މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ޑެވިލްޑު ބީފް ރެސިޕީއެވެ.

250ގ ބީފް (ތުނިކޮށް ކޮށާފައި)

1 ބިސް

50ގ ކޯން ފްލާ

1ސައިސަމުސާ ލޮނުމެދު (ކޮށާފައި)

1ސައިސަމުސާ އިނގުރު (ކޮށާފައި)

60ގ ތިންކުލައިގެ ބެލް ޕެޕާ (ކޮށާފައި)

50ގ ޓޮމާޓޯ (ކޮށާފައި)

45ގ ފިޔާ (ކޮށާފައި)

60ގ ޓޮމާޓޯ ސޯސް

20މލ ސޮއިސޯސް

2މޭޒުމަތީސަމުސާ ޗިލީޕޭސްޓު

1ސައިސަމުސާ ސެސަމީ އޮއިލް

ލޮނު އަދި އަސޭމިރުސް

ކުޑަތެޔޮކޮޅެއް

ބީފް މެރިނޭޓު ކުރުމަށް ތައްޓަކަށް ބީފް މަސްކޮޅު އަޅާލުމަށްފަހު ލޮނާއި އަސޭމިރުސް އަޅައިގެން ރަނގަޅަށް އެއްކޮށް، ކޯން ފްލާ އަޅައި އެއްކޮށްލާށެވެ. އެންމެ ފަހުން ބިސް މީގެ ތެރެއަށް އަޅާލައި ރަނގަޅަށް އެއްކޮށްލުމަށްފަހު 20 މިނިޓު ވަންދެން ބަހައްޓާލާށެވެ.

ތަވައެއް ތެރެއަށް ތެޔޮކޮޅު އަޅައިލުމަށްފަހު 2 މިނިޓްވަރު ވަންދެން ހޫނުކޮށްލުމަށްފަހު، ބީފްކޮޅު އަޅާލައި ތެލުލާށެވެ. 10 ވަރަކަށް މިނިޓުވަންދެން މުށިކުލަ އަރަންދެން މަސްކޮޅު ރޯފިލާވަރަށް ތެލުލަން ވާނެއެވެ.

ބީފްކޮޅު ވަކިން ނެގުމަށްފަހު ތެޔޮކޮޅު ތެރެއަށް ލޮނުމެދު، އިނގުރު، ފިޔާ، ޓޮމާޓޯ އަދި ބެލްޕެޕާކޮޅު އަޅައިގެން 2 މިނެޓް ވަންދެން ހާކާލަމުން ހޫނުކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ސޯސް، ސޮއިސޯސް އަދި ޗިލީޕޭސްޓު އަޅާލުމަށްފަހު ހާކާމުން ގެންދާށެވެ.

އެންމެފަހުން، ތެލުލި ބީފް ކޮޅު އަޅާލައި އިތުރު 2 މިނިޓު ވަންދެން ހުރިހާ ބައިތަކެއް ރަނގަޅަށް އެއްކުރަމުން ކައްކާލުމަށްފަހު ވަކިން ތަށްޓަކަށް ނަގާށެވެ.