މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ރޭޕުގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ހިންމަފުށީގައި ހުންނަ ރިހެބަށް ގެންގޮސްފިއެވެ.

އުމުރުން 20 އަހަރުގެ އެ އަންހެން މީހާއަކީ ޑުރަގު އެޑިކްޓެވެ. އެހެންވެ އޭނާ ފަރުވާ ހޯދުމަށް ހިންމަފުށީ ރިހެބަށް ގެންގޮސްފައިވަނީ ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ ގުޅިގެން "ހޭންޑްސް ޓުގެދާ" ޖަމިއްޔާއިންނެވެ.

އެ ޖަމިއްޔާ އިން ބުނީ އެ އަންހެން މީހާ މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް އިއްޔެ ހިންމަފުށީ ރިހެބަށް ގެންގޮސްފައިވާ ކަމަށެވެ.

ދެ މީހަކު ވެގެން އަންހެނަކު ރޭޕު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 8:10 ގައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރެންދޫ/ ވިނަރެސް، އާދަމް ވިޝާން، 18 އ. އާއި ހދ. ވައިކަރަދޫ/ މިލާފަރު، އަލީ ރަޝީދު، 23 އ. އެވެ.

މި އަންހެން މީހާ ގަދަކަމުން ގޯޅިއަކަށް ވެއްދި ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަނީ މާފަންނު ލެމަން ގުރާސް ކައިރިން އަންހެން ކުއްޖާ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ފިރިހެނަކު ދާ މަންޒަރެވެ. އެވަގުތު އީދު މިސްކިތު ބޭރުގައި ގިނަ ބަޔަކު ސަފުތައް ހަދައިގެން ނަމާދު ކުރާ މަންޒަރުވެސް ފެނެއެވެ.

އެ ވިޑީއޯ އިން އެ އަންހެން ކުއްޖާ ގަދަ ދައްކައި، ނުދާން މަސައްކަތް ކުރާތަން ފެނެއެވެ. އަދި އެވަގުތު އެ ސަރަހައްދުގައި މީހުން އުޅޭތަން ފެނުނު ނަމަވެސް އެއްވެސް މީހަކު އެކަމަށް އަޅާލިތަނެއް ނުފެނެއެވެ.

ވީޑިއޯގައި އެ އަންހެން މީހާ ގަދަ ހަދަނިކޮށް، އެތަނުގެ ސައިކަލެއްގައި ކައިރީގައި ތިބި ދެމީހެއްގެ ފައި މައްޗަށް ވެއްޓޭތަން ފެނެއެވެ. ނަމަވެސް އެމީހުން އަޅައެއް ނުލައެވެ. ފަހުން ދެ ފިރިހެނަކު ވެގެން އެ ޒުވާނާ ދެ އަތުގަ އާއި ދެ ފައިގައި ހިފައިގެން އުފުލާލައިގެން ގޯޅިގަނޑަށް ވައްދާ މަންޒަރު އާންމުވި ވީޑިއޯ އިން ފެނިގެންދެއެވެ.