ސައުވީސްވަނަ ބައި

"ދުނިޔޭގެ ކޮންމެ ފިރިހެނަކަށް މަލް ކަހަަލަ އަންހެނަކު އަންބެއްގެ ގޮތުގައި ދެއްވާށި. ދުނިޔެމަތީގައި ހެޔޮ ކަންތައްތަކަށް މަގުދައްކާ އަނބިންނަކީ ކޮންމެ ފިރިއަކަށްވެސް ދުނިޔެމަތިން އެކަލާނގެ ދެއްވާ ނިއުމަތެއް. ކައިވެނި ނުކުރެވެނީސް މަލްގެ ފަރާތުން އަހަރެންނަށް ހެޔޮ ކިތަންމެ މަގެއް ފެނިއްޖެ. އަލްހަމްދުއްލިﷲ" ވިއާން ބުނެލިއެވެ. ވިއާންގެ އެބަސްތަކުން އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

ނިދަން އޮށޯވެފައި އެންމެ ފުރަތަމަ އިސްކަމެއް ދިނީ ނިދުމުގެ ކުރިން ކިޔަން އަބަދުވެސް އާދަވެފައިވާ ސޫރަތްތައް ކިޔާށެވެ. ފޯނު ބަލައިގެން ސޫރަތްތައް ކިޔަމުން ދަނިކޮށް ޒިޔާން ގުޅަން ފަށައިފިއެވެ. ވަގުތުން އަހަރރެންނަށް އެނދުގައި އިށީނދެވިއްޖެއެވެ. ފޯނަށް ޖަވާބުދޭން ބޭނުންނުވިޔަސް ފޯނު ޖަވާބުދޭށޭ ހިތް ބުނެލައިފިއެވެ. ދެވަނަ ސިކުންތުގައި ޒިޔާންގެ އަޅަކަަށް އަހަރެން ވާން ނުޖެހޭނެކަމަށް ސިކުނޑި އަންގައިފިއެވެ. އެ ކޯލު މިސްވެގެން ދިޔައީ އަހަރެން ފޯނަށް ބަލަހައްޓައިގެން އިންދައެވެ. ދެވަނަ ފަހަރަށްވެސް ޒިޔާން ގުޅާނެ ކަމަށް އަހަރެންނަށް ހީކުރެވުނެވެ. އެހެންކަމުން ހިތްތެޅެމުންދާ ހާލު ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނީމެވެ. ފަހުން ޒިޔާންގެ ކޯލެއް ނައުމުން އަހަރެންނަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އަލުން ބާލީސްމަތީގައި ބޯ އަޅައިލުމަށްފަހު ސޫރަތުގެ ނުނިމި ހުރި އާޔަތްތައް ކިޔަވާލާފައި ދެލޯ މަރައިލީ ނިދާލުމަށެވެ. އެހެންނަމަވެސް ލޯ މަރައިގެން އެގޮތުގައި އޮވެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ބާލިސް ދަށުން ވައިބްރޭޓްގެ އަޑާއެކު މުޅި ހަށިގަނޑަށް ގުޑުން އަރައިގެން ދިޔައެވެ. ނަގާފައި ބަލައިލިރު މެސެޖެކެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ ވިއާން ފޮނުވި މެސެޖެއް ކަމަށް ހީކުރެވިގެންނެވެ. އެހެންނަމަވެސް ހަށިގަނޑަށް ކަރަންޓް ޝޮކެއް އަރައިގެންދާ އުސޫލުން އެނދުމައްޗަށް ކޮޅަށް ޖެހުނީ ޒިޔާން ކޮށްފައި އޮތް ދިގު މެސެޖަކުންނެވެ.

"އާނ. ތިހީވީ ރަނގަޅަށް. އަހަރެންނަށް މިހާރު ކޮންމެފަދަ ކަމެއްވެސް ކުރަން ކެރިދާނެ. ހަނދާންކުރާތި ދެން އަތުގަ ޖެހުނިއްޔާ ހޭއަރުވާލާނަން. އަހަރެން ދާންބޭނުންވި ހިސާބަށް ގޮސްފައި ނޫނީ ހުއްޓައެއްނުލާނަން. މަލް ތިއީ ފޮނި ބޮޑާ އަންހެނެއް. ކޮންގޮތަކަށް އަހަރެންނަށް މަޢާފްކުރި ކަމަށް ތިބުނަނީ. މަޢާފްކުރިނަމަ އަހަރެން ކައިރިއަށް އަންނާނެ. އަހަރެންނަށް ވުރެ ބޮޑަށް މަލްހާގެ ކަންކަން އިނގޭނެ މީހަކުވެސް ލޯބިވާނެ މީހަކުވެސް ނުހުންނާނެ. އަހަރެން މަލްހާ ގެއަށް ފޮނުވާލީ ވިސްނަން ވަގުތު ދޭންވެގެން. އެކަމަކު އަހަރެންނަށް ތިހެދީ މަަކަރު. އޮޅުވާލީ. ބަދަލުހިފާނަން. ހެޔޮ ޖަލުގައި އޮންނަން ޖެހުނަސް. އަހަރެން ނުބައި ކުރަން އުޅެންޏާ އަހަރެން ދާނީ ކުރިއަށް. ތިކައިވެނި ކުރުމުގެ ކުރިން އަހަރެންގެ އަތްދަށަށް މަލްހާ ގެންނާނަން" ޒިޔާންގެ މެސެޖް ކިޔާފައި ޖެހިލުންވީ ވަރުން އަހަރެންނަށް ރޮވިއްޖެއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ޒިޔާނަކީ އިންސާނެއް ހެއްޔެވެ؟ ޒިޔާން އެދޭ ގޮތަށް އަހަރެންނަށް ކަންތައްތައް ނުކުރެވޭނެއެވެ. އެވަރު ޒިޔާނަށް ވިސްނޭނެ ނަމައެވެ. އެނދުގައި އިށީނދެގެން އިނދެފައި ފުންމައިގެން ތެދުވެވުނީ އެގޮތަށް އިނދެވެން ނެތޭ ހިތަށް އެރުމުންނެވެ. ވިއާނަށް ހުރިހާ ކަމެއް އިނގެންޖެހޭނޭ ހިތް ބުނެލިއެވެ. ފިރިއަކަށް ވާން ހުރީ ވިއާން ކަމަށް ވާއިރު މިކަންތައް ވިއާނަށް ސިއްރުކޮށްގެން އަހަރެން ކުއްވެރިވެދާނޭ ހިތް ވިސްނައިދިނެވެ. ހުރިހާ ކަމެއް އަތްނުފޯރާފަށަށް ދިޔުމުން އޮންނާނީ ވާނެ އެއްޗެއް ވެފައެވެ. ފުން ނޭވައެއް ލުމަށްފަހު ފޯނުގައި ފަރިތަކަމާއެކު ވިއާންގެ ނަންބަރު ޖަހައިލީމެވެ. ހިތް އިތުރަށް މާޔޫސްވީ ވިއާން ފޯނަށް ޖަވާބު ނުދިނީމައެވެ. ނިދުނީ ކަންނޭނގެއެވެ. ފޯނުން ގަޑި ބަލައިލިއިރު ވަރަށް ލަސްވެއްޖެއެވެ.

ވިސްނުންތަކާ ފިކުރުތަކެއްގެ ކަނޑަށް ގެނބެވިފައި އިރުކޮޅަކު އިނދެވުނެވެ. ދެން ފޯނު ބާއްވާފައި ގޮސް ވަނީ ފާހާނާއަށެވެ. ވުޟޫކޮށްގެން ނިކުމެ ހިމޭންކަމާއެކު ހެއްދެވިފަރާތަށް ދެ ރަކްއަތުގެ ނަމާދެއް ކޮށްފައި ދެއަތް ނަގައި ދުއާ ކުރީމެވެ. އަހަރެންގެ ހިތުގައި އެންމެ މަތިވެރި އިލާހަށް އަބަދުވެސް ޔަގީންކަމެއް އޮވެއެވެ. އެކަލާނގެ ރަހްމަތްފުޅު އަހަރެންގެ މައްޗަށް އޮތްހާ ހިނދެއްގައި ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެން ބަލިކޮށް ނުލެވޭނެއެވެ. ވީއިރު ޒިޔާން އެއީ ކާކު ހެއްޔެވެ؟ ޒިޔާންގެ ބަސްތަކަށް އަހަރެން ޖެހިލުންވާންވީ ކިއްވެގެން ހެއްޔެވެ؟ އަންހެނަކަށް ވިޔަސް އަހަރެން މިފަހަރު ޒިޔާނަށް ދޫނުކުރަން އަޒުމް ކަނޑައެޅީމެވެ. ވަގުތު ފާއިތު ނުވަނީސް ވިއާނަށް ވެސް މާމައަށް ވެސް ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން އަޒުމް ކަނޑައެޅީމެވެ. މުސައްލަ އޮޅާލާފައި އެ އޮންނަ ތަނުގައި ބާއްވާފައި ގޮސް އަލުން އެނދުގައި އިށީނދެފައި ފޯނަށް ބަލައިލީމެވެ. އަހަރެން ވިސްނައިފީމެވެ. ޒިޔާނަށް ޖަވާބުދޭންވީ ވަގުތު ޖެހިއްޖެއެވެ. ނަމާދުން އަހަރެންނަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. މިހާރު ފަސްޖެހެންވީ އެއްވެސް ކަމެއް ނެތެވެ. ފޯނު ނަގާފައި ޒިޔާން ގުޅި ނަންބަރަށް ގުޅީމެވެ. އެންމެ ރިންގަކާއެކު ޒިޔާން ފޯނު ނަގައިފިއެވެ. އެންމެ ފުރަތަމަވެސް އަހަރެންނަށް އިވުނީ ޒިޔާންގެ ނުބައި ހިނިގަނޑުގެ އަޑެވެ.

"ހެހެހެ... އަހަރެންނަށް އިނގޭ މެސެޖް ފެނިފަ މަލް ބިރުގަންނާނެކަން. ބުނެބަލަ. ވިސްނައިފިންތަ؟؟" މިހާރު ޒިޔްނާގެ އަޑުން އެއްވެސް ރުޅިވެރިކަމެއް އަހަރެންނަށް ފާހަގައެއް ނުވެއެވެ. ހީވާގޮތުން އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާ ހިތުން އަހަރެން ހުރީ ބިރުންނެވެ. އޭނާ އެދުނު ފަދައިން އަހަރެން އެ އަތުގެ ތެރެއަށް ދާނެއެވެ. އަހަރެން ގުޅި އެ ހަބަރު އޭނާއަށް ދޭށެވެ.

"ކަމޯން މަލްހާ. ބުނަން ބޭނުންވާ ހުރިހާ އެއްޗެއް" އަހަރެންގެ އަމިއްލަ ހިތް ބުނެލި ކަހަލައެވެ.

"އަހަރެންނަށް ހީވަނީ މިހާރު ކަލެއަށް ހަކުރު ބޯންވި ވަރަށް ވުރެ ގިނައިންވެސް ބޮވިއްޖެހެން. ހީވޭ މިވަގުތު ހަމައިގަ ހުރިހެން. ނޫނީ އެތިކޮޅެއް ނެތީތަ؟ ނުގަންނަންތަ؟ އެކުވެރިން އަތުންވެސް ހުސްވީ ދޯ. ވައްކަންކުރަން ނިކުންނަވީނުން. ދޭ. ގޮސް ފިހާރަތައް ފަޅައިގެން ރުފިޔާ ހޯދާ. ވަރަށް ސަޅިކޮށްނު މިހާރު ތިއުޅެނީ" އަހަރެން ވާހަކަދެއްކީމެވެ. އަހަރެން ވާހަކަދެއްކީ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން އިނދެ ރުޅިއާ މަލާމާތާ އެކުލެވޭ ރާގެއްގައެވެ.

"ކީކޭ ތިކިޔަނީ؟ އަހަރެން މިއެހީ ކޮބާހޭ ޖަވާބަކީ؟" އަހަރެންނަށް ހީކުރެވުނީ ރަނގަޅަށެވެ. އަހަރެންގެ ބަސްތަކުން ޒިޔާން ހުޅުފަޅައިފިއެވެ. ފޯނުގެ އަނެއްފަރާތުން މިހާރު ހުންނާނީ ތެޅިތެޅިއެވެ.

"ކޮން ޖަވާބެއް؟ އަހަރެންނަށް ބުނެވުނުތަ ޒިޔާނަށް ޖަވާބުދޭނަމޭ. މޮޔަވަނީތަ؟ ހަމަބިމަށް އާދޭ" އަހަރެންނަށް އާ ހިތްވަރެއް ލިބިފައިވި ކަހަލައެވެ.

"ކިހިނެއްވީ؟ އަނގަ ބެދުނީތަ؟ ގަބޫލެއްނުކުރެވުނު ދޯ. ކަލޭ ޖަހާހާ ބެރަކަށް މި މަލްހާ އެއް ނުނަށާނެ. އަޑުއިވިއްޖެތަ؟" އަހަރެން ބުނީމެވެ. ވިއާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެހެންކަމުން އަހަރެންނަށް ވާހަކަދެއްކުމަށް އިތުރު ހިތްވަރު ލިބިގެން ދިޔައެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް؟ ތިގޮތަށް ކަލެއަށް ބިރުދެއްކޭނީ އެހެން މީހުންނަށް. އަހަރެން ބިރެއްނުގަނޭ. އެދުވަހު ހޮސްޕިޓަލުގެ ކޮޓަރި ތެރޭގައި އެފާޑަށް އުޅެން ކަލެއަށް ފުރުސަތު ލިބުނީ އަހަރެން ދިނީމަ. އެއްގޮތަކަށްވެސް ކަލޭގެ ގަދަކަމަކުންނެއް ނޫން. ޖަނަވާރުންތަކެއްގެ ޝިކާރައަކަށް ވާން އަހަރެން ބޭނުންނުވީ. ދެން އަހަރެންގެ ޖަވާބު އަޑުއަހާ. އަހަރެން ކަލޭ ކައިރިއަކަށް ނުދާނަން. ކުރި މަޢާފްވެސް އަނބުރާ ގެނެސްފިން. އަހަރެން ކަލެއަށް ނަފްރަތުކުރަން. ދެން މީގެފަހުން އަހަރެންނަށް އުނދޫގަކުކުރަން ނުގުޅާތި. ގުޅައިފިއްޔާ...."

"ގުޅައިފިއްޔާ ކީއްކުރެވޭނީ..." އެތައް އިރަކަށް ފަހު ޒިޔާން ބުނެލިއެވެ.

"ހެހެހެ... ފުލުހުންނަކީ ތިކަހަލަ މުޑުދާރު ޖަނަވާރުންގެ ކިބައިން މިގަމުގަ ސަލާމަތްކުރަން ތިބި ބައެއްކަން ހަނދާންކޮށްލާ" އަހަރެން ފޯނު ކަނޑައިލީމެވެ. އިތުރަށް ޒިޔާނަށް ނުގުޅޭނެހެން ނަންބަރުވެސް ބްލޮކް ކުރީމެވެ. އެކަމަކު އެއްވެސް މެސެޖެއް ޑިލީޓް ނުކުރަމެވެ. އެހުރިހާ އެއްޗެއް ވިއާނަށް ދައްކަން އަހަރެން ބޭނުމެވެ. ދެންމެ ޒިޔާނާއެކު ކުރެވުނު ފޯންކޯލުގެ ރެކޯޑިންގ ވެސް އަހަރެން ވިއާނަށް އިއްވާނަމެވެ. އެއްވެސް ކަމެއް ވިއާނަށް ސިއްރުކުރުމެއް ނެތެވެ.

ހެނދުނު ކޮލެޖަށް ދާން ނިކުމެފައި އަހަރެންނަށް މަގުގެ ދެކޮޅު ހޯދައި ބެލުނެވެ. ހިތުގައި ޖެހިލުންވުމެއް ނެތެކޭ ނުބުނެވޭނެއެވެ. އަހަރެން ކަންތައްކުރި ގޮތުގެ ބަދަލު ޒިޔަން ކޮންމެވެސް ގޮތަކަށް ހިފާނެކަން އެއީ ޔަގީންވާ ކަމެކެެވެ. ގޭ ދޮރުމަތީގައި ހުއްޓާ ވިއާން އައިސް ފަހަތުން ކައިރީގައި ހުއްޓިއްޖެއެވެ. އަހަރެން ދިޔައީ ސިހިގެންނެވެ. ކައިރީގައި ހުރި ވިއާންގެ މޫނު ފްލެޝް ކެނޑި ކެނޑިގެން ދާހެން އަހަރެންނަށް ޒިޔާންގެ މޫނު ސިފަވެގެން ދިޔައެވެ. އަހަރެން ހަމަޖެހުނީ އަމިއްލައަށެވެ. މަގުމައްޗަށް ނިކުމެވުމާއެކު އަހަރެން މާބޮޑަށް ޖެހިލުންވީއެވެ.

"ހާދަ ބޮޑަކަށް ސިހުނީ؟ ކޮން ވިސްނުމެއްގަ" ވިޔާން ބުނެލިއެވެ. އަހަރެން ހީލާފައި ދެފަރާތަށް ބޯހޫރާލީމެވެ. ސައިކަލް ފަހަތަށް އަރާފައި ވިއާން ސައިކަލް ދުއްވާލުމުގެ ކުރިން ފަހު ފަހަރަށް ފަހަތަށް އެނބުރި ބެލީމެވެ. ޒިޔާންގެ އެއްވެސް ނިޝާނެއް ނެތެވެ.

"މަލް ކޮންކަމަކާ ތި ވިސްނަނީ. އެކްސްސައިޓް ވަނީތަ؟ މަލްގެ ފަސްޓެއް ނޫނެއްނު" ވިއާން ބުނެލިއެވެ.

"ތިކަހަލަ ކަމެއްނުވޭ. ހިތް ބިރުގަންނަނީ ނުލަފާ މީހަކާ މަގުމަތިން ދިމާވެދާނެތީ" އަހަރެން ބުނީމެވެ.

"ހެހެހެ... ނުލަފާ މީހުން އަންނަންވީ މަލް ފަހަތުންތަ؟ މި މާލޭގަ އެހެން އަންހެންކުދިން ވެސް އުޅެޔޭ" ވިއާން ބުނެލިއެވެ. ވިއާން ސައިކަލް ދުއްވާފައި ދިޔަ އާދައިގެ ދުވެއްޔެއްގައެވެ. ބާރަކަށް ނޫނެވެ.

"ޖިންނިއެއް އަވަލަވާފައި ހުރިއްޔާ އޭތި އަޅުވާލާނީ އަވަލާފައި ހުރި އިންސިއެއް ފަހަތުންނެއްނު" އަހަރެން ބުނީމެވެ.

"ޖިންނިއެއް އަވަލީތަ އަނެއްކާ؟ ސީރިޔަސްކޮށްތަ؟ ޖިންނިއެއް ނުފެނުނަސް އަހަރެން ވަރަށް ބިރުގަނޭ އިނގޭ ޖިންނި ދެކެ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ.

"ސާބަހޭ. އަހަރެންނާ އަވަލީ ޖިންނިއެއް ނޫން. ނުލަފާ ހަޔާތްކުޑަ އިންސިއެއް" އަހަރެން ބުނީމެވެ.

"ވަޓް؟" އެހިސާބަށް ބުނެފައި ކުއްލިއަކަށް ވިއާން ސައިކަލް ހުއްޓައިލިއެވެ. ނަސީބަކުން މަޑުކޮށްލައިގެން އިނީ ކޮލެޖް ދޮރުމައްޗަށެވެ.

"ވިއާން، އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން. އަހަރެން އެކަނިން ގެއަށް ދާން ބޭނުމެއްނޫން. ގުޅާނަން އިނގޭ" އަހަރެން ބުނީމެވެ. އަހަރެން އެތެރެއަށް ވަދެގެން ދިޔައިރުވެސް ވިއާން ބަލަހައްޓައިގެން އިނެވެ.

އަހަރެން އަސުރުނަމާދު ކޮށްގެން މާމަގެ ކޮޓަރިއަށް ވަންއިރު ވިއާނާ މާމަ ތިބީ އަހަރެންގެ އިންތިޒާރުގައެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ހާސްކަމެވެ. ކަންބޮޑުވުމެވެ. އަހަރެން ކައިރިއަށް ހިނިއައެވެ.

"އަޅުގަނޑު ވާހަކައެއް ދައްކަން ބޭނުންވެޔޭ ބުނީމަތަ މާމައަށް ތިހާވަރު ވެފަ ތިއިނީ" އަހަރެން އެހީމެވެ. އަދި މާމަ ގުރުއާން ކިޔަވަން އިންނަ ގޮނޑި ދަމާލާފައި ގެނެސް އެނދު ކައިރީގައި ބަހައްޓާފައި އިށީނީމެވެ.

"ދެން ބުނެބަލަ. އަނެއްކާ ކިހިނެއްވީ؟" ވިއާން ބުނެލިއެވެ.

"ވިއާން، އަހަރެންނަށް މަޢާފްކުރައްޗެ. ދޮގު ހެދުމަކީ އަހަރެންގެ ޠަބީޢަތުގައިވާ ކަމެއްނޫން. އެކަމަކު އަހަރެންނަށް ކަމެއް އޮޅުވާލެވިއްޖެ. އެއި އަހަރެން ގޯސްކަމަކުން ނޫން. އިތުރަށް އެއްވެސް ކަމެއް މާމައަށްވެސް ވިއާނަށް ވެސް ސިއްރުކުރަން ބޭނުމެއްނޫން" އަހަރެން ބުނީމެވެ. ވިއާނާ މާމަގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައެވެ. އަހަރެންގެ މޫނަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.

އެހެން ބުނެފައި އަހަރެން ޒިޔާންގެ އެންމެ ފުރަތަމަ ފޯންކޯލް ލިބުނު ދުވަހުން ފެށިގެން ކަންތައްތައް ވަމުން ދިޔަ ގޮތްތައް ކިޔައިދިނީމެވެ. މަންމަ ބަލިކަމަށް ބުނެ އޮޅުވާލައިގެން އަހަރެން ހޮސްޕިޓަލަށް ދާންޖެހުނު ގޮތެވެ. އެއީ ޒިޔާން އޮޅުވާލައިގެން ކުރި ކަމެއްކަން އަހަރެންނަށް އިނގުނު ހިސާބެވެ. ދެން ޒިޔާން އަމަލުކުރި ގޮތްތަކާ ދެއްކި ވާހަކަތައް ކިޔައިދޭން އަހަރެން ފަސްޖެހުނު ނަމަވެސް އެ ހުރިހާ ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. ވިއާންގެ ދެއަތްތިލަ މުއްކެވިގެންދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ. ވިއާން އަހަރެންނަށް ބަލައިލި ވަގުތު އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.

"އެކަމަކު މިހާރު އަހަރެން އޭނައަށް ވަރަށް ސާފުކޮށް ޖަވާބުދީފިން. އަހަރެން ބުނެފިން އަހަރެން ބޭނުންވާގޮތް" އަހަރެން ބުނީމެވެ.

"ރޭގައިވެސް އޭނަ ގުޅި. ދެކެވުނު ވާހަކަތަކުގެ ކޯލް ރިކޯޑިންގް މިއޮތީ" ފޯނު ނަގާފައި އަހަރެން އޯޑިއޯ ކްލިޕް ޕްލޭކޮށްލީމެވެ. ރިކޯޑިންގް އަޑު އަހަމުން ދިޔައިރު ވިއާން ދެކޮޅަށް ހިނގާލަ ހިނގަލަ ހުއްޓެވެ. ބަލައިބެލުމަށް ވިއާން ހުރީ ހަމަޖެހިފައެވެ.

"ހާދަ ނުބައިވެއްޖޭ އޭނަ" އަހަރެން ފޯނު ދުރުކޮށްލުމާއެކު މާމަ ބުނެލިއެވެ. މާމަ އަހަރެންނަށް ބަލަން އިނީ ރަހުމުން ފުރިގެންވީ ނަޒަރަކުންނެވެ.

"މާމަ ވަރަށް ކަންބޮޑުވޭ މަލް އާ މެދު. މީހުން ބުނަނީ ހަމަ ހެޔޮކޮށް. މާލޭ މަގުމައްޗަކީ އަންހެންކުއްޖަކަށް ރައްކާތެރި ތަނެއް ނޫން" މާމަ ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ. ޒިޔާންގެ އިންޒާރުތަކުން އަހަރެންގެ ހިތުގައިވެސް ބިރުވެރިކަމެއް ވިއެވެ. އެކަމަކު ވިއާންގެ ހަމަހިމޭންކަން އަހަރެންނަށް އުނދަގުކުރަމުން ދިޔައެވެ. އެހެންކަމުން އަހަރެންނަށް ބެލެމުން ދިޔައީ ވިއާނަށެވެ.

"މަލް އެކަނި ފިހާރައަކަށް ވެސް ނިކުންނަން މާމައަކަށް ނުފެނޭ. މީހަކަށް އިނގިފަ ނޫނީ މިގޭ ދޮރާ ހަމައަށްވެސް މަލް ނުނިކުންނާތި" މާމަ ބުނެލިއެވެ. މާމަ ދިނީ މައިވަންތަ ކަމުގެ އިންޒާރެކެވެ.

"ވިއާން، ދަރިފުޅު ނިކަން އެއްޗެއް ބުނެބަލަ" މާމަ ވިއާނަށް ބުނެލިއެވެ. އެއަށް ޖަވާބެއްނުދީ ދުރުދުރުގައި ފިޔަވަޅު އަޅަމުން ވިއާން ކޮޓަރިން ނިކުމެއްޖެއެވެ. ހިތުގައިޖެހި އަހަރެންނަށް ބަލައިލެވުނީ މާމައަށެެވެ.

"ކުޑަކޮށް ހިތްހަމަނުޖެހުނީ ކަންނޭނގެ. ދެން ވާނީވެސް އެހެންތާ. މަލް ދޭބަލަ. ދެކުދިން ވާހަކަދައްކައިގެން ތިމައްސަލަ ހައްލުކުރޭ" މާމަ ބުނެލިއެވެ.

އަހަރެން ވިއާންގެ ކޮޓަރީގައި ޓަކި ޖަހައިލުމާއެކު ވިއާން ދޮރު ހުޅުވައިފިއެވެ. ކުރިމަތިން އަހަރެން ފެނުމާއެކު އެހާ އަވަހަށް ފުރަގަސްދީފިއެވެ. ހިނދުކޮޅަކަށް އަހަރެންނަށް ވިއާންގެ ދެލޮލުން ކަރުނައެއް ފެނުނުހެން ހީވިއެވެ. އަހަރެން ގޮސް ހުއްޓުނީ ވިއާންގެ ކުރިމަތީގައެވެ. އަނެއްކާވެސް ވިއާން އަހަރެންނަށް ފުރަގަސްދިނެވެ.

"އަނެއްކާވެސް ހަގެއްދޭން ޖެހޭނީ ތިހެން ހަދަންޏާ" އަހަރެން ބުނީމެވެ. ވިއާން އަހަރެންނަށް ބަލައިލީ ދެނެވެ. އަހަރެންނަށް ބަލައިލި ގޮތަށް ހިފެހެއްޓީ އަހަރެންގެ ދެކޮނޑުގައެވެ.

"މަލް، މަލްއަށް ދެރަގޮތެއްވިއްޔާ އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ" ވިއާން ބުނެލިއެވެ. އަހަރެންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަދި އެއްވެސް ކަމެއް ގޯހެއްނުވޭ. ހެއްދެވިފަރާތުގެ ރަހުމަތް އަހަރެންގެ މައްޗަށް ވޭ. އޭގެއިތުރުން ވިއާނާ މާމަގެ އަޅާލުން އަހަރެންނާއެކު ވާހާ ހިނދެއްގައި ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެން ނިކަމެތިކޮށެއް ނުލެވޭނެ" އަހަރެން ބުނީމެވެ.

"ކޮންމެ އެއްޗަކީވެސް ދުލުން ބޭރުކޮށްލަން ފަސޭހަ އެއްޗެއް. އެކަމަކާ ކުރިމަތިލާން ޖެހުނީމަ ނޫނިއްޔާ އެކަމެއްގެ ނުރައްކާތެރިކަން އަންދާޒާއެއް ނުކުރެވޭނެ" ވިއާން ބުނެލިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުން ވިއެވެ. ދުރަށް މޫނު އަނބުރާލައިގެން ހުރެފައި އަނެއްކާ އަހަރެންނަށް ނަޒަރެއް ދީފައި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.

"ބަލައިބެލުމަށް އަހަރެންގެ މިޒާޖުގައި މަޑުމައިތިރިކަމެއް ވިޔަސް އަހަރެންގެ އެތެރެހަށީގައިވެސް ރުޅިގަދަ ޖަނަވާރެއް ނިދާފަ އެބަވޭ. އަހަރެންގެ ކިޔަމަންތެރިކަމާ ބަސްމަދުކަން އަހަރެންގެ މައްޗަށް އެއަކަށް ގަދައެއް ނުގަނެވޭ. އެހެންނަމަވެސް އަހަރެންވެސް ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ. އެކަމަކު އެއީ މަލްއަށް އަދި މާމައަށް މީހެއްގެ ނޮހޮރޮއްޕާން ފޯރާނަމަ. މިފަހަރު ތިޔަ ޒިޔާނެއް މަލް އާ ހެދި މޮޔަވެގެން އެ އުޅެނީ. އޭނައަށް ދެން މާފެއް ހައްގެއްނޫން. އޭނަ އެހެރީ ހައްދުފަހަނައަޅާފަ. އަހަރެން އަތުންފައިން ގޯހެއް ހަދުވަން އެ އުޅެނީ. އޭނަ އެދޭގޮތަށް މަލްގެ ސައިޑުން ދެން ނިކުންނާނީ އަހަރެން. އޭނަ ފޭސްކުރަން ޖެހެނީ މަށާ. މަލް ތައްޔާރުވެބަލަ ބޭރަށްދާން" ހުރިހާ ވާހަކަތަަކަށް ފަހު ވިއާން ބުނެލިއެވެ. އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ.

"މިގަޑިގަތަ؟" އަހަރެންނަށް އެހުނެވެ.

"އާނ މިހާރު. އަވަސްކުރޭ. އަހަރެންނަށް އެންމެ މިނިޓެއްވެސް މަޑުކުރެވެން ނެތް" ވިއާން ބުނެލިއެވވެ.

ވިއާން ދާން އުޅޭ ތަނެއް ނޭނގި އަހަރެން އެ ކޮޓަރިން ނިކުމެގެން ގޮސް ވަނީ މާމަ ކޮޓަރިއަށެވެ. ވިއާނާ އެކު ބޭރަށް ދާން އުޅޭ ވާހަކަ މާމަ ކައިރީގައި ބުނެފައި އަހަރެން ގޮސް ވަނީ ކޮޓަރިއަށެެވެ. ގޭތެރޭގައި އުޅޭއިރު ލައިގެން ހުރި އެއްޗެހި ބަދަލުކޮށްފައި އަހަރެން ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވީމެވެ. ވިއާން އަހަރެންދެކެ ހިތްހަމަނުޖެހިފައި ނެތްކަން އިނގުމުން ހިތަށް ހަމަޖެހުމެއް ލިބުނަސް ވިއާން ދެން އަޅާނެ ފިޔަވަޅެއް ނޭނގޭތީ ހަގީގީ ހިތްހަމަޖެހުމެއް ނުލިބުނެވެ. ފިކުރުތަކެއްގައި ހުރެ ހަށިގަނޑުގެ ހުރަހަށް ދަބަސް އަޅުވާލައިގެން ނިކުމެ ސޯފާގައި މަޑުކޮށްލައިގެން އިނީ ވިއާން ނިކުންނަންދެނެވެ. ވިއަން ނިކުތުމާއެކު އަހަރެންގެ ނޭފަތުގައި ހިތްގައިމު ސެންޓެއްގެ ވަސް ޖެހިއްޖެއެވެ. އެވަސް އަހަރެންގެ ސިކުނޑި ތާޒާ ކުރުވައިފިއެވެ. ތެދުުވެގެން ހިނގައިގަތްތަނާ ކޮޓަރިން ނިކުތް މާމަ ގޮވާލައިފިއެވެ.

"އަދި ވަގުތު އޮތިއްޔާ މާމައަށް ފެންނަނީ ސައިބޮއެގެން ތިދާ ތަނަކަށް ދާން" މާމަ ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނީ ވިއާންގެ މޫނަށެވެ. އަހަރެން މިހުރީ ހުރިހާ ކަމެއް ވިއާނަށް ދޫކޮށްލައިގެނެވެ.

"ހިނގާ. ސައިބޮއެގެން ދާނީ" ވިއަން ބުނެލިއެވެ. މާމާއަށް ނޫނެކޭ ބުނަން ވިއާނަށް ނުކެރުނީކަން އަހަރެންނަށް އިނގުނެވެ.

"ދަރިފުޅާ މާމަ ބުނަންތަ ވާހަކައެއް. އަގަލެއް ނެތިގެން މީހަކު ވެއްޓޭ ދަރަޖައަށް އަނެކާ ވެއްޓޭކަށް ނުޖެހޭ. އެކަހަލަ ގޮތެއް ނެތް މީހަކަށް ރައްދުދީގެން ތިމާގެ ދޫ މުޑުދާރު ކުރުމެއްނެތް. އެހެންވިޔަސް އޭގެ މާނައެއްނޫން އެބަޔަކު ހަދާނެގޮތެއް ހަދަންދެން ކުޅިބަލަން ތިބުން. މާމަ ބުނަން މިއުޅޭ އެއްޗަކީ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއްގެ ސަބަބުން ތިމާގެ ފަސްބައިގައި ލައްގަނޑެއް ޖެހިގެން ހިނގައިދާނެ ވަރުގެ ކަމެއް ނުކުރައްޗޭ. މާމައަށް އިނގޭ މަލްގެ ހުރިހާ ޒިންމާއެއް މިއަދު ނަގަންޖެހޭ މީހަކީ ދަރިފުޅުކަން. މަލްއަށް ރައްކާތެރިކަން ދިނުމަކީ ދަރިފުޅުގެ މައްޗަށް ވާޖިބެއްކަން. ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް މާމަ ދަރިފުޅަށް ދިން ތަރުބިއްޔަތު މަތިން ހަނދާންނައްތާ ނުލާތި" މާމަ ވާހަކަދެއްކިއެވެ.

"މާމަ ހާސްނުވޭ. އަޅުގަނޑު މަލް ގޮވައިގެން މިދަނީ އެ ޒިޔާނާ ކުރިމަތިލާކަށް ނޫން" ވިއާން ބުނެލިއެވެ. އަހަރެންނަށް އެވާހަކަތަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. މާމަ އާ ވިއާންގެ ވާހަކަތައް އަހަން އިންއިރު އަހަރެން އިނީ ހެދިކާއެއް ކާންވެސް ފޫހިވެފައެވެ. ސީރިޔަސްކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބެލުން ނޫންކަމެއް އަހަރެންނަށް ނުކުރެވުނެވެ.

ވިއާންގެ ސައިކަލް ފަހަތަށް އަރައިގެން އަހަރެމެން ނައްޓައިލިއިރު ގޭދޮރުމައްޗަށް މަގުމައްޗަށް ނިކުމެ މާމަ ހުއްޓެވެ. އެހިސާބަށް މާމަ އަންނާނީ މާމަގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އޮތުމުންނެވެ. ކަންބޮޑުވުން މާމަގެ ދެލޮލުން އަހަރެންނަށް ފެނުނެވެ.

"ކޮންތާކަށް މިދަނީ" އެންމެ ކައިރިން ގޯޅިއަށް ލަނބައިލުމާއެކު އަހަރެން އެހީމެވެ.

"ފުލުސް އޮފީހަށް" ވިއާން ބުންޏެވެ. އަހަރެންނަށް ތެޅިގަނެވުނެވެ.

"ނޫން. ނުދާނަން. ކީއްކުރަން އެތަނަށް ދަނީ" އަހަރެންނަށް ބުނެވުނެވެ. ބުނެވުނީ ހިތްހަމަނުޖެހިފައިކަން އިނގުނީ ކުއްލިއަކަށް ވިއާން ސައިކަލް ހުއްޓައިލުމުންނެވެ.

"ކީއްވެ ނުދާންވީ؟ މިދަނީ މަލްގެ ސަލާމަތަށްޓަކައި މައްސަލަ ހުށަހަޅަން" ވިއާން ބުނެލިއެވެ.

"މައްސަލަ ހުށަހެޅުމުގެ ކުރިން އަހަރެން ބޭނުން ޒިޔާންގެ މަންމަ އާ ބައްދަލުކުރަން" އަހަރެން ބުނީމެވެ. ވިއާން އެއްޗެއް ނުބުނެއެވެ.

"އޯކޭ. އަހަރެން މަލްއަށް ދޭނީ އެންމެ ދުވަހެއް. އޭގެފަހުން އަހަރެންނަށް މަޑެއް ނުކުރެވޭނެ. އޭނަ މަންމަ އާ ބައްދަލުކޮށްފަ މަށާއެކު ފުލުހުން ކައިރިއަށް މަލް ޖެހޭނީ ދާން" ވިއާން ބުނެލިއެވެ. އަހަރެންނަށް ހިނިތުންވެވުނެވެ. ވިއާން އަހަރެންގެ ބަސް ގަބޫލުކުރީތީއެވެ. ޒިޔާނަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވީއިރު އެވަރުގެ ފިޔަވަޅެއް އަޅަންޖެހޭނީ އެ މަންމައަށް އިނގިފައެވެ. އަހަރެންނަށް ދަސްވެފައިވަނީ މީހަކު އަހަރެންނާމެދު ގޯސްކޮށް ކަމެއް ކުރުމުން ބަދަލުގައި އަހަރެންވެސް ގޯސްވާކަށް ނޫނެވެ. ގޯސްކަމެއްގެ ބަދަލުގައި އަހަރެން ވާނީ އެމީހަކަށް ހެޔޮ މީހަކަށެވެ. އެކަަމަކު ޒިޔާނަށް އިތުރަށް ފުރުސަތު ދޭކަށް އަހަރެން ބޭނުމެއްނޫނެވެ. ޒިޔާން ފުލުހުންނާ ހަމައަށް ދާނެއެވެ. އެކަމަކު އެއީ މަންމައަށް އިނގިފައެވެ.

ގެއަށް އައީ އަހަރެންގެ ނަންބަރުވެސް ބަދަލުކޮށްގެނެވެ. ނަންބަރު ދޭން ވިއާން ބޭނުންވީ މާމަ އާ ރީޝަމްއަށް އެކަންޏެވެ. ކޮލެޖަށްވެސް އަހަރެންގެ ނަންބަރު ދޭން ވިއާން ދެކޮޅެވެ. އަހަރެން ރުހިގެން ހުރީމެވެ. އަހަރެންނަށް ދެރަވާ ގޮތަކަށް ވިއާން އެއްވެސް ކަމެއް ނުކުރާނެކަން އެއީ އަހަރެންނަށް ޔަގީންވާ ކަމެކެވެ.

(ނުނިމޭ)