އއ. މަތިވެރިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް އަރާފައިވާ އިރު، އަދިވެސް އެ ރަށުގައި ބަލި ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.

މަތިވެރި ކައުންސިލުން މީގެ ކުރިން ބުނިގޮތުގައި، އެރަށަށް ބަލި ފެތުރުނީ އެރަށަށް ދިޔަ އިންޑިއާ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އަނބުރާ ގައުމަށް ދިއުމަށް މީގެ ދެ ހަފުތާ ކުރިން ނެގި ސާމްޕަލުންނެވެ. އެ ކޭސްއާ ގުޅިގެން އޭނާ ހުރި ގެސްޓްހައުސް މޮނީޓާކޮށް، އެތަނުން ހަތަރު މީހަކާއި އެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި މީހަކު ޕޮޒިޓިވްވި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މަތިވެރިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއާއެކު ފުރަތަމަ ކޮންޓެކްޓް ޓްރޭސިން އިން ވެސް ދިހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މަތިވެރި ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު މާހިދު "ވަން" އަށް ވިދާޅުވީ، މިއަދާ ހަމައަށް އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 121 މީހުން ކަމަށާއި އަދިވެސް ނަތީޖާ ނުލިބޭ 66 ސާމްޕަލް އެބަހުރި ކަމަށެވެ. އޭގެ އިތުރުން 141 ގެ، ކަރަންޓީނު ކޮށްފައިވާ އިރު، ސާމްޕަލް ނުނަގާ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 180 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

"މި ރަށުގައި އަދި ބަލި ކޮންޓްރޯލެއް ނުކުރެވޭ. ސަބަބަކީ ޑައިރެކްޓް ކޮންޓެކްޓުން ފިޔަވައި އަލާމާތްތައް ހުރެގެން ޓެސްޓު ކުރާ ގިނަ ފަރާތްތައް ވެސް އެބަ ޕޮޒިޓިވްވޭ. އެހެންވީމަ އެކަމަށް އަދި އެއްޗެއް ބުނަން އެނގޭނީ މާދަމާ ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން،" މާހިދު ވިދާޅުވިއެވެ.

މަތިވެރިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ސިއްހީ މަރުކަޒުގެ ހަތަރު ސްޓާފުން ވެސް ހިމެނެއެވެ. ނަމަވެސް ފްރަންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ސާމްޕަލްތައް ނެގެޓިވްކަން މާހިދު ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ޕޮޒިޓިވްވެފައިވާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ހައި ރިސްކް މީހުން ހިމެނޭ ގޮތަށް ޕޮޒިޓިވް އެންމެންގެ ހާލުވެސް ބަރާބަރަށް ކޮންމެ ދުވަހަކު މޮނިޓާ ކުރަމުން މިދަނީ. އިރާދަކުރެއްވީތީ އެއްވެސް މީހެއްގެ ހާލު އަދި ގޯހެއް ނޫން،" މާހިދު ވިދާޅުވިއެވެ.