ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ، ކ. ތުލުސްދޫވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ތުލުސްދޫ ކައުންސިލް ރައީސް އަހުމަދު އަނީސް "ވަން" އަށް މިއަދު ވިދާޅުވީ، ބަލި ވެގެން އެރަށުގައި ހުންނަ ފުލޫ ކުލިނިކަށް ދެއްކި މީހެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވް ވެފައި ވަނީ އުމުރުން 50 އަހަރަށްވުރެ މަތީގެ މީހެއް ކަމަށާއި ނަމަވެސް އޭނާ އަކީ އިތުރު ބޮޑު ބައްޔަކަށް ބޭސްކުރާ މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަނީސް އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި މީހާއަކީ މަސްވެރިއެއް ކަމަށާއި ނަމަވެސް ރޯދަ މަސް ފެށުނު ފަހުން އޭނާ މަހަށް ގޮސްފައި ނުވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނަ އިރު މިހާރުވެސް 23 ރަށެއްގައި ބަލި ފެތުރެމުންދާތީ އެރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.