މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރު ކަމަށް ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވަނީ ގ. މަސްއޮޑިގެ، ސިފްލާގެ އިތުރުން ފާތުމަތު ސައުޝަން، މ. ވެންކޫވާ އާއި ޑރ. މުހައްމަދު އިބްރާހީމް، ޖަވާހިރު އައްސޭރި، އދ. މާމިގިލި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުން ނިންމާފައިވަނީ ބްރޯޑްކޮމްއަށް އައްޔަނު ކުރުމަށް ޝިފްލާގެ ނަން އެކަނި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެހެންކަމުން ޝިފްލާ އެ މަގާމަށް އައްޔަނު ކުރުމަށް ތަޅުމުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގެ މެންބަރު އައިމިނަތު ސަރާހަތުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.