ޚަބަރު

ދ. މާއެނބޫދޫ ނާޒިމްގެ ކުރުނބާފެން ނަގާ މެޝިނު! ފައްކާ ދިވެހި އުފެއްދުމެއް

މުހައްމަދު އައުޒަމް

3

މާލޭގެ ލޯކަލް މާރުކޭޓަށް ވަންނަ ކޮންމެ މީހަކަށްވެސް ކުރުނބާ ފެންނަގާ އެ މެޝިނު ފެނުމާއެކު އޭގެ ޖާދޫގައި ޖެހެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ 51 ވަނަ ގޮޅީގައި ކުރުނބާ އިން ފެންނެގުމަށް ހަދާފައިވާ މެޝިނަކީ ދިވެހި އުފެއްދުމެކެވެ. މެޝިނުގެ މޭސްތިރިޔާ، ދ. މާއެނބޫދޫ އަށް އުފަން އަހުމަދު ނާޒިމް ވަނީ އެމެޝިނުގެ ވާހަކަ "ވަން" އާ ހިއްސާ ކޮށްފައެވެ.

ނާޒިމް ބުނީ އޭނާއަށް އެ މެޝިނު ހެދުމުގެ ހިޔާލު އައީ މާރުކޭޓުގައި އެހެން މީހުން ކުރުނބާ ހަދައި އޭގެ ފެންނަގައި ފުޅިފުޅިއަށް އަޅައި ވިއްކުމަށް ކުރަމުން ގެންދާ ބުރަ މަސައްކަތް ފެނުމުން ކަމަށެވެ. ބޭނުންވީ އެއަށްވުރެ ފަސޭހަ އަދި ލުއި ނިޒާމަކުން ކުރުނބާ ފެން ނެގޭނެ ގޮތެއް ހަދާށެވެ. ނާޒިމް ވަނީ އޭނާގެ ރައްޓެއްސެއްގެ ވޯކްޝޮޕެއްގައި ދެމީހުންގެ ހިޔާލު އެއްކޮށްލައިގެން އެތަނުގައި ލިބެން ހުރި ސާމާނު ބޭނުންކޮށްގެން އެ މެޝިން އުފައްދައިފައެވެ.

މި މެޝިންގެ އެހީގައި ކުރުނބާގެ ފެން ނެގުމުގައި އެންމެ މުހިއްމު ކަމަކީ ނެގޭ ފެނުގެ ސާފުތާހިރުކަން، ކުރުނބާ ހަދާއިރު އޭގައި އަތްލައި ގެންގުޅުމުގައި ސާފުތާހިރުކަމަށް ގިނަފަހަރު އޮންނާނީ ބަލައިނުލެވިފައި..
އަހުމަދު ނާޒިމް

ނާޒިމް ބުނީ މެޝިނުގައި އެއްވެސް ވަރަކަށް ދަބަރު ނުޖަހާނެ ކަމަށާއި ކޮންމެ ދުވަހަކުވެސް ހެނދުނު މެޝިނު އެއްކޮށް ސާފުކޮށް އަދި މަސައްކަތް ނިންމުމަށްފަހު ވެސް ރަނގަޅަށް ސާފު ކުރާކަމަށެވެ.

ނާޒިމްގެ ކުރުނބާ ފެން ނަގާ މެޝިނު --

ނާޒިމް އުފައްދާފައިވާ އެމެޝިނުގެ ކޮޅުގައި ތޫނު ދަގަނޑު ހޮޅިއެއް ހުރެއެވެ. ކުދި ލޯވަޅު އަޅާފައިވާ އެހޮޅިއަށް ކުރުނބާގެ ކޮޅު ކަނޑައި ހަރައިލުމުން ކުރުނބާގައި ހުންނަ ފެން ހޮޅިތެރެއިން އޭގެ ތިރީގައި ހުންނަ ފުރޭނީގެ އެހީގައި ފުރާނައި ޖަގަށް އަޅައިލަދެއެވެ. އެއްވެސް ކުނޑިއެއް ޖަގަކަށް ނޭޅެއެވެ.

ނާޒިމް ބުނީ ގިނަ ބަޔަކު އޭނާގެ މެޝިނު ގަންނަން ކޮންމެ ދުވަހަކުވެސް އަންނަ ކަމަށެވެ. ނަމަވެސް މެޝިނު ވިއްކާލުމުގެ ހިޔާލެއް އަދި ނުގެންގުޅޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ނާޒިމު ވަނީ މެޝިނު ވިއްކާ ނަމަ ވިއްކާލާނީ ގާތްގަނޑަކަށް 6000 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް ވެސް ބުނެފައެވެ.