ޚަބަރު

ސަރުކާރުން ދިން ތިން ރަށުން ބިންތައް ދޫކުރުމުގައި އިސްކަންދޭނީ އެ އަތޮޅެއްގެ ދަނޑުވެރިންނަށް: އެގްރޯ

އަލީ އަފާފް ރަމީޒު

ސަރުކާރުން ދަނޑުވެރިކަމަށް ދޭން ނިންމާފައިވާ ތިން ރަށުން ދަނޑުވެރިކަމަށް ބިންތަކެއް ކަނޑައަޅައި، ދިގު މުއްދަތަކަށް ދަނޑުވެރިންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެ ބިންތައް ދޫކުރުމުގައި އިސްކަންދޭނީ އެ އަތޮޅެއްގެ ދަނޑުވެރިންނަށް ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

އެގްރޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށް ކަމަށްވާ ހއ. މުލިދޫ އާއި ލ. ގާދޫ އަދި ގދ. ގަން، އެ ކުންފުނިން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަޝްރޫއު ހިންގުމަށް ދޫކުރާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގްރޯ އިން ބުނީ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމާއި ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ބިން ލިބިފައި ނެތުން ކަމަށެވެ. ނަމަވެސް މި ތިން ރަށުގައި ކޮންޓްރެކްޓް ފާމިންގެ މަޝްރޫއު ފެށުމާ އެކު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރެވި، ކުންފުނީގެ އެހީތެރިކަމާ އެކު ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމަކަށް ފުރުސަތު ހުޅުވި ދަނޑުވެރިކަމުގެ ނަފާ ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށްވެސް އެގްރޯ އިން ބުންޏެވެ.

އެގްރޯ އިން ބުނީ މުލިދޫ އާއި ގާދޫ އަދި ގަމުގެ ބޮޑުބައި ބޭނުންކުރެވިގެން ދާނީ ކޮންޓްރެކްޓް ފާމިން އުސޫލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ބާވަތްތައް އުފެއްދުމަށް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ދަނޑުވެރިކަމަށް ބިންތަކެއް ކަނޑައެޅި ދިގު މުއްދަތަކަށް ދަނޑުވެރިންނަށް ދޫކުރުމަށް ރޭވިފައިވާ ކަމަށްވެސް ބުންޏެވެ.

"މިފަދަ ބިންތައް ދޫކުރުމުގައި އިސްކަންދޭން ނިންމާފައި ވަނީ އެ އަތޮޅެއްގެ ދަނޑުވެރިންނަށް. ވަކިން ހާއްސަކޮށް މި ރަށްތަކާ ކައިރި ހިސާބުގެ ރަށްތަކުގެ ރައްޔިތުންނަށް. މި މަސައްކަތް ކުރުމުގައި ދަނޑުވެރިންނަށް އެ ރަށްރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެ ރަށްރަށުގައި ތިބެވޭނެ އިންތިޒާމުވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައި ދެވޭނެ. އަދި މީގެ އިތުރުން މި ރަށްތަކުގައި ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ، ދަނޑުވެރިން ހައްދާ ބާވަތް ރަށުން ގަނެ، ރަށުގައި ރައްކާތެރިކަމާ އެކު ޕްރޮސެސް ކުރެވިގެންވާ މި ތަކެތި ކައިރި ރަށްތަކަށާއި ރިސޯޓުތަކަށް މާކެޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނީ މި ކުންފުނީގެ ފަރާތުން،" އެގްރޯ އިން ނެރުނު ބަޔާނުގައިވެއެވެ.

މި ތިން ރަށުގައި ވެސް ދަނޑުވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި ގަސްކާނާ އާއި ބޭހާއި އެހެނިހެން ވަސީލަތްތައް ލިބޭނެ ގޮތަށް އިންތިޒާމުކުރެވޭނެ ކަމަށާއި އަދި ދަނޑުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، ވަކިން ހާއްސަކޮށް ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނުތައް ވެސް ކުންފުނީގެ ފަރާތުން ލިބިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ކުރިއަށްގެންދާ އުސޫލާ އެއްގޮތަށް، ކޮންޓްރެކްޓް ފާމިންގެ ދަށުން އުފައްދާ ބާވަތްތައް މާކެޓް ކުރެވޭނެ ކަމަށް އެގްރޯ އިން ބުންޏެވެ.

ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއްގައި ކޮންޓްރެކްޓް ފާމިންގެ ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން މިހާތަނަށް 1500 އަށްވުރެ ގިނަ ދަނޑުވެރިން ފޯމު ހުށަހަޅައިފައިވާ އިރު، 400 ފަރާތަކާ އެކު އެއްބަސްވުންތަކުގައި ސޮއި ކުރެވި، އިތުރު 684 ފަރާތަކާ އެކު އެގްރިމެންޓު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެގްރޯ އިން ބުންޏެވެ.