އިންޑިއާގެ ތަރިން ދިވެހިރާއްޖެ ބޮޑު ޖޯކަކަށް ހަދާފައިވާ ކަމަށް ނަވާޒުއްދީން ސިއްދީގީ ބުނެފިއެވެ.
އިންޑިއާގެ ބޮލީވުޑް ގިނަ ތަރިންތަކެއް މިދުވަސްކޮޅު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށް މީސް މީޑިއާގައި ފޮޓޯތައް ހިއްސާކުރަމުންދާތީ އެކަމާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ނަވާޒުއްދީންއާ ނޫސްވެރިއަކު ކުރި ސުވާލަކަށް އޭނާ ޖަވާބު ދީފައިވަނީ ވަރަށް ހިތްހަމަނުޖެހި ހުރެގެންނެވެ.
ނަވާޒުއްދީން ބުނީ ދުނިޔެ ހާސްކަމެއްގައި އޮތް ދަނޑިވަޅެއްގައި އަދި މީހުން އަތުގައި ކާނެ އެއްޗެއް ނެތް އިރު، މިފަދަ ތަރިން އެތައް ފައިސާއެއް ހަރަދުކޮށް ނަގަމުންދާ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރަން ކޮންމެވެސް ވަރަކަށް ލަދުގަންނަން ޖެހޭ ކަމަށެވެ.
''މި މީހުން ދިވެހިރާއްޖެ ބޮޑު ޖޯކަކަށް ހަދައިފި. އަހަންނަކަށް ނޭނގެ އެމީހުންނާއި ޓޫރިޒަމް ދާއިރާއާ އޮތީ ކޮން ޑީލެއް ކަމެއް. އެކަމަކު އިންސާނިއްޔަތަށްޓަކައިވެސް، ޗުއްޓީ ފޮޓޯތައް ހިއްސާ ނުކުރޭ. މި ދުވަސްވަރު ހުރިހާ ހިސާބެއްގައި ވެސް މީހުން ވަނީ ވަރަށް ހާލުގަ ޖެހިފައި. ކޮވިޑުގެ އަަދަދުތައް ދަނީ މައްޗަށް. ރަހުމުކުރޭ. އެފަދަ މީހުންނަށް މަލާމާތްނުކުރޭ،'' އޭނާ ބުންޏެވެ.
ނަވާޒުއްދީން އިތުރަށް ބުނީ އިންޑިއާގެ މުނިފޫހިފުލުވުމުގެ ދާއިރާގެ މީހުން މިއަށްވުރެ ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
ރާއްޖެއަށް ޗުއްޓީ ދަތުރެއް ނުކުރާނަންތޯ ނޫސްވެރިޔާ ކޮށްފައިވާ ސުވާލަށް އޭނާ ދީފައިވާ ޖަވާބަކީ، އޭނާ މިވަގުތު ހުރީ އާއިލާއާއެކު އޭނާގެ އުފަން އަވަށް ބުޑާނާގައި ކަމަށާއި އޭނާގެ ރާއްޖެއަކީ އެއީ ކަމަށެވެ.
އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ގިނަ ތަރިންތަކެއް އެގައުމުން ބޭރަށް ކުރާ ޗުއްޓީ ދަތުރުތަކުގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރަމުންދާތީ ގިނަ ބައެއްގެ ފާޑިކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން