަސްތަކުން އަހަރެންނަށް ހިތްވަރެއް ލިބިއްޖެއެވެ.

އަނެއް ދުވަހެވެ. ދެ ރޭ ފަހުން އަހަރެންގެ ކައިވެންޏެވެ. ބަންދު ދުވަހަކަށްވާތި އަހަރެން ކޮލެޖަށް ނުދަމެވެ. ފަތިސް ނަމާދަށް ހޭލި ގޮތަށް އަހަރެން ކޮޓަރިއަށް ނުވަންނަމެވެ. ހެނދުނުގެ ނާޝްތާ ތައްޔާރުކުރަން ބަދިގެ ތެރޭގައި ތިބީ އަހަރެންނާ މާމައެވެ. އަހަރެންގެ ހިތް އިންތިޒާރު ކުރަމުން ދިޔައީ ވިއާން ސައިބޯން އަންނާނެ އިރަކަށެވވެ.

"މި ނިމުނީނު. މާމަ އެބަ އަންނަން" މޭޒުމަތި ތައްޔާރުކޮށްލާފައި މާމަ ނިކުތީ ބެލްކަންޏަށެވެ. އިރުކޮޅަކުން ޓީޝާޓު ރީތި ކުރަމުން އައިސް ވިއާން މޭޒު ކައިރީގައި އިށީނދެއްޖެއެވެ. އަހަރެން ވިއާނަށް ބަލައެއް ނުލަމެވެ. އަހަރެން ތަށި ކައިރި ކޮށްލި ވަގުތު ލޮލުގެ އަރިމަތިން ވިއާން އަހަރެންނަށް ބަލަން އިންތަން ފެނުނެވެ. އަހަރެން އަޅައެއް ނުލަމެވެ. ވިއާން ކާން ފެށިތަނާ މާމަ އަައިސް ހުއްޓިއްޖެއެވެ.

(ނުނިމޭ)