ލައިފް ސްޓައިލް

ފިނިބުރު: ބޮޑު ދެ މާރުކޭޓުގެ މަންޒަރު ތަފާތު، ރޯދަ "ފީލް"އެއް ނެތް!

ރޯދަ މަހު އަބަދުވެސް އެންމެ ބާރު ބޮޑު ތަނަކީ މާރުކޭޓް ސަރަހައްދެވެ. ހާއްސަކޮށް ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީ މާލޭގައި ރޯދަ މަހު އެންމެ ބާރު ބޮޑު ދެ ތަނެވެ. އެންމެންވެސް އަވަދިނެތި، ރޯދަ ވީއްލުމަށް ހަދާނެ އެއްޗެއްސާއި ފަނި ގިރާނެ މޭވާ ގަންނަން ދާ މީހުންނައިގެން އެތަން އަބަދުވެސް އޮންނަނީ ތޮއް ޖެހިފައެވެ. ނަމަވެސް މި ރޯދަ މަހު މިވަނީ މަންޒަރު މުޅީންހެން ބަދަލު ކޮށްލައިފައެވެ. ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް މިވަނީ ފަޅު ކޮށްލައިފައެވެ.

ކޮވިޑާ ގުޅިގެން އަހަރެމެންގެ ދިރިއުޅުމަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެ ބަދަލުގެ އަސަރު މިވަނީ މާރުކޭޓްތަކަށް ވެސް ކޮށްފައެވެ. އެގޮތުން މެންދުރު އޮފީސްތައް ބަންދު ކުރުމުން، އެންމެން އެއް ނޭވައެއްގައި ގޮސް، މާރުކޭޓް ތަކަށް ވަދެ ކުރާ ވިޔަފާރިތައް މިވަނީ ވަރަށް ބޮޑަށް "ވަނދު" ވެފައެވެ. އެކަން ކޮވިޑާވެސް ގުޅެއެވެ. މާގިނަ މީހުން ބޮނޑިވެ، ވިޔަފާރި ކުރަން ބޭނުން ނުވާތީއެވެ.

އާންމުކޮށް ރޯދަ މަހުގެ ފޯރި ހިފާ ދެ މާރުކޭޓަށް މިހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު ގުޅެނީ ކޮވިޑާ އެކަންޏެއް ނޫނެވެ. މިދިޔަ އަހަރުގެ ރޯދަ މަހާ އަޅައި ބަލާއިރު، މިފަހަރުގެ އަގުތައްވެސް ރަނގަޅެވެ. އާންމުކޮށް ތަކެތީގެ އަގުތައް ހުންނަ ވަރަށްވުރެ އަގުތައް ހުރީ ދަށުގައެވެ. އެހެން އެވީ މިފަހަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ރޯދައަށް މާލެއަށް އެއް ފަހަރާ ތަކެތި ގެނެސްފައިވާތީއެވެ. ކުޑަ އެއް މިސާލަކީ ކަނޑޫދޫ މިރުހެވެ. މިދިޔަ ރޯދަ މަހު ރަނުގެ ގޮތުގައި ހުރި ކަނޑޫދޫ މިރުހުގެ އަގު މިފަހަރު މިވަނީ ވަރަށް ބޮޑުތަނުން ވެއްޓިފައެވެ.

މާލޭގެ ބޮޑު މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ސަރަހައްދަށް މީހުން ޖަމާވެ ފުނި ޖެހުމުގެ ސަގާފަތް ބަދަލުކޮށް އެންމެ ބޮޑު އަނެއް ސަބަބަކީ މާލެ ތެރޭގައި ހަދާފައިވާ ކުދި މާރުކޭޓު ތަކެވެ. ލޯކަލް މާރުކޭޓުން ލިބޭ ހުރިހާ އެއްޗެއް އެފަދަ މާރުކޭޓުތަކުން އެއް އަގެއްގައި ނުވަތަ ހެޔޮ އަގެއްގައި ލިބެން ހުރެ އެވެ.

މިހާރު މާލޭގެ ގިނަ ސަރަހައްދުތަކުގައި "ގޭދޮށު" މާރުކޭޓްތައް އެބަ ހުއްޓެވެ. ގެއާ މާ ދުރު ނޫން ހިސާބުތަކުގައި، ފަސޭހައިން ދެވޭނޭހެން މާރުކޭޓްތައް ހުރުމުން "ކަމާކަންފަށާ" ދަތުރު ހަދައިގެން، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަށް ދާކަށް ނުޖެހެއެވެ. އޮފީސް ނިންމާލާފައި ގޭ ކައިރީގައި ހުންނަ މާރުކޭޓުން ގަންނަން ޖެހޭ ހުރިހާ އެއްޗެއް ގަނެގެން ގެއަށް ވަންނަން ވީއެވެ.

ލޯކަލް މާރުކޭޓުގައި ވިޔަފާރި ހިންގާ ފަރާތަކުން ބުނި ގޮތުގައި މިފަހަރު މާރުކޭޓަށް ގެންނަ ތަކެތީގެ ތެރެއިން ގިނަ ބާވަތްތައް ވަނީ ހަލާކުވެގެން އުކާލަން ޖެހިފައެވެ. އެއީ އުންމީދު ކުރި ވަރާ ގާތަށްވެސް މީހުން އެއްޗެހި ގަންނަން ނުދާތީއެވެ. މާރުކޭޓު ސަރަހައްދު މުޅީންހެން އޮތީ ފަޅަށެވެ. ސަބަބަކީ މާލޭގެ އެކި ހިސާބުތަކުގައި ހުޅުވާފައި ހުރި މާރުކޭޓް ތަކުގެ ސަބަބުންނެވެ. އެތަންތަނުން މީހުން އެއްޗެހި ގަންނަން ފެށުމުން ލޯކަލް މާރުކޭޓަށް ވަންނާނެ ބަޔަކު ނުވަނީއެވެ.

"މިއަދުވެސް ވަރަށް ގިނަ އެއްޗެހި އުކާލައިފިން. މިރުސްތައްވެސް އެހާ ގިނައިން ހަލާކުވެގެން އުކާލައިފިން. ގަންނަން އަންނާނެ މީހަކު މިފަހަރު ނުވޭ. މިތަނަށް ބަލައިލީމަވެސް އެނގޭނެ ރޯދަ މަހެއްގައި މިހާ ހުސްކޮށް މިތަން އޮއްވާ ނުފެންނާނެ. އަސްލު ހަމަ އެންމެ ބޮޑު ސަބަބަކީ މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓްތައް ހުޅުވީމަ. ކުރިން ނުވާ ވަރަށް މިހާރު އަޅުގަނޑުމެންނަށް އެބަ ގެއްލުންވޭ. މިފަހަރު ވާނެ އެންމެ ބޮޑު ގެއްލުމެއް ވެގެންދާނެ ފަހަރަށް،" ލޯކަލް މާރުކޭޓުގައި ވިޔަފާރި ހިންގާ ފަރާތަކުން ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް މިފަހަރު ފަނޑުކޮށް، ފެނުނު ނަމަވެސް މިފަހަރުވެސް މަސް މާރުކޭޓް ފެންނަނީ ވަރަށްވެސް ތިޔާގިކޮށެވެ. މަސް ގަންނަން ރޯދަ މަހު ދާ މީހުންގެ އަދަދު ވަކި ދަށެއް ނުވެއެވެ. އެސަރަހައްދު އޮންނަނީ އަދިވެސް އެގޮތަށެވެ. ފޯރި ގަދައެވެ. ޒުވާނުންނާއި މުސްކުޅިންނާއި ހަރު މީހުން މަސް ގަތުމަށް އެ ސަރަހައްދު އޮތީ ފުރާލައިފައެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މަސް މާރުކޭޓް ސަރަހައްދު ވަރަށްވެސް ބާރުބޮޑެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް މިވަނީ ވަރަށް ބޮޑުތަނުން އަސަރުކޮށްފައެވެ. އެ ސަރަހައްދުތައް ފެންނަނީ ވަރަށްވެސް ފަޅުކޮށެވެ. ނަމަވެސް ހަމައެކަނި ކޮވިޑާ ގުޅިގެން ނޫނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓްތައް ހުޅުވުމުންނެވެ. އެހެން ކަމުން މިފަހަރު އެ ސަރަހައްދުން ރޯދަ "ފީލް"އެއް ނުފެނެއެވެ. ރޯދަ މަހުގެ އަސަރު އޮތީ އެ ސަރަހައްދުން އޮތީ އެއްކޮށްހެން ނެތިގެން ގޮސްފަ އެވެ.