ޓީވީ ސިލްސިލާ ކުސުމް އިން މަޝްހޫރުވި ތަރި އާޝްކާ އެކްޓިން އާ ދުރަށް ދާން ނިންމައިފިއެވެ.

ކުސުމް، ކިޔުންކީ ސާސްބީ ކަބީ ބަހޫތީ ކަހީން ތޯ ހޯގާ ފަދަ މަޝްހޫރު ޓީވީ ސިލްސިލާ ތަކުން ފެނިގެން ގޮސްފައިވާ އާޝްކާ އެކްޓިންގާ ދުރަށް ދާން ނިންމާފައިވަނީ އަމިއްލަ ވިޔަފާރީގައި ކުރިއަށް ދިއުމަށް ކަމުގައި އޭނާ ވަނީ ބުނެފައެވެ.

2001-2005 އަށް ސޮނީ ޓީވީން ދެއްކި ކުސުމްގައި އޭނާ ކުޅެދިން ކުމުދްގެ ރޯލުން މަޝްހޫރުވެގެން ދިޔަ ބަތަލާ ބުނެފައިވާ ގޮތުގައި އޭނާ އެކްޓުކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މުމްބާއީ އަށް ގޮސްފައިވަނީ އުމުރުން އެންމެ 16 އަހަރުގައެވެ.

އެކްޓިން އަށް އުފެދުނު ޝައުގުވެރިކަމާއެކު އޭނާ ވަނީ ވިޔަފާރިވެރިއަކަށް ވުމަށްވެސް ޝައުގުވެރިވާ ކަމަށާއި، އެ ހުވަފެން ވެސް ހަގީގަތަކަށް ހެދުމަށް ބޭނުންވާތީ އެކްޓިންއާ ދުރަށް ދާން ނިންމީ ކަމުގައި އޭނާ ބުނެއެވެ. އެކްޓިންއާ ދުރަށް ދަނީ ވަގުތީގޮތުން ކަމެއް ނޫނީ ދާއިމީކޮށް ކަމެއް ބުނަން އަދި ނޭނގޭކަމުގައި އޭނާ އިތުރަށް ބުނެފައިވެއެވެ.

އާޝްކާ ވަނީ އެތައް ޓީވީ ސީރީސްތަކެއްގެ އިތުރުން ރިއަލިޓީ ޝޯތައް ކަމުގައިވާ ހަތުރޯންކޭ ކިލާޅީ4، ބިގް ބޮސް 6 އަދި ނަޗު ބަލިޔޭ 8 ގައިވެސް ބައިވެރިވެފައެވެ. އެންމެފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ސްޓާ ޕްލަސްއިން ދެއްކި ޓީވީ ސީރީސް ދާޔަން އިންނެވެ.