ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް އެއް އަހަރު ދުވަހުގެ ހުއްދައެއް، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިނީ، މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގަ އެވެ.
މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނަގަން ޖެހޭ ގޮތް ބަޔާން ކޮށްފައި އޮންނަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައެވެ.
އެ ގޮތަށް ފައިސާނެގުން އެ ގާނޫނުން އޮންނަނީ ލިމިޓް ކޮށްފައެވެ. އަދި އެގޮތަށް ނަގާ ފައިސާ ދެއްކުމަށް ވެސްް ވަކި މުއްދަތެއް ކަނޑައަޅައި ގާނޫނުގައި އޮންނަނީ އެ މުއްދަތު ވެސް ލިމިޓް ކޮށްފައެވެ.
ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.
އެގޮތަށް ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާނޭ ގޮތެއްގެމަތިން ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ސަރުކާރަށް ނެގޭނީ ގާތްގަނޑަކަށް 170 މިލިއަނެއްހާ ރުފިޔާ އެވެ.
އެ މާއްދާގެ (ރ) ގައި ވަނީ ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. އަދި ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން ވަނީ މަނާކޮށްފަ އެވެ.
އެ މާއްދާގެ (ބ) ގައި ބުނަނީ (ރ) ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން އެމްއެމްއޭއިން ފައިސާ ނަަގަން ދީފައިވާ ހުއްދަ އެވެ. އެ މާއްދާގަ ބުނެފައިވަނީ، އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭ އަށް އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ގާނޫނުން ލިމިޓް ކޮށްފައިވާ އަދަދަށްވުރެ މަތީ އަދަދަކަށް ސަރުކާރަށް ފައިސާ ނެގޭނީ ވެސް، އަދި އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު ކުރެވޭނީ ވެސް، ގާނޫނުގައި، އެކަންކަން ލިމިޓް ކޮށްފައިވާ މިދެންނެވި މާއްދާތަކަށް އަމަލު ކުރުން ހުއްޓާލުމަށް (ސަސްޕެންޑް ކުރުމަށް) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ކަނޑައަޅާ ލިމިޓް ތަކަކަށެވެ.
އެހެންކަމުން މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި ސަރުކާރުން އެދުނު ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ހުއްދަ ދީފައި ވަނީވެސް އެ މާއްދާތަށް ސަސްޕެންޑް ކޮށްގެންނެވެ. ނަމަވެސް އެ ފައިސާ ދައްކަން ދީފައިވާ، އަހަރު ދުވަހުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅިފައެއް ނުވެއެވެ.
އެހެންކަމުން އެ މުއްދަތު އިތުރު ކުރުމަށް ސަރުކާރަށް ވަނީ މަޖުބޫރު ވެފައެވެ.
އެކަމާ ގުޅިގެން މަޖިލީހުން ދީފައިވާ އޯވަޑްރޯ ކުރުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ފުރަތަމަ ފަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި އެ މައްސަލައާ ގުޅިގެން މެންބަރުން އުފެއްދި ސުވާލުތަކަށް، ފިނޭންސް މިނިސްޓަރު އެދުވަހު މަޖިލީހަށް ވަޑައިގެން، ޖަވާބު ދެއްވައި އެކަންތައް މެންބަރުންނަށް އޮޅުން ފިލުއްވައިދެއްވިއެވެ.
ނަމަވެސް ހޯމަ ދުވަހުން ފެށިގެން ޖެހިގެން އައި އަންގާރަ ދުވަހާ ދެ ދުވަހު މަޖިލިސް ތަޅުމުގައި އެ މައްސަލައަށް ބަހުސް ކުރުމަށްފަހު ވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އޯވަޑްރޯ ފެސިލިޓީގެ މުއްދަތު މަޖިލީހުން އިތުރުކޮށެއް ނުދިނެވެ.
އެ ދެދުވަހުގެ ބަހުސަށްފަހު، އެ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.
ފުރަތަަމަ ހުށަހެޅުމަކީ އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާ ކުރުމަށްފަހު އެ މުއްދަތު އިތުރު ކުރުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. ދެވަނަ ހުށަހެޅުމަކީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ މުއްދަތު އިތުރު ކޮށްދިނުމަށް ފާސްކޮށްދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
ނަމަވެސް އެ ދެ ހުށަހެޅުމުގެ ތެރެއިން ތާއީދު ލިބުނީ ހަސަން އަފީފުގެ ހުށަހެޅުއްވުމަށެވެ. އެހުށަހެޅުމަށް ތާއީދު ކުރެއްވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.
ނަމަވެސް އެދުވަހު، ހަސަން އަފީފުގެ ހުށަހެޅުއްވުމަށް ވޯޓަށް އަހައިގެން ފާހެއް ނުވިއެވެ. ވޯޓަށް އެހި އިރު ޖަލްސާގައި 66 މެންބަރުން ތިއްބެވި ނަމަވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރަން 31 ވޯޓު ބޭނުން ވެއެވެ.
އެދުވަހުގެ ބަހުސްގެ ތެރެއިން މެންބަރުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ފުޅުގައި، އެ މައްސަލައަކީ ބަޖެޓާ ގުޅޭ މައްސަލައަކަށް ވާތީ އެ ފަދަ މައްސަލަތައް ނިންމުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދިމުގެ މުހިއްމު ކަން ފާހަކަ ކުރެއްވިއެވެ.
އެހެންކަމުން ގިނަ ބަޔަކު ޔަގީންކޮށްގެން ތިބީ އެގޮތަށް އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަކަށްދާނެ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ފޮނުވަންވެސް މަޖިލީހުން ފާހެއް ނުކުރިއެވެ. އަދި އެހެން ފަހަރުތަކެކޭ އެއްގޮތަށް އެ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް، ވެސް ނުފޮނުވިއެވެ.
އެދުވަހުގެ ވޯޓާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލައަށް މަޖިލީހުން އެއްވެސް ގޮތެއް ނުނިންމެވި ކަމަށާއި، "އެހެންވީމާ ދައުލަތުން މިނިސްޓްރީ އޮފް ފިނޭންސްސުން އެދިވަޑަިއގެންނެވި އެދި ވަޑައިގަތުމާ ގުޅޭ ގޮތުން މި މަޖިލީހަކުން ގޮތެއް ނުނިންމަވާ،" ކަމަށެވެ.
މަޖިލީހުން އެ ފަހަރު ކަން ކުރިގޮތާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ. އެއީ ސަރުކާރު ހުއްޓުމަކަށް އަތުވެދާނެ ފަދަ ބޮޑު ކަމެއްގައި ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް އޮވެ ކަންތައް ކުރި ގޮތް އޮޅުން ނުފިލައިގެންނެވެ.
އެކަމާބެހޭގޮތުން ވާހަކަ ދައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވެފައިވަނީ، އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް މަޖިލީހުން ގޮތެއް ނުނިންމިއްޖެ ނަމަ ސަރުކާރު ހުއްޓުމުކަށް އައުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ.
މަޖިލީހުގެ ގަަވައިދު އެކުލެވިފައިވާ ގޮތުން މަޖިލިސް ގަވައިދުގެ 112 ވަނަ މާއްދާއާ އެއްގޮތަށް އޯވަޑްރޯ ފަދަ މައްސަލަތައް ކުރިއަށް ގެންދަން ޖެހޭނީ މާލިއްޔަތު ކޮމެޓީން ކަަމަށާއި އަދި ދާއިމީ ކޮމެޓީއަކަށް ފޮނުވާ ނަމަވެސް އެކަން ކުރަން ޖެހޭނީ މާލިއްޔަތު ކޮމެޓީގެ ދަށުން ކަމަށް ނާޝިޒް ވިދާޅުވި އެވެ. އަދި އެ ފަދަ މައްސަލަ ތަކުގައި މީގެ ކުރިން އަމަލުކޮށްފައި ވަނީ އެ އުސޫލުން ކަަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެ ދުވަހު މަޖިލީހުން ކަން ކުރި ގޮތުން އެކަން ދާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.
އެކަމާ ބެހޭ ގޮތުން އެހާގިނަ ސުވާލު ތަކެއް އުފެދިފައި ވަނިކޮށް، އެސުވާލުތަކަށް ޖަވާބު ދެއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އަލީ އާޒިމް ވިދާޅުވީ، ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވާޑްރޯ ކުރަން، ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ނުކޮށްދޭން މަޖިލީހުން ނިންމީ ބައެއް ވަޒީރުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވުމުން ކަމަށެވެ.
އެކަމާ ގުޅިގެން އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް މަޖިލީހުން ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީގެ ލީޑާޝިޕާއި މަޝްވަރާކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.
އެހެންކަމުން އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ސަރުކާރަށް ދައްކާލުން ކަން ސާބިތުވެއެވެ.
ކޮންމެއަކަސް އެ ފަހަރު ކަންތައް އެގޮތަށް ދިޔަ ނަމަވެސް، ޖެހިގެން އައި ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެ މައްސަލަ އަނެއްކާ މަޖިލީހަށް ހުށަހެޅިއެވެ.
އެ ދުވަހު މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން މަޖިލިސް ޖަލްސާއަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލަ އަލުން މަޖިލީހަށް ހުށަހަޅުއްވަނީ، ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ މައްސަލައާ ގުޅޭ ފަރުވާއެއް ލިބިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ދެނެގަނެ އެކަމަށް ގޮތެއް ނިންނުމަށް ކަމަށެވެ.
ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލިސް ރައީސް ފުރުސަތެއް ނުދެއްވިއެވެ. ހަމަ އެކަނި ފުރުސަތު ދެއްވީ އެ މައްސަލައާ ބެހޭގޮތުން ގޮތެއް ނިންމުމަށް ހުށަހަޅަން ޖެހޭ ހުށަހެޅުމެއް އޮތް ނަމަ އެކަމަށެވެ.
އެހެންކަމުން އެ މައްސަލަ ދިރާސާ ކުރުމަށް ނުވަ މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން، ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ، އެ ނުވަ މެންބަރުންގެ ކޮމިޓީން އެކަން ދިރާސާކޮށް، އެ ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅުމުންނެވެ.
ކޮމިޓީން ހުށަހެޅި ރިޕޯޓުގައިވާގޮތަށް އެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 53 މެންބަރުގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވިއެވެ. ފާސްވާން ބޭނުން ވަނީ 26 ވޯޓެވެ.
އެހެންކަމުން މި މައްސަލަ މަޖިލީހުން ތަޅުމުގައި ކުރިއަށް ދިޔަ ގޮތަށް ބަލާއިރު ދިވެހި ދައުލަތް ސަވަރިން ޑިފޯލްޓަކަށް ދިޔަނުދިނުމަށް މަޖިލީހުން ފިޔަވަޅު އަޅާފައި މިވަނީ، މަޖިލީހުގެ ބާރު ސަރުކާރަށް ދައްކާލުމަށް ފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު