އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް "ޕްލާސްޓިކާ ނުލައި" ގެ ނަމުގައި އާއްމުން ހޭލުންތެރިކުރުވުމުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރެއްވީ ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މި އިވެންޓުގައި، ސިންގަލްޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ގެ މަސައްކަތާ ގުޅޭ ފޮލިސީ ޕްރެޒެންޓޭޝަންގެ ވީޑިއޯއެއް ގެނެސްދީފައިވެއެވެ. މި ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ޖުމްލަގޮތެއްގައި ކުރެވެމުން އަންނަ އަދި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށެވެ.
މީގެ އިތުރުން "ޕްލާސްޓިކާ ނުލައި" ކެމްޕެއިންގެ ލޯގޯ އަދި "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ރަސްމީކޮށް މި އިވެންޓުގައި ދައްކާލައިފައިވެއެވެ.
މި ކެމްޕެއިނަކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކީ ހިންގޭނެ މަލްޓިސެކްޓޯރަލް އެވެއާނެސް ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން އެކި މުއައްސަސަތަކާ ގުޅިގެން "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ދެވި، އެކަންތައްތަކަކަށް އާއްމުން ހޭލުންތެރި ކުރުވިގެންދާނެއެވެ. އެގޮތުން، ގާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ތަފާތު އެކި ބައިތަކަށް އަމާޒުކޮށްގެން އާންމުންނަށް ހޭލުންތެރިކަމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ މައުލޫމާތު މި ކެމްޕެއިންގައި ހިއްސާވާ ފަރާތްތައް މެދުވެރިކޮށްވެސް އާއްމުންނާ ހަމައަށް ފޯރުކޮށްދެވިގެންދާނެއެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ފާސްކުރައްވައިފައެވެ. އަދި މި މަސައްކަތާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސް ވަނީ މިިދިޔަ އަހަރުގެ ޑިސެމްބަރު 30 ގައި ގަރާރެއް ފާސްކޮށްދެއްވައިފައެވެ. އެ ގަރާރުގެ ދަށުން 12 ބާވަތެއްގެ ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ވަނީ ނިންމައިފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސް ސޯލިހު ހާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންގެންދާ މަސައްކަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު