ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުވެއިތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ކުވެއިތާއި ރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު ކުވެއިތަށް ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ކުވައިތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދު އަލް ސަބާހުގެ އަރިހަށް ޒިޔާރަތްކުރައްވައި ބައްދަލުކުރައްވައިފައެވެ. އެ ޒިޔާރަތުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުވައިތުގެ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ޖާބިރް އަލް ސަބާހަށް ފޮނުއްވި ސިޓީފުޅެއް، ބޮޑުވަޒީރަށް އަރުވައިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. އަދި ދެގައުމުގެ މެދުގައި އޮންނަ އަހުވަންތަ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ ދީނީ އަދި ސަގާފީ ގުޅުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ކޮވިޑް 19 އިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމުން އަރައިގަނެ، އިގުތިސާދު ހުޅުވާލައި އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުމަށް ކުވައިތު ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވައި، ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދެގައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުން އަންނަ އެހީތެރިކަމަށްޓަކައި މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުންވެސް ކުވައިތުގެ ފޮރިން މިނިސްޓަރު އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހުމަދު އަލް އަލް ޖާބިރު އަލް ސަބާހް އާއި އެގައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރު ޝާހިދު ވަނީ މި ދަތުރުފުޅުގައި ބައްދަލުކުރައްވައިފައެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ - މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދާއި ޑިރެކްޓަރު މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރު އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު