(19 އޭޕްރީލް ގެ އަދަދާ ގުޅޭ)
المـــاس، ميـمــونـة އަށް ދެންނެވިއެވެ. "ކަނބުލޯ! މުޅި ލަޝްކަރު ބަލަން ވަރަށް ގިނައިރުވާނެ. ކަނބުލޮ ޣަރުނާޠާއަށް ގެންގޮސްފައި ބޮޑުބޭބެވެސް މުޖާހިދުންނާ ބައިވެރިވާން ބޭނުން!" ميـمــونـة ވިދާޅުވިއެވެ. "އެންމެ ރަނގަޅު! ހިނގާ ދަމާ!"
المـــاس އަސްތަކުގައި ހަންމުށި އަޅައިފިއެވެ. ބައްގީ ވަޔާ ވާހަކަ ގޮވާން ފަށައިފިއެވެ.
މުރާބިޠީނުގެ ލަޝްކަރު ދަތުރުކުރި މަގުމަތީން އާއްމުންގެ ބޮޑެތި ޖަމާޢަތް ޖަމާޢަތް އުފަލުން ނަޢުރާކުރަމުން އައިސް ތަންތަންކޮޅުން އެ ލަޝްކަރާ އިސްތިޤުބާލުކުރަމުން ގެންދިޔައެވެ. أميـر معـتـمـد ގެ ބޭފުޅުންނާއި، ދައުލަތުގެ ކުރިޔަށްތިއްބެވި ފުރަދާނައިން ކޮންމެ މަންޒިލަކުން މަރުޙަބާ ވިދާޅުވަމުން ގެންދަވައެވެ. އެލަޝްކަރު އިޝްބީލިއްޔާއާ ހަމަޔަށް ދިއުމުން އެތަކެއްހާސް އަންހެނުންނާއި ކުޑަކުދީންނާއި ފިރިހެނުން އެލަޝްކަރު ދެކޭން އެއްވިއެވެ. معـتـمـد އާއި އެމަނިކުފާނުގެ ވަޒީރުންވެސް ރަށްބޭރަށް ނުކުމެވަޑައިގެން މަރުޙަބާ ވިދާޅުވިއެވެ. އިޝްބީލިއްޔާގެ ޝާހީ ކިއްލާ ހުރީ أميـر يـوسف بــن تـاشـفـيـن ހުންނެވުމަށްޓަކައި ޚާއްޞަގޮތެއްގައި އާރާސްތުކޮށް ޒީނަތްތެރިކޮށްފައެވެ. ނަމަވެސް އެމަނިކުފާނު މަޑުކުރެއްވީ ރަށްބޭރުގެ ހާމަ މައިދާނުގައެވެ. އެމަނިކުފާނުގެ ލަޝްކަރާ އެކުގައެވެ.
އަލްފާންސޫ އޭރު ހުންނެވީ ސަރުޤިސްޠާ ޙިޞާރު ކުރައްވައިގެންނެވެ. أميـر يـوسف އޭނާގެ ނަންފުޅުގައި އަންނަނިވި މޭރުމުގެ ސިޓީއެއް ލިޔުއްވިއެވެ.
"ތިބާ އަންދަލުސު ފަތަޙަކުރުމަށްފަހު އެފުރިކާ ފަތަޙަކުރާން ގަސްދުކުރާ ޚަބަރު އަހަންނަށް ލިބިއްޖެއެވެ. އެހެންކަމުން އަހަންނަށް ތިބާގެ އިންތިޒާރުގައި އެފުރިކާއަކު މަޑެއް ނުކުރެވުނެވެ. އަހަރެން އަންދަލުސަށް އަތުވެއްޖައީމެވެ. މިހާރު ތިބާގެ ކުރިމަތީގައި އޮތީ ތިންގޮތެކެވެ. އެންމެފުރަތަމަ ގޮތަކީ އިސްލާމްވުމެވެ. އޭރުން ތިބާ ވާނީ އަހަރެންގެ އަޚަކު ކަމުގައެވެ. އެގޮތް ގަބޫލު ނުކުރާނަމަ ޖިޒީދޭން ޖެހޭނެއެވެ. އެގޮތްވެސް ގަބޫލު ނޫންކަމުގައިވާނަމަ ހަނގުރާމަޔަށް ތައްޔާރުވާށެވެ."
އެ ސިޓީ ލިބިވަޑައިގެންނެވިއިރު އަލްފާންސޫ އިންނެވީ ރާފޮދު ހިއްޕަވައި ވަރަށްބޮޑަށް މަސްތުވެ ވަޑައިގެންފައެވެ. އޭނާ އެ ސިޓީގެ ޖަވާބުގައި ލިޔުއްވިއެވެ. "ކަލޭގެ މިތަނަށް ތިޔަ އައީ މަށާ ބައްދަލުކުރަންވެގެންނެވެ. އަންދަލުސަކީ އަހަރެންގެ ތަނެކެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެންގެ އަތަކުން އަންދަލުސު ފިރުކައެއް ނުގަނެވޭނެއެވެ. ކަލޭގެ ސިފައިންވެސް ދިރިއުޅުންދެކެ ފޫހިވެފައި ނުވާނަމަ އަދިވެސް ވަގުތު އެބައޮތެވެ. ތިޔަބައިމީހުންގެ ރަށަށް އެނބުރި ދާށެވެ!"
އަލްފާންސޫ އެސިޓީގައިވަނީ أميـر معـتـمـد އާ ބެހޭގޮތުންވެސް ވަރަށް ނާތަހުޒީބު ޢިބާރާތްތަކެއް ބޭނުންކުރައްވައިފައެވެ. أميـر يـوسف ގެ ދަރުބާރުގައި އާއްމުކޮށް އެސިޓީ ކިޔެވުނުއިރު އިޝްބީލިއްޔާގެ ޝާޢިރުންނާއި އަދީބުންނާއި ލިޔުންތެރީންގެ އެތައް ބޭފުޅުންނެއްވެސް ހާޒިރުވެވަޑައިގެން ތިއްބެވިއެވެ. އެބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގެން ތެދުވެވަޑައިގެން އިޙުތިޖާޖު ކުރެއްވިއެވެ. أميـر معـتـمـد އެދިވަޑައިގެންނެވުމުގެ ސަބަބުން أميـر يـوسف އެބޭފުޅުންނަށް އެސިޓީއަށް އެކަށޭނަ ޖަވާބެއް ލިޔުއްވުމުގެ ހުއްދަ ދެއްވިއެވެ.
ވިދިގެންއައި ދުވަހުގެ ހެނދުނުގެ މަޖްލިސް ފެށުމާއެކު އިޝްބީލިއްޔާގެ ދާރުލްއިންޝާއުގެ ސެކްރެޓެރީ أميـر يـوسف ގެ ކުރިފުޅުމަތީގައި ވަރަށްބޮޑު ކަރުދާސް ބަންޑެއްޔެއް ބަހައްޓަވައިފިއެވެ.
"މިއީ ކޯއްޗެއްތޯ؟" أميـر يـوسف ސުވާލު ކުރެއްވިއެވެ.
ސެކްރެޓެރީ ޖަވާބު އެރުއްވިއެވެ. "މާތް ސާހިބާ! މިއީ އިޝްބީލިއްޔާގެ ނަންހުރި މަޝްހޫރު ޝާޢިރުންނާއި އަދީބުންނާއި ލިޔުންތެރީން އަލްފާންސޫގެ ސިޓީއަށް ތައްޔާރުކުރައްވައިފައިހުރި ޖަވާބުތައް. މަނިކުފާނު މި ޖަވާބުތައް ބައްލަވައިލައްވާ! މީގެތެރެއިން އެންމެބޮޑަށް ހިތްޕުޅާހަމަކުރެއްވި ޖަވާބެއް އަލްފާންސޫއަށް ފޮނުއްވާނީ. އަމުރު ދެއްވައިފިނަމަ އަޅުގަނޑު މި ޖަވާބުތައް ދަންނަވައިދޭނަން.
أميـر يـوسف އިންނެވީ މަޖްލިސުގައި ތިއްބެވި ބޭފުޅުންނާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. ކޯފާއާއި ކަންބޮޑުވެވަޑައިގެންނެވުމާ އެކުގައެވެ. ދާރުލްއިންޝާއުގެ ސެކްރެޓެރީ ތަންކޮޅެއް ޖެހިލުން ކުޑަކޮށްލައްވައިފައި އެތަނުން ލިޔުމެއް ނަންގަވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "ސާހިބާ! މިއީ سلطـان المـعـظّــم ގެ ދަރުބާރުގެ ވަރަށްމޮޅު ޝާޢިރަކު ލިޔުއްވައިފައިވާ ޖަވާބެއް. ދަންނަވަންވީތޯ؟"
أميـر يـوسف ވިދާޅުވިއެވެ. "އަލްފާންސޫގެ ސިޓީގެ ޖަވާބު ލިޔެފައިވަނީ ޅެންބަހުންތޯ؟"
"އާދެ ސާހިބާ! އެ ނަންހުރި ޝާޢިރުގެ ޖަވާބު އެކުލެވިފައިވަނީ ތިންސަތޭކަ ބައިތުގެ މައްޗަށް އަޅުގަނޑު އޭގެތެރެއިން ސަތޭކަ އައްޑިހަ ބައިތު ކަނޑައިލައިފިން."
އެވަގުތު އެހެން ޝާޢިރެއް ތެދުވެފައި ދެންނެވިއެވެ. "އުޖާލާކަން ލިބިވަޑައިގެންވާ ސާހިބާ! އަޅުގަނޑު ޅެންބަހުރުވައިން ލިޔެފައިވާ ޖަވާބު މާތް މަނިކުފާނު ހުއްދަ ދެއްވައިފިނަމަ ޚުދު އަޅުގަނޑު ދަންނަވައިދޭނަން." އޭނާ أميـر يـوسف ގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ސެކްރެޓެރީގެ އަތްޕުޅުން ކަރުދާސްތައް ޖަހައިގެންފިއެވެ. އޭނާ ނުހަނު ރީތި ރާގެއްގައި ޅެންކިޔާން ފަށައިފިއެވެ. ކުރީކޮޅުގެ ބައިތުތަކުގައި ފަޟާޙަތްތެރި ބަލާޣާތްތެރި ބަހުރުވައިން ގޮވައިފައިހުރި ހުތުރު އެއްޗެހިހުރި أميـر يـوسف އަށް ވިސްނިވަޑައިގަންނަވާވަރަށްވުރެ މާފުންކޮށެވެ. ނަމަވެސް ޝާޢިރު ސަރީޙަ ބަހުން އޭނާގެ ހިތުގެ އުދާސް ބޭރުކުރާން ފެށުމާއެކު أميـر يـوسف އަތްޕުޅު އުފުލައިލައްވައިފައި ހޯހޯއޭ ވިދާޅުވެއްޖެއެވެ. "އަހަރެން އިތުރަށް އަޑުއަހާކަށެއް ބޭނުމެއް ނޫން!"
ޝާޢިރު މާޔޫސުވެގެން އިށީނދެއްޖެއެވެ. ސެކްރެޓެރީ އެހެން ކަރުދާހެއް ނަންގަވައިފިއެވެ. "ސާހިބާ! މިއީ ދާރުލްއިންޝާއުގެ މަޝްހޫރު އަށް އަދީބަކު އެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވައިގެން ލިޔުއްވައިފައިވާ ޖަވާބެއް سلطـان المـعـظّــم ވަނީ ޚުދު އެމަނިކުފާނުގެ ގަލަންކޮޅުން މިލިޔުން އިޞްލާޙު ކުރައްވައިފައި..... މަނިކުފާނު މި ޖަވާބު ހިތްޕުޅާ ހަމަކުރައްވާނެކަން ޔަގީން!"
ސެކްރެޓެރީ އެ ލިޔުމުގެ ކުޑަކުޑަ ތަންކޮޅެއް ވިދާޅުވާއިރަށް أميـر يـوسف އަށް ބަރުދާސްކުރައްވަން ދަތިފުޅު ވެއްޖެއެވެ. أميـر يـوسف އެ ކަރުދާސް ބަންޑަލި އަތުލައްވައިފައި އެއްފަރާތަކަށް އުއްކަވައިލައްވައިފިއެވެ. "މިއަދާ ހަމަޔަށް ދުނިޔޭގެ އެއްވެސްބަޔަކު ކަރުދާހާއި ދެލީގެ ތިޔައަށްވުރެ ވިޔާނުދާ އިސްރާފެއް ކޮށްފައިވާނެހެނެއް ހިއެއްނުވޭ. ތިޔަބައިމީހުންނަކީ ދުނިޔޭގައި އުޅޭން އެކަށީގެންވާ ބައެއް ނޫން. ދުޝްމިނުން ކަނޑިތައް ތޫނުކުރަނީ! ތިޔަބައިމީހުން ލަފުޒުތަކުގެ ތީރުތައް އެއްކޮށް ކޮޅު ތޫނުކުރަނީ. ކޮބައިތަ އަލްފާންސޫގެ ސިޓީ؟"
ދާރުލްއިޝާއުގެ ސެކްރެޓެރީ އެ ސިޓީ އަތްޕުޅަށް އެރުއްވުމުން އެފުރިކާގެ މުޖާހިދު އެމަނިކުފާނުގެ ގަލަންކޮޅުން އެ ސިޓީގެ އެއްކަނެއްގައި ލިޔުއްވައިލެއްވިއެވެ. "ކުރިމަތިވާން އަންނަ ކަންތައް ދާދިއަވަހަށް ތިބާގެ އަމިއްލަ ލޮލުން ދެކޭނޫއެވެ—!"
* * * * * * * * * * *
އަލްފާންސޫ އަންދަލުސުގެ ހުރިހައި މައިދާންތަކެއްގައި ތިބި އޭނާގެ ސިފައިންނަށް އެއްތަނަކަށް އެއްވާން އަންގަވައިފިއެވެ. އޭނާ ސަރުޤިސްޠާގެ ޙިޞާރު ދޫކޮށްލައްވައިފައި ޠުލައިޠުލާއަށް ވަޑައިގެންފިއެވެ. ޖަލީގިއްޔާއާއި، އަސްތޫރިޔާއާއި، ލިޔޫނާއި އަރަޣޫނާއި، އައްނަވާރުގެ ވެރީންގެ އިތުރަށް އިޓަލީވިލާތާއި ފަރަންސޭސިވިލާތުގެ أميـر ންގެ އެތައް ބޭފުޅުންނެއްވެސް އެބޭފުޅުންގެ ސިފައިން ގޮވައިގެން އަލްފާންސޫގެ އަރިހަށް ވަޑައިގެން ތިއްބެވިއެވެ. އަލްފާންސޫ ޠުލައިޠުލާއަށް ވަޑައިގެން އޭނާގެ ގޮއްފުޅަނގި އައިނެއްފަދަ ބައިބޯ ލަޝްކަރާ ދިމާޔަށް ބައްލަވައިލައްވައިފައި ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. "މި ލަޝްކަރާއެކު އަހަންނަށް އެންމެހައި އިންސީންނާއި ޖިންނީންނާވެސް ހަނގުރާމަ ކުރެވިދާނެ. އޭގެއިތުރަށް އުޑުން މަލާއިކަތުން ފައިބައިވަޑައިގެންފިނަމަ މަލާއިކަތުންނާވެސް ހަނގުރާމަ ކުރެވިދާނެ!" އޭނާގެ އަސްވާރުންނާއި ފައިމަތި ހަނގުރާމަކުރާ ސިފައިންގެ އަދަދަކީ ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ފަންސާސް ހާހެވެ. އަނެއްބައި ރިވާޔަތްތަކުގައިވާ ގޮތުން އައްޑިހަ ހާހާ ކައިރިކުރާ އަދަދެކެވެ.
އަލްފާންސޫގެ ލަޝްކަރު ހަރަކާތްކުރާން ފެށި ޚަބަރު ލިބިވަޑައިގެންނެވުމާއެކު أميـر يـوسف ވެސް އެމަނިކުފާނުގެ ލަޝްކަރާއިގެން އިޝްބީލިއްޔާއިން ފުރައިވަޑައިގެންފިއެވެ. ބިޠުލިޔޫސާ މާދުރުނޫން ހިސާބެއްގައި ޒަލާޤާގެ މައިދާނުގައި ދެފަރާތުގެ ލަޝްކަރު މުޢައްސަކަރު ހަދައިފިއެވެ. (މުސްލިމު މުއައްރިޚުން އެމައިދާނަށް ނަންދެއްވައިފައިވަނީ ޒަލާޤާގެ ނަމުންނެވެ. ނަމަވެސް ކްރިސްޓިޔަން މުއައްރިޚުން އެމައިދާނުގެ ނަމަކަށް ލިޔުއްވަނީ ސައިރީލިޔާސެވެ.) ބިޠުލިޔޫސާއި އިޝްބީލިއްޔާއާއި ޣަރުނާޠާގެ ލަޝްކަރު أميـر يـوسف އާ ބައިވެރިވިއެވެ. ޙިޞްނުއްލައިޠުގައި ތިބި ޢީސާއީންވަނީ އަލްމަރިއްޔާއާއި މުރުސިއްޔާގެ ލަޝްކަރު ހަނގުރާމައިގައި މަޝްޣޫލު ކުރުވައިފައެވެ. އެހެންކަމާއެކުވެސް މުސްލިމުންގެ ގުޅިފައިވާ މަހާޒަށް އެދެރަށުންވެސް ކޮންމެވެސް އަދަދަކަށް ސިފައިން ފޮނުވިއެވެ. މުރާބިޠީންގެ ސިފައިންނާއި މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކުގެ ޖުމުލަ އަދަދަށްވުރެ އަލްފާންސޫގެ ލަޝްކަރުގެ އަދަދު ތިންގުނަ އިތުރެވެ. އެފުރިކާ ސިފައިންގެ މުޢަސްކަރާއި އަންދަލުސީ މުސްލިމުންގެ މުޢަސްކަރާ ދެމެދު ތިންމޭލުގެ ދުރުމިނެއް ހުއްޓެވެ. އެދެ މުޢަސްކަރުގެ ދެމެދުގައި ހުރަސްއަޅައިފައިހުރީ ފަރުބަދައެކެވެ.
އިސްލާމީ ލަޝްކަރު ޙަމަލަޔަށް ތައްޔާރުވީ ހިޖުރައިން 480 ވަނަ އަހަރުގެ ރަމަޟާންމަހުގެ ބުރާސްފަތި ދުވަހެއްގައެވެ. (ޒަލާޤާގެ ހަނގުރާމަ ހިނގި ދުވަހަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހުރެއެވެ. ބައެއް މުއައްރިޚުން ލިޔުއްވާގޮތުގައި ޒަލާޤާގެ ހަނގުރާމަ ހިނގީ ހިޖުރައިން 479 ވަނަ އަހަރުގެ ރަޖަބު މަހުގައެވެ.)
އިސްލާމީ ލަޝްކަރު ހަނގުރާމަޔަށް ތައްޔާރުވަނިކޮށް އަލްފާންސޫ أميـر يـوسف ގެ އަރިހަށް ޚަބަރު ފޮނުއްވިއެވެ. "މާދަމާއަކީ ހުކުރު ދުވަސް. އެއީ ތިޔަބޭފުޅުންގެ މުޤައްދަސު ދުވަހެއް. އެދުވަހާ ޖެހިގެން އަންނަނީ އަޅުގަނޑުމެންގެ މުޤައްދަސު ދެދުވަސް. އެހެންކަމުން ރަނގަޅުވާނީ ހޯމަ ދުވަހު އަޅުގަނޑުމެން ބާރުގެ ޢަޖުމަ ބަލައިލުން." أميـر يـوسف އެހުށަހެޅުން ގަބޫލު ކުރެއްވިއެވެ. އެކަމަކު أميـر معـتـمـد، أميـر يـوسف އަށް ޚަބަރު ފޮނުއްވިއެވެ. "ދުޝްމިނުން ކެހިދޭނެކަން ކަށަވަރެވެ. މަނިކުފާނު ވިސްނައިވަޑައިގެން ހުންނަވާށެވެ."
أميـر يـوسف ލަޝްކަރާއިގެން ހުކުރު ނަމާދަށް ފެއްޓެވި ވަގުތު އަލްފާންސޫ ކުއްލިޔަކަށް ފަރުބަދައިގެ އަނެއްފަރާތުން އަންދަލުސުގެ މުޢަސްކަރަށް ޙަމަލަ ދެއްވައިފިއެވެ. معـتـمـد ކުރީއްސުރެ ވަނީ އަންދަލުސުގެ ސިފައިން ސަމާލު ކުރުއްވައިފައެވެ. ނަމަވެސް އަލްފާންސޫ ޙަމަލަ ދެއްވިލެއް ވަރުގަދަކަމުން އަންދަލުސުގެ ސިފައިންގެ ވަރަށްގިނަ ބަޔެއްގެ ފައިތިލަތައް މައިދާނުން އުފުރިއްޖެއެވެ. ބިޠުލިޔޫސާ ދިމާޔަށް ފަހަތަށްޖެހޭން ފަށައިފިއެވެ.
މުލޫކުއްޠަވާއިފުންގެ ތެރެއިން މައިދާން ދޫކޮށްލައްވައިފައި ފިލައިވަޑައިނުގެން ސާބިތުވެވަޑައިގެން ހުންނެވީ معـتـمـد ގިނިކަންޏާއެވެ. އިޝްބީލިއްޔާގެ ސިފައިންނަށް އެބައިމީހުންގެ އަމީރުގެ ހިތްވަރުފުޅު ގަދަކަން ފެނުމުން އިޝްބީލިއްޔާގެ ސިފައިންގެ ހިތްތަކުގައި ޣީރަތް އުފެދުނެވެ. އެހެންކަމުން އެބައިމީހުން ގުޑައިނުލައި ސާބިތުވެތިބެ ހަނގުރާމަކުރާން ފަށައިފިއެވެ. އަލްފާންސޫ ބެއްލެވީ އަންދަލުސުގެ ލަޝްކަރުގެ ވިއްސިވިހާލިވެފައިވާ ގެމަތައް ފަނާކޮށްލަން އައްނަވާރުގެ ލަޝްކަރު އެކަނި ފުދޭނެކަމުގައެވެ. އެހެންކަމުން އޭނާ އައްނަވާރުގެ ސިފައިން އެކަމަށް ބައިތިއްބަވައިފައި އޭނާގެ ސަވާރުންނާއިގެން ފަރުބަދަ ވަށައިލައްވައިފައި ވަޑައިގެން أميـر يـوسف ގެ ލަޝްކަރުގެ ވާތްފަރާތަށާއި ކަނާތްފަރާތަށް ޙަމަލަ ދެއްވައިފިއެވެ. އޭރު މުރާބިޠީންގެ ސިފައިންނަށް ވަނީ ތައްޔާރުވާނެ ފުރުޞަތު ލިބިފައެވެ. އެހެންކަމާއެކުވެސް ނަޞާރާއިންގެ ޙަމަލައިގެ ވަރުގަދަކަމުން މުރާބިޠީނުންނަށް މަޖުބޫރުވީ ފަހަތަށް ޖެހިލާށެވެ. މުސްލިމުން ފަހަތަށް ޖެހޭތަން ފެނުމާއެކު ޢީސާއީންގެ ހިތްވަރު އާވެއްޖެއެވެ. ލިޔޫނާއި ފަރަންސޭސިވިލާތު ސަވާރުންގެ ގެމަތައް މުރާބިޠީންގެ ލަޝްކަރުގެ ވާތުފިޔަ ތަޅައި ސުންނާފަތިކުރަމުން ލަޝްކަރުގެ މެދުތެރެޔަށް ހިނގައްޖެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު