ސައުވީސްވަނަ ބައި
ގެއަށް އައީ އަހަރެންގެ ނަންބަރުވެސް ބަދަލުކޮށްގެނެވެ. ނަންބަރު ދޭން ވިއާން ބޭނުންވީ މާމަ އާ ރީޝަމްއަށް އެކަންޏެވެ. ކޮލެޖަށްވެސް އަހަރެންގެ ނަންބަރު ދޭން ވިއާން ދެކޮޅެވެ. އަހަރެން ރުހިގެން ހުރީމެވެ. އަހަރެންނަށް ދެރަވާ ގޮތަކަށް ވިއާން އެއްވެސް ކަމެއް ނުކުރާނެކަން އެއީ އަހަރެންނަށް ޔަގީންވާ ކަމެކެވެ.
ޖެހިގެން އައި ދުވަހު މަންމައަށް އަހަރެން ގުޅީ މާމަގެ ފޯނުންނެވެ. އަހަރެން އަސްލު ސަބަބު ހާމަނުކޮށް އެދުނީ ވަރަށް އަވަހަށް ބައްދަލުކުރުމަށެވެ. މަންމަ އެއްބަސްވިއެވެ. އަދި މަންމަގެ އެޑްރެސް ފޮނުވިއެވެ. އަހަރެން ވަގުތުން މަންމަ އުޅޭ ގެއަށް ދާން އިންކާރު ކުރީމެވެ. ޒިޔާންގެ ކުރިމައްޗަށް ނޭނގިވެސް އަރަން އަހަރެން ބޭނުމެއް ނޫނެވެ. މަންމަ އެދުނީ އެހެންވިއިރު ބޭރުން ބައްދަލުކުުމަށެވެ. ދާންވީ ތަނާ ގަޑި ބުނެފައި މާމައަތަށް ފޯނު ދީފައި އަހަރެން އެކޮޓަރިން ނިކުމެގެން ގޮސް ވަނީ ވިއާންގެ ކޮޓަރިއަށެވެ.
"އާނ އަދިވެސް ކޮންޓިނިޔު ކުރަންވީތަ؟ އެއްވެސް މައްސަލައެއް ދިމާވާނެތަ؟ މެރީކުރަން އުޅޭއިރު ހުރިހާ ކަމެއް ވަރަށް ސާފުކޮށް އިނގުން ވަރަށް މުހިންމު" ކޮޓަރި ތެރެއިން ވިއާން ފެންނަން ނެތަސް އޭނާގެ އަޑު އަހަރެންނަށް އިވެމުން ދިޔައެވެ. އެހެންކަމުން އަހަރެން އަޑު އަންނަ ދިމާލަށް ދިޔައީމެވެ.
"ލުކް ޑޮކްޓަރ، އިނގޭ އޮޕަރޭޝަންގެ ފަހުން އެއްވެސް ކަމެއް ގޯހެއްނޫންކަން. އެކަމަކު އަދިވެސް... ނޭނގެ ވާގޮތެއް. ހިތަށް އަރަނީ ހަމަ" ބެލްކަނީގައި ފޯނުގައި ހުރި ވިއާން ވާހަކަދައްކަމުން އެނބުރުނުއިރު ކުރިމަތިން އަހަރެން ފެނުމާއެކު ހުއްޓުން އެރިއެވެ.
"ފަހުން ގުޅާލަން. ޔާ... ޝުއަރ" ވިއާން ފޯނު ކުރުކޮށްލާފައި އައިސް އަހަރެން ކުރިމަތީގައި ހުއްޓިއްޖެއެވެ. ވިއާންގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުމެއް އަހަރެންނަށް ފެނުނެވެ.
"ވަޓްސް ރޯންގް؟" އަހަރެންނަށް އެހުނީ ދައްކަން އައި ވާހަކައެއް ނޫނެވެ.
"ކޮން ޑޮކްޓަރެއް. ވިއާން، އަދިވެސް އެކަންތައް" އަހަރެންނަށް ބުނެވުނެވެ. ވިއާންގެ އަޑި ނޭނގޭ ބޮޑު ސިއްރު ހޯދަން އަހަރެން ތެޅުނު ދުވަސްތައް ހަނދާންވިއެވެ. އަހަރެން މިހުރީ އެކަން ހުއްޓާލައިގެންނެވެ. އަދި އަމުދުން މިހާރު އެކަންތައް ހޯދުމުގެ ބޭނުމެއް ނެތެވެ. ވިއާންގެ އަންބަކަށް ވުމަށްފަހު އަހަރެންނަށް ވިއާންގެ ނޭނގޭ އެއްވެސް ކަމެއް ނޯންނާނެއެވެ. ދެއްކި ވާހަކަތަކުން ބައެއް އަހަރެންނަށް އިވުނަސް އެކަމާ ގުޅުވައިގެން އަހަރެން ވާހަކަނުދައްކަން ނިންމީމެވެ.
"މަލް، ކޮންވިސްނުމެއްގަ" ވިއާން އަހަރެންގެ ދެކޮނޑުގައި ހިފާލާފައި އެހިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. އަދި ވިއާނަށް ހިނިތުންވުމެއް ދިނީމެވެ.
"ވަރަށް އަވަހަށް އޮފީހަށް ދާންޖެހިގެން ދާން މިދަނީ. ހީވަނީ ގެއަށް އާދެވޭނީ މިރޭގެ ވަގުތެއްގަހެން. މަލް ކައިރިއަށް ދާން އުޅެނިކޮށް ތިއައީ" ވިއާން ވާހަކަދެއްކިއެވެ.
"ދެން؟ އަހަރެން ހަވީރުން ޒިޔާންގެ މަންމަ އާ ބައްދަލުކުރަން ދާން މިދަނީ. އެކަނި ދާންވީތަ؟" އަހަރެން އެހީމެވެ. އެނދުމަތީގައި އޮތް ވޮލެޓް ނަގާފައި ޖީބަށް ކޮށްޕައިއިލި ގޮތަށް ވިއާން އަހަރެންނަށް ނަޒަރެއް ދިނެވެ. އޭނާ އޮފީހަށް ދާން ބުނި ބުނުން އަނބުރާ ގެންނަން އުޅޭ ކަހަލަ ގޮތަކަށް ބަލަމުން ދިޔައެވެ.
"އުނހު. މަލް އެކަނިން ނުދާތި. އެކަމަކު އަހަރެން އޮފީސް... ސީދާ މިނިސްޓަރ އެދިލެއްވީ... އެކަމަކުވެސް ހެޔޮ. އަހަރެންނަށް މުހިންމީ މަލް" ވިއާން ބުނެލިއެވެ. އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އަހަރެންނާމެދު ވިއާން ވިސްނާވަރު ފެނިފައެވެ.
"ނޫން ވިއާން ދޭ. އަހަރެން ހިނގައިދާނަން ރީޝަމްއަށް ގުޅައިގެން. އެގޮތް އޯކޭއެއްނު" އަހަރެން ބުނީމެވެ. ވިއާން ވިސްނުމަކަށް ގެއްލިފައި ހުރީ ގޮތް ނިންމަން ނޭނގިފައި ހުންނަ ކަހަލަ ގޮތަކަށެވެ.
"އޯކޭ. އަހަރެން އާލިމް ކައިރީގައި ބުނާނަން މަލްމެންނާއެކު ދާން. އޭރުން ފިރިހެނެއް ވެސް ހުންނާނެއްނު" ވިއާން ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ. ކޮޓަރިން ނިކުންނަން އުޅެނިކޮށް އަނެއްކާވެސް ވިއާންގެ ފޯނު ރިންގުވާން ފަށައިފިއެވެ.
"ޔެސް. އޮން ދަ ވޭގަ މިހާރު" ފޯނު ކަންފަތުގައި ޖެހި ގޮތަށް ވިއާން ބުނެލިއެވެ. އަހަރެންނަށް ހުރެވުނީ ވިއާންގެ އަވަސް ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ގޭ ދޮރާ ހަމައަށް ގޮސްފައި ވިއާން އެނބުރި ބަލައިލިއިރު އަހަރެން ހުރީ ވިއާންގެ ކޮޓަރި ދޮރުމަތީގައެވެ. ހީލާފައި ވިއާން އައިސް ހުއްޓުނީ އަހަރެން ކުރިމަތީގައެވެ.
"ޕްލީޒް ޓޭކް ކެއަރ. ވިލް ބީ ބެކް ސޫން. އިންޝާﷲ" އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފާލާފައި ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ.
ވިއާން ދިޔުމުން އަހަރެން މަޑުކޮށްލައިގެން ހުރީ ބެލްކަނީގައެވެ. އޭރު މާމަ ގަސްތައް ކައިރީގައި މާމަ އިނެވެ. މާމަ ހައްދާފައިވާ ގަސްތަކުގައި ހުރި ހިކިފައިވާ ފަތްތައް ނައްޓުވަން ކަތުރެއް ހިފައިގެން ހުރިއިރު އިރުކޮޅަކާ އަހަރެންނަށް ބަލައިލައެވެ. އަހަރެންނަށް އިރުކޮޅަކާ މާމައަށް ނަޒަރެއް ދެވުނަސް އަހަރެންގެ ހުރިހާ ސަމާލުކަމެއް ދެވިފައިވަނީ އަތުގައި ފޯނަކަށެވެ. އަހަރެން ހުރީ ރީޝަމް ގުޅަންދެކަށެވެ.
"ވިއާނު ކިހާ އިރަކު އަންނަން އެދިޔައީ؟" މާމަ އެހިއެވެ.
"މިރެއަށް އާދެވޭނެޔޯ ބުނީ. ސީދާ މިނިސްޓަރުގެ އެދިލެއްވުމަކަށޭ ބުނީ" އަހަރެން މާމައަށް ޖަވާބުދިނީމެވެ.
"މާމާ، ވިއާން ކައިރީގައި ބުނާތި މެރީކުރާ ދުވަހަށް ޗުއްޓީ ނަގަން" އަހަރެން ބުނީމެވެ. މާމަ ހީލައިފިއެވެ.
"މަލް ބުންޏަސް ނަގާނެއްނު" މާމަ ބުނެލިއެވެ.
"އެގުޅީ ރީޝަމް. އެބައަންނަން މާމާ" އެހެން ބުނެފައި ފޯނުން ވާހަކަދައްކަމުން ގޮސް އަހަރެން ވަނީ ކޮޓަރިއަށެވެ.
"ސާހިބާގެ ސެކިޔުރިޓީ ބެލެހެއްޓުން މަގޭ ފިރިމީހާ އާ ހަވާލުކުރިކަން އިނގޭތަ؟" ރީޝަމް ބުނެލިއެވެ.
"އާނ. މީހަކާ ސެކިޔުރިޓީ ހަވާލުކުރާވަރު ވެއްޖެއޭ. އަޅެ ރީޝަމްއަށް މިހާރު އާދެވޭނެތަ؟" އަހަރެންނަށް ބުނެވުނެވެ. ކުޑަކުއްޖަކު ގޮވައިގެން އުޅޭއިރު ބީޒިވެދާނެކަން އަހަރެންނަށް އިނގެއެވެ. އެކަމަކުވެސް އަހަރެން ބޭނުންވަނީ ރީޝަމް ގެނެސްގެން އޭނާ އާ ވާހަކަދައްކާ ކަންކަމާ ހިޔާލު ބަދަލުކޮށްލާށެވެ.
"ދަރިފުޅު އޭނަ މާމަގެއަށް ލާފައި މިދަނީ އިނގޭ. އާލިމް އަންނާނެ އަހަރެމެން ގެއިން ނިކުންނަ ގަޑިއަށް" ރީޝަމް ބުނެލިއެވެ. ކަމުގެ ސީރިޔަސްކަން އޭނައަށް އިނގުމުން އިތުރަށް ދިމައެއް ނުކުރެއެވެ.
ރީޝަމް އަންނަންވާއިރަށް އަހަރެން ކުޑަކޮށް ތައްޔާރުވެލީމެވެ. ބަދިގެއަށް ގޮސް ދެމީހުންނަށް ކާލެވޭނެ އެއްޗެއް ތައްޔާރުކޮށްލީމެވެ. އައިސް ފެން ފުޅިއެއް ހިފައިގެން އަހަރެން މޭޒު ކައިރީގައި މަޑުކޮށްލައިގެން އިންދާ މާމަ އައިސް ވަނެވެ. އަހަރެންނަށް ހީލާފައި މާމަ ފުރިޖު ކައިރީގައި ހުއްޓިފައި ރަންގު ކުލައިގެ ގިތެޔޮ މިރުސް ތައްޓެއް ނެގިއެވެ. ދެން އެ ހިފައިގެން ކަބަޑު ކައިރިއަށް ޖެހިލާފައި ކަބަޑުން ނެގި ހުސްފުޅިއަކަށް ބައެއް އެޅިއެވެ. އަނެއް ބައި އައިސް ކޮތަޅަކާއެކު އަހަރެންނާ ކައިރިކޮށްލިއެވެ.
"އެމަންޖެ އައިމަ މި މިރުސްކޮޅު ދީ އެމަންޖެއަށް. ބުނޭ މާމަ ދިން ހަދިޔާއެކޭ" މާމަ ބުނެލިއެވެ. އަހަރެން ހީލާފައި ބޯޖަހައިލީމެވެ.
"ދެން ތި ފުޅީގަ ހުރި މިރުސްތައް ހިފައިގެން ކޮންތާކަށް ތިދަނީ؟" އަހަރެން އިޝާރާތް ކުރީ މާމަ އަތުގައި ހުރި މިރުސް ފުޅިއަށެވެ.
"މިއީ މިއަދު ގަހުން ބިން މިރުސްކޮޅު. ކައިރި ފިހާރައަށް ވިއްކާލަން ހިފައިން މިދަނީ. މާމަ އަންނާނަން ވަރަށް އަވަހަށް. އާދޭ މާމަ ނިކުތީމަ ދޮރު ތަޅުލަން" މާމަ ބުނެލިއެވެ.
އަހަރެން މާމަ ފަހަތުން ހިނގައިގަތީމެވެ. ދޮރު ހުޅުވާލާފައި މާމަ ލިފްޓަށް އަރަންދެން އަހަރެން ބަލަހައްޓައިގެން ހުއްޓާ ހުޅުވުނު ލިފްޓުން ރީޝަމް ނިކުތްތަން ފެނުނެވެ. މާމަ ފެނުމާއެކު ފުޅާ ހިނިތުންވުމެއް މާމަ އާ ބަދަލުކކޮށްލިއެވެ.
"ކިހިނެއްވެގެން ތިއުޅެނީ؟ ކާކާ ބައްދަލުކުރަން ދާން އުޅުނީ" އަހަރެން ފެނުމާއެކު ރީޝަމްގެ ސުވާލުފޮތް ހުޅުވާލިއެވެ.
"މިއުޅެނީ އެ ޒިޔާންގެ ކަންތައް ލައިގަނެގެން. ހުވާ މިބުނީ އަހަރެން މިހާރު ހިތަށް އަރާ އެ ހަންޑި މަގޭ ކުރީގެ ފިރިމީހާއަށް ނުވި ނަމައޭ. ހީވަނީ މޮޔަވެގެން އުޅޭހެން" އަހަރެން ބުނީމެވެ.
"އޭނަ ކީއްކުރީ. ހިނގާބަލަ އަހަރެން ގޮވައިގެން ކޮޓަރިއަކަށް. މަލް ބުނެގެން އަވަހަށް އަންނަން ހަދައިގެން ވަރަށް ފާޑަކަށް ބުރުގާ އެޅުނީ" ރީޝަމް އެދުނެވެ. އަހަރެން ރީޝަމް ގޮވައިގެން ގޮސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އަހަރެން އެނދުގައި މަޑުކޮށްލައިގެން އިނީ ލޯގަނޑު ކުރިމަތީގައި ހުރެ ރީޝަމް އަލުން ޝޯލް އަޅަންދެކަށެވެ.
"ހޫމް... އޭނަ ކީއްކުރީ އޯ" ރީޝަމް އެހިއެވެ.
"މޮޔަވީ. ހޭބަލިވީ. ހަޔާތްކުޑަކަމުން އަހަރެން ހަމަ ހައިރާންވެއްޖެ" އަހަރެން ބުނީމެވެ. އަހަރެން ބުނި ރާގުން ރީޝަމް އަހަރެންނަށް ބަލައިލާފައި ހީލިއެވެ.
"އިނގޭތަ އޭނަގެ ސަބަބުން ފޯނު ނަންބަރުވެސް ބަދަލުކުރަން ޖެހުނީ" އަހަރެން ރީޝަމްއަށް ޒިޔާންގެ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އޭރު އަލުން ޝޯލް އަޅައިގެން ރީޝަމް އައިސް އަހަރެން ކައިރީގައި އިށީނދެއްޖެއެވެ. އޭނާ ކަމެއް ހަނދާންކުރަން އުޅޭ ކަހަލަ ގޮތަކަށް ނިތަށް ރޫތަކެއް އަރުވަމުން ދިޔައެވެ.
"އެބައިންތަ ތި ޒިޔާންގެ ފޮޓޯއެއް" ރީޝަމް އެހިއެވެ.
"އަހަރެން ނުގެންގުޅެން. އެކަމަކު ފޭސްބުކްގަ އިންނާނެ" އަހަރެން ބުނީމެވެ.
"ޝިޓް... އަހަރެން ފޯނުން މިހާރު ފޭސްބުކަށް ނުވަންނަން. ވިއާންގެ އެދުމަށް މިދުވަސްކޮޅު އަހަރެން ސޯޝަލް މީޑިޔާގައި ނޫޅެން. ދައްކަބަ ރީޝަމްގެ ފޯނު" އަހަރެން ބުނީމެވެ. ލައިގެން ހުރި ޖީންސުގެ ފަހަތު ޖީބުގައި އޮތް ފޯނު ނަގާފައި އަހަރެން އަތަށް ފޯނު ދިނެވެ. އަހަރެން ރީޝަމްގެ ފޭސްބުކް ލޮގިންވެފައި ޒިޔާންގެ ނަން ހޯދާ ތަނުގައި ޖަހައިލީމެވެ.
"މިއީ އޭނައަކީ. މި ފޮޓޯ އިންނަނީ އަބަދުވެސް ލާފަ. މިހެން ހުއްޓަސް މިހާރު އޭނަ ހުރީ މި ސިފައިގައެއް ނޫން. މިހާރު ހީވަނީ އަރައި ކާއެއްޗެއްހެން. ޕާޓޭއެއް" އަހަރެން ބުނީމެވެ. ފޯނު ލޮލާ ކައިރިކޮށްގެން ވަަރަށް ރަނގަޅަށް ރީޝަމް ފޯނަށް ބެލިއެވެ.
"ޔެސް. މިއީ ހަމަ އޭނަ. ފާޑެއްގެ އަތްދިގު ގަމީސްގަނޑެއްގަ ވީދައި ކުދިކުދިވެފައި އޮތް ބާ ޖިންސުގަނޑެއް ލައިގެން އެބަހުރި. މަލް ތިބުނީ ރަނގަޅަށް. އަހަރެން މިގެއަށް އައިރު ހަމަ ދޮރުމަތީގައި ކަހަލަަ ގޮތަކަށް އެބަހުރި" ރީޝަމް ބުނެލިއެވެ. އަހަރެންގެ މޭގަނޑު ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ދުވެފައި ގޮސް ބޭރަށް ހުޅުވޭ ކުޑަދޮރު ހުޅުވާލާފައި ތިރިއަށް ބަލައިލީމެވެ. ދޮރުމަތިން އަހަރެންނަށް މީހަކު ހުރިކަމަށް ފާހަގައެއް ނުވިއެވެ.
"މިހާރު ނެތް ދޯ" ރީޝަމް ތިރިއަށް ބަލައިލާފައި ބުނެލިއެވެ. ދެމީހުން އެކު އައިސް އެނދުގައި އިށީނދެފައި އެކަކު އަނެކަކާ ވާހަކަނުދައްކާ އިރުކޮޅަކު ހިމޭނުން އިނީމެވެ. އޭރުވެސް އަހަރެންގެ ހިތުގައި އުފެދިފައިވި ބިރު އެއްކޮށް ފިލައި ނުދެއެވެ.
"ހުވާ މިބުނީ އޭނަ އާ ހެދި އަހަރެން ނަފްސާނީ ގޮތުން ބަލިވެއްޖެ" އަހަރެން ބުނީމެވެ.
"މަލް ވަރަށް ވިސްނައިގެން އުޅޭތި. އެ ޒިޔާން މިހާރު އެހުރި ހާލަތުން އޭނަ ކޮންމެ ކަމެއްވެސް ކޮށްފާނެ. ބޯލައިގެން ހުންނައިރު ވާނުވާއެއް ނޭނގޭނެ. ވިއާން ނެތް ގަޑީގަ ގޭގަ ތިހެން މާމައާއެކު އިންނައިރު ވަރަށް ވިސްނައިގެން އިންނާތި. އޭނަ ހިއްޕަަވައިގެން އައިސް މަލްކަމަށް ހީކޮށްފަ މާމަވެސް ރޭޕްކޮށްފާނެ" ރީޝަމް ވާހަކަދެއްކިއެވެ. އެންމެ ސީރިޔަސް ވާންވީ ވަގުތު ރީޝަމްގެ ސަބަބުން އަހަރެންނަށް ހެވިއްޖެއެވެ.
"މަޖަލަކަށް ނޫން. ހަމަ ރަނގަޅަށް މިބުނީ. އެއީ ހަމަ ވުން ގާތްކަމެއް. ނުރައްކާ އޮތީ އެކަނި މަލްއަކަށް ނޫން" ރީޝަމް ބުނެލިއެވެ. މަޖާވެފައި ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް މިވަގުތުކޮޅު ރީޝަމްގެ މޫނުމަތިން ފެންނަނީ ސީރިޔަސް ކަމެވެ.
"ދެން ބިރުނުގަންނުވަބަލަ" އަހަރެން ބުނީމެވެ.
"ވިއާން ބުނި ގޮތަށް ފިިޔަވަޅެއް ނާޅާ އެންމެ މިނިޓެއް ލަސްކުރިޔަސް ހަމަ ވަރަށް އަގުހުރި ވަގުތު އެގެއްލެނީ. ތި ޒިޔާން މަންމަ އާ ބައްދަލުކޮށްފަ އަހަރެންނަށް ފެންނަނީ މިރެއިން މިރެއަށް ވެސް އޭނަ ފުލުހުންނާ ހަވާލުކުރަން" ރީޝަމް ހިޔާލު ފާޅުކުރިއެވެ.
"އާނ ދެން މިއަދު އޭނަ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދީފައެއްނު" އަހަރެން ބުނީމެވެ.
"މިގެއިން ނަމާދުކޮށްގެން ދާނީ ދޯ" އަހަރެން ބުނީމެވެ.
"އާނ. އެހާއިރަށް އާލިމަށްވެސް ގެއަށް އާދެވޭނީ" ރީޝަމް ބުންޏެވެ.
އަހަރެންނާ ރީޝަމް ތައްޔާރުވެގެން ކޮޓަރިިން ނިކުތްއިރު ޒިކުރު ފޮތެއް ހިފައިގެން މާމަ ސޯފާގައި އިނެވެ. އަހަރެން ފެނުމާއެކު ނަމާދުކުރިތޯ ސުވާލު ކުރިއެވެ. އަހަރެން މާމައަށް ޖަވާބުދީފައި ފައިވާން ހަރުގަނޑު ކައިރިއަށް ޖެހިލިތަނާ ރީޝަމް ބުނި ބިރުވެރި ބަސްތައް ހަނދާންވެފައި ރީޝަމްއަށް ބަލައިލެވިއްޖެއެވެ. ދެން ބާރަށް ހިނގާފައި ގޮސް މާމަ ކުރިމަތީގައި ހުއްޓި މާމަ ކައިރީގައި އިށީނދެ މާމަގެ ކޮނޑުގައި ބޯއަޅައިލެވިއްޖެއެވެ.
"ކިހިނެއްވީ އަނެއްކާ؟" މާމަ އެހިއެވެ. އަދި އެއްއަތުން އަހަރެންގެ އަތުގައި ފިރުމަމުން ދިޔައެވެ.
"މާމަ އެކަނި ގޭގަ ބައިންދާފަ ދާން ވަރަށް ކަންބޮޑުވޭ. އޭނަ އަނެއްކާ މާމައަށް"
"ސާބަހޭ ދަރިފުޅާ. މާމަ އާ މެދު ހާސްނުވެބަލަ. މާމަ އިންނާނީ ފިހިގަނޑާ މޮޕާ ރޮށިދަމާ ދަނޑިގަނޑު ކައިރީގައި ބާއްވައިގެން. ކުއްތާއަކަށް ބިރުދައްކާލާހެން ބިރުދައްކާލާނަން" ސަމާސާ ރާގެއްގައި މާމަ ބުނެލިއެވެ. އަހަރެންނާ ރީޝާމްއަށް އެއްކޮށް ހެވުނެވެ.
މަގުމައްޗަށް ނިކުތް ގޮތަށް އަހަރެންނަށް ދެފަރާތް ހޯދުނެވެ. ނުރައްކަލެއް ނެތްކަން ޔަގީންކޮށްފައި ގޭ ކައިރިއަށް ހުއްޓާފައި އޮތް ކާރަށް އަރަން ގޮސް މައްޗަށް ބަލައިލިއިރު ބެލްކަނިން މާމަ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ކާރަށް އެރުމުގެ ކުރިން މާމައަށް އަތް ހޫރައިލީމެވެ.
"ބައެއްފަހަރު މާމަ ހާދަ މަޖަލޭ ދޯ" ކާރު ކުރިއަށް އަރައި ދުއްވައިލުމާއެކު ރީޝާމް ބުނެލިއެވެ.
"އޭތް... ކިހިނެއްވެފަ. ބިރުންތަ؟ އަތް ވެސް ހާދަ ފިންޏޭ" ރީޝާމް ބުނެލިއެވެ. އަހަރެންގެ އަތުގައި ރީޝަމް ހިފައިލުމާއެކު އަހަރެންނަށް ރީޝަމްއަށް ބަލައިލެވިއްޖެއެވެ.
"އެތަނުގަ ހުންނާނެތަ އާލިމް" އަހަރެން އެހީމެވެ.
"ހޫމް.. އެކަމަކު މަލް ތިހާ ބިރު ނުގަނެބަލަ. އަހަރެންވެސް މިހުރީނު" ރީޝަމް ބުނެލިއެވެ.
"ބިރުގަންނާކަށް ބޭނުމެއްނޫން. ހުވާ ޒިޔާންގެ ސަބަބުން މަގުމަތި އަހަރެންނަށް ބިރުވެރި ތަނަކަށް ވެއްޖެ" އަހަރެން ބުނީމެވެ.
ކާރު މަޑުކުރީ އަހަރެން ބުނި ރެސްޓޯރަންޓް ކުރިމައްޗަށެވެ. ހީކުރި ގޮތަށް ސައިކަލް މަތީގައި އާލިމް އިނެވެ. އަހަރެމެން ގޮސް މަޑުކޮށްލީ އާލިމް ކައިރީގައެވެ.
"އަހަރެން މިއައީ ޕެޕަރ ސްޕްރޭ އާ ލަޓިބުރިގަނޑުވެސް ހިފައިގެން. ނުލިބުނީ ބިޑިއެއް" ހީލާފައި އާލިމް ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ.
"އާލިމް އަހަރެމެން ފެންނަ ހިސާބުގައި މަޑުކޮށްލައިގެން އިންނައްޗެ. އަހަރެން ބޭނުން ކައިރީގައި ރީޝަމް އިންނަން" އަހަރެން ބުނީމެވެ. އާލިމް އެގޮތާ އެއްބަސްވިއެވެ. އެތެރެއަށް ވަދެގެން ދާން އުޅެނިކޮށް ކައިރިއަށް ކާރެއް މަޑުކޮށްލައިފިއެވެ. އަހަރެންގެ ހިތް ހީވީ އަނގައަށް އައި ހެންނެވެ. އެ ކާރުން ފައިބާނީ ޒިޔާނޭ ހީވީ ވަގުތުކޮޅެކެވެ. އެހެންނަމަވެސް ކާރުން ފޭބި މަންމަ ފެނިފައި އަހަރެންގެ ހުރިހާ ކަންބޮޑުވުމަކާ ބިރުވެރިކަމެއް ފިލައިގެން ދިޔައެވެ. ހިނިތުންވެލައިގެން ހުރި މަންމަ އެ އައިގޮތަށް އައިސް އަހަރެންގެ މޫނުގައި ފިރުމާލާފައި ބައްދާލައިފިއެވެ.
"މަންމަ ވަރަށް އުފާވެއްޖެ އެހާ ދުވަސްކޮށްފަ ދަރިފުޅު ފެނުނީމަ" މަންމަ ބުނެލިއެވެ.
"ހިނގާ އެތެރެއަށް" އަހަރެން ބުނީމެވެ. އަދި މަންމަ އާ ރީޝާމް އާ އެކު އަހަރެން ގޮސް މަޑުކޮށްލީ ވަރަށް އެތެރޭގައި ހުރި މޭޒެއްގައެވެ. ވަގުތުގެ ގޮތުން މީހުންވެސް ގިނައެވެ.
"މިއީ ކޮންކުއްޖެއް؟" މަންމަ އިޝާރާތްކުރީ ރީޝަމްއަށެވެ.
"އާނ މިއީ ރީޝާމް. އަޅުގަނޑުގެ ބެސްޓްފްރެންޑް. ރީޝަމް މިއީ ޒިޔާންގެ މަންމަ" އަހަރެން ބުނީމެވެ. ރީޝާމް އާ މަންމަ އެކަކު އަނެކަކަށް ހިނިތުންވުމެއް ދިނެވެ.
"މަލް، ކީއްވެ މިކަހަލަ ތަނަކަށް މަންމަ ތިގެނައީ. މިއީ މަންމަ އައިސްއުޅޭ ކަހަލަ ތަނެއް ނޫން" މަންމަ ބުނެލިއެވެ.
"ވަރަށް ބޮޑަށް ސޮރީ މަންމާ. މަންމައަށް އެއްވެސް ތަކުލީފެއް ދޭކަށް ބޭނުމެއްނޫން. މަންމަ އުޅޭތަނަށް ގޮސް މަންމަ އާ ވާހަކަދައްކަން ނުކެރުނު. މަންމަ އުޅޭތަނަކީ..." އެހިސާބަށް ބުނެވުނުތަނާ ހެދިކާ ޓްރޭ ހިފައިގެން ވެއިޓަރަކު ކައިރިވެއްޖެއެވެ.
"އަޅުގަނޑު ބުނީ މަންމަ އުޅޭ ތަނަކީ އަޅުގަނޑަށް ރައްކާތެރި ތަނެއް ނޫނޭ" ވެއިޓަރު ދިޔުމުން އަހަރެން ބުނީމެވެ. މަންމަ ބަލައިލީ ދެބުމަ ގޮށްޖަހައިލުމުންނެވެ.
"މަންމާ، ޒިޔާން އަޅުގަނޑު ހީވެސްނުކުރާހާ ދަށު ދަރަޖައަކަށް ވެއްޓިއްޖެ" އަހަރެން ބުނީމެވެ. ވަގުތުން މަންމަގެ މޫނުމަތި މިލާ މޯޅިވެގެން ދިޔައެވެ.
"ކޮށްފާނެ ކޮންމެ ކަމެއްވެސް. މަންމަ އެކަން ގަބޫލުކުރަން" މަންމަ ބުނެލިއެވެ.
"އޭނަ ގޭތެރޭގަ އުޅެނީ ކިހިނެއްތަ؟ ހާދަ ބޮޑު ބަދަލެކޭ އައިސްގެ އެ އުޅެނީ؟" އަހަރެން ބުނީމެވެ.
"އެއީ ޓަސްލާފަ އައި ބަދަލެއްނޫން. މަލް ވަރިކޮށްފަ ދެވަނަ ކައިވެންޏެއްކޮށް އެކައިވެނިވެސް ރޫޅުނު ހިސާބުން އެބަދަލެއް އަންނަން ފަށައިފި. ވަޒީފާއަށް ދަނީވެސް ހިތަށް އެރިއްޔާ. ރަށުން ނުލަފާ ކުދިންނާ ގުޅާލައިގެން ފަހަކަށް އައިސް ގުރޫޕް ބޮޑުކޮށްލައިފި. މަންމަ ހާދަ ވިސްނައިދީފީމޭ. މިކޮޅަށް އައިސް ވެސް އާދޭސްކޮށްފިން ރަނގަޅު ވަޒީފާއަކަށް ދާށޭ ކިޔާފަ. އުޅޭ ތަނަށް ކުލި ދައްކަން ފައިސާ ގެންނަ ތަނެއްވެސް ނޭނގޭ. އޭނަ ބައްޕަ ވެސް ކޮންމެސްވަރަށްކަށް ފޮނުވާ ފައިސާ އޭނަ ބުނީމަ" އަސަރާއެކު މަންމަ ވާހަކަދެއްކިއެވެ. އަހަރެން ބަލައިލިއިރު މަންމަގެ ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ.
"މަންމާ، އަޅުގަނޑު މިއުޅެނީ ކައިވެނިކުރަން. ޒިޔާން ހުރީ އަޅުގަނޑުގެ ދިރިއުޅުން ހަލާކުކުރަން ފައި ވިއްދާފަ. ގުޅައިގެން އެތައް އިންޒާރެއްދޭ. ކުރީ ދުވަހަކުވެސް މަންމަ ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އެބައޮތޭ ކިޔާފަ އެތަނަށް އަޅުގަނޑު ގެންގޮސްގެން އެ އުޅުނު ވައްތަރެއް. މަންމައަށް ކިޔައިދޭން ލަދުވެސްގަނޭ. މަންމާ، ޒިޔާންގެ ސަބަބުން އެއްފަހަރު އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުވެއްޖެ. އެފުރުސަތު ދެވަނަ ފަހަރަށް ޒިޔާނަށް ދޭން އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު މަންމަ މިތަނަށް މިގެނައީވެސް މައްސަލަ ފުލުހުންނަށް ހުށައަޅަން އަޅުގަނޑު ބޭނުންވާތީ އެވާހަކަދައްކަން" އަހަރެން ވާހަކަދެއްކީމެވެ. ވަގުތުން މަންމަގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. ނުރޯން އުޅޭކަހަލަ ގޮތަކަށް ދެތުންފަތް ފިއްތާ ބާރުކޮށްލިއެވެ.
"ދަރިފުޅާ،" މަންމަގެ އަޑު އައީ ކުރެހިގެންނެވެ.
"އޭރުން މަންމައަށް ވާނީ ކިހިނެއް؟ މަންމައަށް އަޅާލާނީ ކާކު؟ މަންމަ ވަންނާނީ ކޮންތާކަށް؟ މަގުމައްޗަށް ނާށިގަނޑު ހިފައިގެން ނިކުންނަންވީތަ؟ މަންމައަކީ ދަރިފުޅު ފަދައިން އަޅާލާނެ ޔާރެއް އިޔާރެއް ހުރި މީހެއް ނޫން. މަންމައަށް ހަރަދުކުރާނެ ފިރިއެއް ދަރިއެއް ނެތް ޒިޔާން ނޫން. އެގޮތަށް އޭނަ އުޅުނަސް ޒިޔާން މަންމައަށް ގޯހެއްނޫން. މަންމަ ޒިޔާނަށް ވިސްނައިދޭނަން. ދަރިފުޅުގެ ދިރިއުޅުމާ ކުޅުނަ ނުދޭނަން. މަންމައަށް އިތުބާރުކުރޭ. މަންމަ ބުނީތީ އަދި އެއްފުރުސަތު ދީ" މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި މަންމަ ހިފިއެވެ. އަހަރެންނަށް ބަލައިލެވުނީ ރީޝަމްއަށެވެ. ދެން މަންމައަށެވެ. މަންމަގެ ކަރުނަތަކުގެ ކުރިމަތީގައި އެ މަންމަގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަން އަހަރެންނަށް ނުކެރުނެވެ. އަހަރެން މަންމަ ގެއަށް ފޮނުވާލީ ހިތްހަމަޖައްސައި ދީފައެވެ. އަހަރެންގެ ކައިވެންޏަށް އަންނަން މަންމައަށް ދައުވަތު ދީފައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ