ރޯނގާގެ އަލާމާތްތައް ހުރެގެން އއ. އުކުޅަހު ސިއްހީ މަރުކަޒަށް ދެއްކި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އުކުޅަހު ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ސައީދު "ވަން" އަށް މިއަދު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ނޭވާއަށް އުދަނގޫވެ ބަލިވެގެން ޑޮކްޓަރަށް ދެއްކި ދިވެއްސަކާއި އިއްޔެ ބަލި ވެގެން ޑޮކްޓަރަށް ދެއްކި ދެ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުންދާ އިރު، މިއީ ދެ ކުލަސްޓާއެއް ކަމަށް ބުނެދޭން އަދި ދަތި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕޮޒިޓިވްވި ދިވެހި މީހާ ފުރަތަމަ ޑޮކްޓަރަށް ދެއްކުމަށް އައި ރޭ ނޭވާލާން އުދަނގޫ ވުމުން އޮކްސިޖަން ދިން ކަމަށެވެ.
"ސީދާ ނޭނގެ ދެ ކުލަސްޓާއެއް ކަމެއް އެއް ކުލަސްޓާއެއް ކަން ބުނެދޭކަށް. އެކަމަކު މިހެން ރަށަށް އައިސް އުޅޭ އިންޑިއާގެ ފަތުރުވެރިން ވަރަށް ގިނައިން ނަމާދަށް މިސްކިތަށް ގޮސް ޖަމާއަތުގަ ނަމާދު ކުރާނެ. އެކަމަކު މިއީ ސީދާ ފަތުރުވެރިޔާ އާއި ކޮންޓެކްޓުވެ ޕޮޒިޓިވް ވި ދިވެއްސެއްކަން ބުނަން އަދި ދަތި. ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ނިމުނީމަ އިނގޭނީ އެކަމަށް ޖަވާބެއް ދޭން،" ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު