ސަރުކާރުގެ ސިޔާސަތަކީ މާލެ އާއި އަތޮޅުތަކުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް، ރައްޔިތުންނަށް ފޯރުކޮށް ދޭ ހިދުމަތް ދިނުމުގައި މާލެއާ އެއް ފެންވަރަކަށް އަތޮޅުތަކުން ވެސް ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ތެރަޕިއުޓިކްގެ ދާއިރާ އިން މީހުން ބިނާކުރުމުގެ ސްކީމު ތައާރަފުކުރުމާއި ސްޕޮންސަރުންނަށް އެގްރީމަންޓު ހަވާލުކުރުމަށް މިއަދު ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ، ތެރަޕިއުޓިކްގެ ދާއިރާއަކީ ޑިމާންޑު އޮތް ނަމަވެސް ޒަމާނުއްސުރެ އަޅާނުލެވި އޮތް ދާއިރާއެއް ކަމަށެވެ. އަދި އެ ދާއިރާ އިން މީހުން ބިނާކުރުމަށް މިއަދު މި ތައާރަފު ކުރި ސްކީމުގެ ސަބަބުން ހާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދު އިފުތިތާހު ކުރި ސްކީމަކީ ކޯޕަރޭޓް ސްކޮލާޝިޕު ސްކީމުގެ ދަށުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗު ތެރަޕީގެ ދާއިރާއިން މަތީ ތައުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ތައާރަފުކުރި ސްކީމެކެވެ. މި ސްކީމުގެ ސްކޮލާޝިޕުތައް ސްޕޮންސާ ކޮށްފައިވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.

އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ވައުދުކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗު ތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެވޭނެހެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ" ފަދަ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ސެންޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކައިރި މުސްތަގުބަލެއްގައި ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އިޖުތިމާއީ މިފަދަ ކަންކަމުގައި ނަތީޖާ ނެރެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އެއީ އެންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫން ކަމަށް ވިދާޅުވެފައެވެ.