މުހައްމަދު މަލީހު ޖަމާލް

މަލީހު މަޖިލީހަށް ދޮގު ހެއްދެވި، ނަމަވެސް ފިޔަވަޅު ނާޅަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، ރައްޔިތުންގެ މަޖިލީހަށް ދޮގު ހައްދަވާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި އޭނާއަށް ފިޔަވަޅު ނޭޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އިރު، ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށާއި ތަކުރާރުކޮށް ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުންދާ ކަމަށް ތުހުމަތުކުރައްވައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިންތިޔާޒުތަކާއި ސުލޫކު ކޮމިޓީން ބެލުމަށްފަހު އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުން މިއަދު ފާސް ކުރި ރިޕޯޓުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ، މަޖިލީހުގެ އިމްތިޔާޒަށާއި މަޖިލީހުގެ ގަދަރާއި މަޖިލީހުގެ މަސައްކަތްތައް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާ ފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަަށް އުނިކަން ލިބިދިނުން ކަމަށް ބެލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްތުގައި ކަމެއް އޮޅުވާލުން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (8) ވަނަ ނަމްބަރުގައި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލައިފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލައްލުން ކަމަށް ބުނެފައިވެއެވެ.

އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަންކަމާއި މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިގެން ޝަރީއަތް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށާއި ތަކުރާރުކޮށް ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުންދާ ކަމަށް ތުހުމަތުކޮށް، އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީވެސް އެކަމުގެ ސަބަބުން ކަމަށް މަލީހު ވިދާޅުވުމަކީ އެއްވެސް އަސާސެއް ނެތި އޭނާ ދެއްކި ވާހަކައެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުޅި މަޖިލީހަށް މަލީހު ގަސްތުގައި އޮލުވާލި ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް އޭނާއަށް ފިޔަވަޅު އެޅުމަށް އެ މައްސަލައިގައި ދައުވާކުރަން ފޮނުވަން ފާސްކޮށްފައެއް ނުވެއެވެ.