ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް) އާއެކު އެކަމުގައި ބައިވިެރިވި ހަތަރު މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކު ކުރުމާއި އެތަކެތި ބޭނުން ކޮށް ވިޔަފާރި ކުރި ކަމުގެ ދައުވާ އުފުލައިފިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓާ) އާއެކު ހަތަރު މީހަކު ހައްޔަރު ކުރީ ހުސްވި މާޗް މަހުގެ 13 ވަނަ ދުވަހުގަ އެވެ.
އެ މައްސަލައިގައި، ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގަ ދެން ހައްޔަރުކުރި ލ. ގަން ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ބުނާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ދެން ދައުވާ ކޮށްފައިވާ މ. އަސަރީހަނދާން އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށް ކޮށްފައިވަނީ، ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.
އެ މައްސަލާގައި ދެން ދައުވާ ކުރަން ފޮނުވި ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް އުފުލާފައި ވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މިއަދު ވިދާޅުވީ އެ މައްސަލާގައި ޕެސްޓުގެ އިތުރުން އޭނާއާ އެކު ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މި އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު