އއ. މަތިވެރިން ހދ. ހަނިމާދުއަށް ދިޔަ އާއިލާއެއްގެ ތުއްތު ކުއްޖަކާއި އޭނާގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންއަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އއ. ބޮޑުފޮޅުދޫން ކޮވިޑަށް ޕޮޒިޓިވްވި މީހަކު މަތިވެރިއަށް ގޮސްފައިވާތީ އޭނާއާ ޑައިރެކްޓް ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވްވެ، އެ ރަށް ވެސް ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ. މަތިވެރި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެއެވެ.
މަތިވެރި މޮނިޓަރިންއަށް ގެނައުމުގެ އެއް ދުވަސް ކުރިން އެ ރަށު މީހަކާ ކައިވެނިކޮށްގެން އުޅޭ ހަނިމާދޫ އަންހެނަކާއި އޭނާގެ އައިލާ އެރަށަށް ދިއުމުން އެމީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި އޭގެ ތެރެއިން މަންމަ އާއި އޭނާގެ އަހަރު ނުވާ ތުއްތު ފިރިހެން ކުއްޖާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދުއެވެ.
އެއާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ހަނިމާދޫ ސިއްހީ މަރުކަޒުން ކުރަމުން އަންނަ އިރު، އެ ރަށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށް މަރުކަޒުން ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކަކުން ކޮވިޑުގެ ކޭސްތައް ފެންނަ އަދަދު ވަނީ އިތުރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު