ތޭވީސްވަނަ ބައި

އަހަރެންގެ ހިތާއި ސިކުނޑީގައި އަދިވެސް ވަނީ ޒިޔާންގެ ނުލަފާ ހިނިގަނޑުތަކާ އިންޒާރުތަކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދަނިކޮށް އަހަރެންގެ މީހެއްގެ ގައިގައި ލައިގަނެއްޖެއެވެ. އެހިނދު ހަށިގަނޑު ބެލެންސް ނުކުރެވި އަހަރެން ވެއްޓުނީ ޕޭވްމަންޓުން ބޭރުން ޕާކްކޮށްފައި ހުރި ދެ ސައިކަލް ދެމެދަށެވެ.

ފަޔަށް ތަދުވެފައި ހުރިކަން އެނގުނީ ތެދުވެ ހިނގައިގަތީމައެވެ. ކައިރީގައި ތިބީ ބަޔަކަށް އަހަރެން ނުބަލަަމެވެ. ފަހަތަށް ބަލަމުން އަހަރެން ކުރިއަށް ދިޔައީ އާދައިގެ ވަރަކަށް ވުރެ ބާރަށެވެ. އަދިވެސް ހީވަނީ ފަހަތުން ޒިޔާންގެ އިޝާރާތެއް ވެދާނެ ހެންނެވެ.

ގޭތެރެއަށް ވަންއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. އަހަރެން އެތެރެއަށް ވަދެގެން ދިޔައިރު އެޕާޓްމަންޓް ދޮރު ލައްޕަންވެސް ހަނދާނެއް ނެތެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާލަން އުޅެނިކޮށް ފަހަަތުން މާމަ ގޮވައިލިހެން ހީވިއެވެ. މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެނދުމަތީގައި އިށީނދެވުނު ގޮތަށް އަހަރެން ފިކުރުތަކެއްގެ ކަނޑަށް ގެނބިއްޖެއެވެ. ޒިޔާނަކީ އަހަރެންގެ ކުރީގެ ފިރިމީހާއެވެ. އަހަރެން އޭނައަށް ވަފާތެރިވީމެވެ. ލޯބިވީމެވެ. ތެދުވެރިވީމެވެ. ޒިޔާންގެ ދިރިއުޅުމުން އަހަރެން ދުރަށް ދިޔައީ އަމިއްލައަކަށް ނޫނެވެ. ބޭނުންނުވެގެން ޒިޔާން އަހަރެން ދުރަށްލީއެވެ. މިއަދު އަހަރެން މިދަނީ ޒިޔާން ބޭނުންވިގޮތަށް ޒިޔާންގެ ދިރިުއުޅުމާ ދުރުގައި ހުރެ އަހަަރެންގެ އަމިއްލަ ދިރިއުޅުން އާރާސްތު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ވީއިރު މިހާރު އަހަރެންގެ ދިރިއުޅުން ހަލާކުކުރަން ޒިޔާން ފައިވިއްދާފައި އެހުންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ކުއްލިއަކަށް ޒިޔާނަށް އެހައި ބޮޑު ބަދަލެއް އެއައީ ކީއްވެގެން ހެއްޔެވެ؟ ބަލައި ބެލުމަށް ހަކުރު ބޯ މީހަކާ ތަފާތެއްވެސް ނެތެވެ. އުޅުންވެސް ހަމަ އެހެންނެވެ. ކައިރީގައި އުޅެނީވެސް އެކަހަލަ މީހުންނެވެ. މިއަދު އެ ކޮޓަރި ތެރޭގައި ޒިޔާން އެދޭ ކަންތަކަށް އެއްބަސް ނުވިނަމަ ޒިޔާން ހަމަ އަހަރެން ރޭޕް ކުރީސް ހެއްޔެވެ؟ އެފަދަ ބޮޑު ފާފައަކަށް އަރައިގަނެފާނެ ހެއްޔެވެ؟ އެއްވެސް ރަހުމެއްނެތި އަހަރެންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލީސް ހެއްޔެވެ؟ ޒިޔާންގެ ހިތުގައި ފައިދަށުގައި އޮންނަ ފައިފުއްސަށް ވުރެވެސް އަހަރެންގެ މަގާމު ދަށްވެއްޖެ ކަމުގައި ހީވެއްޖެއެވެ. ވީއިރު ލޯތްބޭ ކިޔާފައި ޒިޔާން ސަކަރާތްތަކެއް އެޖަހަނީ ކީއްކުރަން ހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބުވެސް އަހަރެންނަށް ލިބިއްޖެއެވެ. އާއެނކެވެ. ޒިޔާން އެގޮތަށް ކަންތައް ކުރީހެވެ. އަހަރެންނަށް ބިރުދައްކައި އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކުރަން އޭނާ ފަހެއް ނުޖެހޭނެއެވެ. ތިމާ އެކަހަލަ އަމަލުތަކެއް ނުހިންގާނަމަ އެފަދަ ރަހުމުކުޑަ ބަސްތަކެއް ތިމާގެ ދުލުން ބޭރު ނުވީހެވެ. ޒިޔާނުގެ ބޮލަށް އެވަނީ ނުރައްކާތެރި ވަލު ޖަނަވާރެއް ސަވާރުވެފައެވެ. އެކަހަލަ މީހަކު ކިތަންމެ ބޮޑު ކުށެއްގައި ބެދުނަސް ހިތުގެ މަގުސަދު ހާސިލުކޮށްފައި ނޫނީ ހުއްޓައެއް ނުލާނެއެވެ. ހިތަށް އަރަން ފެށި ބިރުވެރި ބަސްތަކުން އަނެއްކާވެސް އަހަރެން ހާސްވާން ފަށައިފިއެވެ. އެނދުން ތެދުވެ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގެން ފަށައިފިއެވެ. ކޮރެއް ޖެހެމުން ދިޔައިރު ފައެއްގައި ރިހެމުންދިޔަ ރިހުން އަހަރެންނަށް އިހުސާސްނުވާ ކަހަލައެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ޒިޔާން އަހަރެން ދޫކޮށްލީ ވިސްނާނެ ވަރަކަށް ވިސްނާށެވެ. މާދަމާ ޒިޔާން ނަގާނީ ކޮންކަހަލަ ފިޔަވަޅެއް ކަމެއްވެސް ނޭނގެއެވެ. އަނެއްކޮޅުން އަހަރެންގެ ކައިވެނި އޮތީ ކުރިއަށެވެ. ވިއާނަކީ އަހަރެންގެ ލޯތްބެވެ. ހިތެވެ. މުޅި ދިރިއުޅުމެވެ. އަހަރެންގެ ނިންޖާއި އަރާމެވެ. އަހަރެންގެ ހުރިހާ އުފަލަކާ ހިތާމައެވެ. އަހަރެންގެ ހަށިގަނޑުގެ އެއްބައެވެ. ވިއާނަށް ދެރައެއް ދިނުމަކީ ހަމަ ހޭގައި ހުރެ އަހަރެން ދުވަހަކުވެސް ކުރާނެކަމެއް ނޫނެވެ. އަހަރެން ވިއާން ދޫކޮށްލާފައި ޒިޔާންގެ އަތުގައި ހިފައިފިނަމަ ވިއާންގެ ހިތުގައި އޮތް އަހަރެން ވަކިވެ ހިނގައިދާނެކަމުގެ ބިރު އޭނާ ދިރިއުޅުމަށް ދަތިކުރާނެއެވެ. އެފަކީރަށް ކޮންމެފަދަ ކަމެއްވެސް ވެދާނެއެވެ. އެފަކީރުގެ ހިތް ލެއިން ކަޅި ވާނެއެވެ. ހިތާމައިން ދުނިޔެއިން ފަނާވެގެން ހިނގައިދާނެއެވެ. ފޮނި މުސްތަގުބަލަކަށް ވިއާން ދެކެމުން އަންނަ ހުވަފެން ވިއްސި ވިހާލިވެގެން ދާނެއެވެ.

އެހާލުގައި ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް އަހަރެންނަށް އެޅުނީ ކިތައް ބުރުކަމެއްވެސް ނޭނގެއެވެ. ވިސްނާ ވިސްނާ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. ދޮރުފަތުގައި ޓަކި ޖަހައިލި އަޑަށް އަހަރެންގެ ހިތް އަނގައިގެ ތެރެއިން ލާފައި ބޭރަށް ފުންމައިނުލީ ކިރިޔާއެވެ. ސިހުނުވަރުން މެއަށް ތޫނު ތަދެއްވެސް އަރައިފިއެވެ. ދެވަނަ ޓައްކާއެކު ބޭރުން ވިއާންގެ އަޑު އިވިއްޖެއެވެ. ދޮރާ ދިމާލަށް އަހަރެންނަށް ބަލަން ހުރެވުނީ އާގަމަވެފައި ހުރި ބުދެއް ފަދައިންނެވެ. ކުއްލިއަކަށް އަހަރެން ހަނދާންވިއެވެ. އަހަރެން ހުރީ ގޭގައި ކަމެވެ. އަހަރެންނަށް ވިއާން ބޭރުން ގޮވަމުންދާ ކަމެވެ. ހޮސްޕިޓަލުން ގެއަށް ދާންވީމާ ވިއާން ގުޅާށޭ ބުނި ހަނދާނެވެ. މިހުރިހާ އިރު އެހުރިހާ ކަމެއްގެ މަތިން އަހަރެން ހުރީ ހަނދާން ނެތިފައެވެ. ހަމަޖެހުމުގެ ނޭވައެއް ލާފައި އަހަރެން ބާރަށް ހިނގާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި ހެދުން ރީތިކޮށްލައި އަތުން އިސްތަށިގަނޑުވެސް ރީތިކޮށްލީމެވެ. އަދި ދެ އަތުން މޫނުމަތީގައިވި އުދާސްތައް ފޮހެލާފައި ފުއްމާގަނޑު ހާކައިލީމެވެ.

ލޯގަނޑުން ބަލަން ހުރެ އަމިއްލަ ނަފްސަށް ހިނިތުންވެލީ ހިތުގައި އުފެދިފައިވި ހައިޖާނުގަނޑު ފަރުދާ ކުރުމަށް ތުންފަތަށް ހިނިތުންވުމެއް ގެނެވުމުންނެވެ. ދެން އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ދޮރުމަތީގައި ތިބި މާމަ އާއި ވިއާނަށް ވަކިވަކިން އަހަރެން ބަލައިލީމެވެ. މާމަގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. އޮފީސް ހެދުމުގައި ލައިގެން ހުރި ފަޓްލޫނުގެ ދެ ޖީބަށް އަތް ޖަހައިގެން ހުރި ވިއާންގެ ދެބުމަ ގޮށްޖަހައިގެން ހުރެ އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. މާގިނައިރު އެދެމީހުންނަށް ބަލަން ހުންނަން އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ބޭޒާރުވެދާނެއެވެ. އެހެންކަމުން އަވަސް އަވަހަށް އެތެރެއަށް ދެމިގަތީމެވެ.

"މާމަ،" އަހަރެންނަށް އިސްކަމެއް ދެވުނީ މާމައަށެވެ. އެއީ ކޮޓަރިއަށް ވަންއިރުވެސް އަހަރެންނަށް މާމަ ގޮވިހެން ހީވިއެވެ. އަހަރެންނަށް އެކަމަށް ސަމާލުކަން ނުދެވުނީތީ ދެރަވެއްޖެއެވެ.

"ކިހިނެއްވީ އަނެއްކާ؟ ވިއާންވެސް. ކަމެއްވީތަ؟" އެއްވެސް ކަމެއް އެނގުނު ކަމަށް އަހަރެން ނަހަދަމެވެ.

"ކިހިނެއްވީ ފަޔަށް؟" މާމަ އެހިއެވެ.

"ފޮރޮޅާލީ. ކުޑަކޮށް ތަދުވަނީ" އަހަރެން ބުނީމެވެ.

"މަލް ގެއަށް އައިއިރު ހުރީ ކަމެއްވެފަ. ކިހިނެއްވީ؟ މާމަ އެވަރަށް ގޮވިއިރުވެސް ބަހެއް ނުކިޔާ ކޮޓަރިއަށް ވަނީ" މާމަ ޝަކުވާ ކުރިއެވެ.

"ހެހެހެ... އަސްލު ރަނގަޅުވާނީ މާމަ ގޮވި އަޑު ނީވެޔޭ ބުނިއްޔާ. ވަރަށް ބޮޑަށް ފާހާނާއަށް ދާންޖެހިފަ ހުރީމަ އަޅުގަނޑު އައިގޮތަށް ފާހާނާއަށް ވަނީ" އަހަރެން ބުނީމެވެ. އެވާހަކައިގެ ތެރެއިން އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލެވުނެވެ. އޭނާ އަހަރެންނަށް ބަލަމުން ދިޔައީ ކަމެއް ދިރާސާ ކުރަން އުޅޭ މީހަކު ފަދައިންނެވެ. ވިއާނަށް ހިނިތުންވުމެއް އަހަރެން ދިނީ ގަދަކަމުންނެވެ.

"މާމަ ހީކުރީ ކަމެއްވީ ކަމަށް. ނަމާދުކޮށްފިންތަ؟" މާމަ އެހިއެވެ.

"އަދި ނުކުރަން" އަވަސް އަވަހަށް އަހަރެން ބުނީމެވެ.

"އެހެންވިއްޔާ ނަމާދުކޮށްގެން އާދޭ ސައިބޯން" އެހެން ބުނެފައި މާމަ ނިކުމެއްޖެއެވެ. ލަސްލަހުން އަހަރެންނަށް ނަޒަރު ސީދާކޮށްލެވުނީ ވިއާނަށެވެ. ވިއާން ބަލަހައްޓައިގެން ހުރިގޮތުން ދެރަވެސް ވިއެވެ. ވިއާނަށް ދޮގު ހަދައި އޮޅުވާލަން ޖެހޭތީ ހިތަށް ތަދުވިއެވެ. ދެ ކަންފަތުގެ ކުޑަފޫޅުގައި ހިފާލާފައި އަހަރެން ވައި އަޑުން ސޮރީ އޭ ބުނެލީމެވެ. ވަގުތުން ވިއާން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އަހަރެންގެ މާފު ބޭނުމެއް ނޫނޭ ބުނެލި ކަހަލައެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ ސަބަބުން ވިއާން ހިތުގައި ޖެހެން އަހަރެން ނޭދެމެވެ. އަނގައިން ނުބުންޏެއް ކަމަކު ވިއާން ހިތަށް އަސަރުކޮށްފައި ހުރި މިންވަރު އަހަރެންނަށް ވިއާންގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

"ވިއާން" އަހަރެން ވިއާނަށް ގޮވީމެވެ.

"އަހަރެންގެ މޫނަށް ވަރަށް ރަނގަޅަށް ބަލާފަ ބުނެބަލަ. އަހަރެންގެ މޫނުގައި އަންހެންވަންތަ އެއްވެސް ކަމެއް ފެނޭތަ؟ ދެން އަހަރެންގެ ހަށިގަނޑަށް ބަލާފަ ބުނެބަލަ. އަންހެނެއްގެ ހަށިގަނޑާ ވައްތަރު ގޮތެއް އެބަހުރިތަ؟" ވިއާން ބުނެލިއެވެ. ކުއްލިއަކަށް ވިއާން ކުރި ސުވާލުތަކުން އަހަރެންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ވިއާން އެސުވާލުތައް ކުރަންޖެހުނީ ކީއްވެގެން ހެއްޔެވެ؟

"ތިބުނާ ކަހަލަ އެއްވެސް ސިފައެއް ނެތް. ތިއީ ރީތި ފިރިހެނެއް. އަންހެން ކުދިން އަޅައިގަންނާނެ ކިތަންމެ ސިފައެއް އެބަހުރި. އެންމެ ފުރަތަމަ ވިއާންގެ އިސްކޮޅު. ދަތްދޮޅި ކޮޅުގައި ތީނދަ ޑިމްޕަލް. ދެއަތުގެ މުލައްދަނޑިއަށް އަރާ ފުފިގައި ތިހުރި ނާރުތައް. ލަގޮނޑި ނިކުމެފައި ހުރި ގޮތް. ވިއާންގެ ބަރު އަޑު. ދެން އިތުރަށް ބުނަން އެނގޭނީ ކައިވެންޏަށްފަހު. ވިއާންގެ ފަރާތުން ހިތް ނުކިޔާ އެންމެ ސިފައެއްވެސް އަހަރެންނަށް ނުފެނޭ" އަހަރެން ވާހަކަދެއްކީމެވެ. ވިއާނަށް ގަބޫލުނުކުރެވުނަސް އަހަރެން ކިއީ ވިއާންގެ ފަރާތުން އަހަރެންނަށް ފާހަގަވާ ކަންކަމުގެ ވާހަކައެވެ. ނުވަތަ ވެވިފައިވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެންނަށް ވިއާންގެ ފުށުން އައިބެއް ނުފެންނަ ކަމަށްވެސް ވެދާނެއެވެ.

"އެހެންވިއިރު މަލް ކީއްވެ އަހަރެންނާއެކު ސައިކަލު ފަހަތަށް ނާރަން ތިއުޅެނީ. އަހަރެން ބަލާ އަންނާނަމޭ ބުނީމަ އެވަގުތު ކީއްވެ އިންކާރު ނުކުރީ. ތިއީ އަހަރެންގެ ވާން އުޅޭ އަނބިމީހާ. އަހަރެންނާ އިންނަން ރަން ކިޔައިފި. މަލްގެ ކޮންމެ ކަަމަކަށް ޒިންމާ ނަގަން ތައްޔާރަށް އަހަރެން މިހުރީ. ދެން ކީއްވެ އެގޮތަށް ކަންތައް ކުރީ. ތިމަންނަ ގެއަށް އަންނަން ބޭނުންވަނީ ފައިމަގުގައި ހިނގާފައޭ ބުނި ނަމަވެސް އަހަރެން އެއްވެސް މަޖުބޫރެއް ނުކުރީމުހޭ. އަދި ހިނގާފައެއް ނޫން ދުވެފައި ގެއަށް އަޔަސް އަހަރެން އެވަރަށް ގުޅީމަ ފޯނު ނެގިދާނެއްނު" ވިއާން ވާހަކަދެއްކީ އަހަރެންނަށް ފުރަގަސްދީގެން ހުރެއެވެ. އޭނާގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.

"ފޯނު" އަހަރެންނަށް މަޑުމަޑުން ކިޔައިލެވުނެވެ. އަމިއްލަ ދެއަތަށްވެސް ބަލައިލެވުނެވެ. ފޯނެއް ނެތެވެ. އަހަރެން ފޯނު މަތިން އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. ދެން ބަލައިލެވުނީ އެނދުގައި އޮތް ދަބަހަށެވެ. އަހަރެން ހަނދާންވިއެވެ. ހޮސްޕިޓަލުގައި އަހަރެން ރަންކީ ފޮޓޯތައް ޒިޔާނަށް ދައްކާފައި ފޯނު ދަބަސްތެރެއަށްލި ހަނދާންވިއެވެ. އަހަރެން ދުވެފައި ގޮސް ފޯނު ނަގާފައި ބަލައިލިއިރު ވިއާން ބުނި ފަދައިން ބައިވަރު މިސްކޯލުތަކެއް ހުއްޓެވެ. މުޅިންވެސް ވިއާނެވެ. ދެތިން މެސެޖުވެސް އިނެވެ. ދެން އަހަރެންނަށް ބަލައިލެވުނީ ވިއާނަށެވެ. ބަހެއް ނުކިޔާ ވިއާން ކޮޓަރިން ނިކުންނަން ހިނގައިގަތުމުން އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. ދުވެފައި ގޮސް ފަހަތުން ވިއާންގެ ގައިގައި ބައްދައިގަނެވިއްޖެއެވެ. ވިއާނަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެހެން އަހަރެން ހިފެހެއްޓީމެވެ. ވިއާންގެ ބުރަކަށީގައި މޫނު ޖައްސައި ބާރުކޮށްލެވުނުއިރު އަހަރެންގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"ސޮރީ ވިއާން. ދެން ދުވަހަކުވެސް އެހެން ނުވާނެ. ތިގޮތަށް އަހަރެން ދެކެ ރުޅިން ނުދޭ. އަހަރެން ވަރަށް ލޯބިވޭ ވިއާން ދެކެ" އަހަރެން ބުނީމެވެ. ވިއާން އަހަރެންނާ ދިމާލަށް އެނބުރުނެވެ. އަހަރެންގެ އިސްޖެހިފައިވާ މޫނުގެ ދަތްދޮޅީކޮޅުގައި އިނގިލި ޖައްސާލާފައި މައްޗަށް އުފުލައިލިއެވެ. ކަރުނަތަކާއެކު އަހަރެންނަށް ވިއާނާ ހަތަރުކަޅި ހަމަކުރީމެވެ. އެހިނދު އަހަރެންނަށް ފެނުނީ ވިއާންގެ ތުންފަތްމަތިން ހިނިތުންވުމެކެވެ.

"ދެން ތިގޮތަށް އައިސް ހަގެއް ނުދޭތި އިނގޭ. ފަހަރެއްގައި އަހަރެންނަށް ކޮންޓްރޯލް ނުކުރެވިދާނެ" ވިއާން ބުނެލިއެވެ. ސަމާސާ ރާގެއްގައެވެ. ކަރުނަތަކާއެކު އަހަރެންނަށް ހެވިއްޖެއެވެ.

"އަހަރެން ކިހިނެއް މަލް ދެކެ ރުޅިއައިސްގެން އެހާ ގިނައިރު ހުންނާނީ؟ އެއަށް ވުރެ މާ ލޯބިވޭ އަނބިމީހާ" އަހަރެންގެ މޫނުގައި އަތުން ފިރުމައިލަމުން ވިއާން ބުނެލިއެވެ. ވިއާންގެ ދުލުން 'އަނބިމީހާ' އޭ ބުނުމުން އަހަރެންނަށް ކުރެވިގެން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ.

"އެކަމަކު އަސްލު ދެރަވި. ކީއްވެ ފޯނު ނުނެގީ. އޭނަ މަންމައާ ބައްދަލުވިތަ؟" އެ ސުވާލާއެކު އަހަރެންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އަނެއްކާވެސް ހިތުގައި ބިރުވެރިކަމެއް ވަށައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް އަދި ވިއާނަށް ތެދު ހާމަކުރެވޭކަށް ނެތެވެ. ދޮގު ހަދައިގެން މިވަގުތު ވިއާން ހިތްހަމަޖައްސައިދިނުމަށް ވުރެ ރަނގަޅު ގޮތެއް އަހަރެންނަށް ނުފެނުނެވެ.

"ފާހާނާއަކަށް ދާންޖެހިގެން އަވަހަށް އަންނަން ހަދައިގެން ފައި ފޮރޮޅާލީވެސް. އަޅެ ކުޑަކޮށްވެސް ހަނދާނެއްނެތޭ ވިއާނަށް ގުޅަން" އަހަރެން ބުނީމެވެ. އަހަރެން ޖަވާބު ދިނީ ސީދާ ވިއާން ކުރި ސުވާލަކަށް ނޫނެވެ.

"ވަރަށް ތަދުވޭތަ؟ އަހަރެން ފިރުމާލަދެންތަ؟" ވިއާން ބުނެލިއެވެ.

"ނޫން. އެހިސާބުގައި ފިރުމާލަން އަދި ނުވޭ" ރަކިވެފައި ހުރެވެސް އަހަރެން ބުނީމެވެ.

"ނަމާދުކޮށްގެން އަވަހަށް އާދޭ ބޭރަށް. އަހަރެންވެސް ފެންވަރައިގެން ނިކުންނާނަން އެހާއިރަށް. މިއަދާ މިރޭގެ ބާކީ ހުރިހާ ވަގުތެއް އަހަރެން ބޭނުންވަނީ މަލް އާއެކު ހޭދަކުރަން" ވިއާން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

ކޮޓަރިން ވިއާން ނިކުމެގެން ދިޔުމާއެކު މަލެއްހެން އަހަރެންގެ މޫނުމަތި މިލައި މޯޅިވެއްޖެއެވެ. މިއަދު އަހަރެންނަށް ޒިޔާން ކުރި ގޯނާތައް އަހަރެން ވިއާނަށް ސިއްރުކުރާނީ ކިހާ ދުވަހެއް ވަންދެންބާއޭ ހިތަށް އެރިއެވެ. ކޮންމެގޮތެއްވިޔަސް މިވަގުތަށް ހުރިހާކަމެއް ރަނގަޅޭ އަހަރެންގެ ހިތް ބުނެލިއެވެ. ހަމަޖެހުމުގެ ނޭވައެއް ލާފައި އަހަރެން ތުވާލި ހިފައިގެން ގޮސް ވަނީ ފާހާނާއަށެވެ.

ރޭގަނޑުގެ ކެއުމުގެ ފަހުން އަހަރެމެން ތިބީ ސޯފާގައެވެ. ހުޅުވާފައި ހުރި ޓީވީން ޕްރޮގްރާމެއް ދައްކަމުން ދިޔައެވެ. އަހަރެންނަށް ބަލައިލެވުނީ ވިއާން ގޮވައިލުމުންނެވެ. އެވަގުތު ވިއާން ވާހަކައެއް ދައްކަން އުޅޭކަން އަހަރެންނަށް އެނގުނެވެ.

"އަހަރެން ވާހަކައެއް ބުނަން ބޭނުން" ވިއާން ބުނެލިއެވެ.

"އަވަހަށް ބުނޭ. ތިހެން އަހާކަށްވެސް ވިއާނަކަށް ނުޖެހޭނެއެއްނު" އަހަރެން ބުނީމެވެ.

"އަސްލު ހިޔާލެއް ބޭނުންވަނީ" ވިއާން ބުނެލިއެވެ. އަހަރެން ހުރިހާ ސަމާލުކަމެއް ވިއާނަށް ދިނީމެވެ.

"އެންމެ ފުރަތަމަ މިގެއަށް މަލް އައިތަނާ އަހަރެންނާ ގުޅިގެން ވަރަށް ސުވާލުތައް އުފެދުނުކަން އެނގޭ. މަލް ހިތަށް އެރި އަހަރެންނަކީ ކޮންކަހަލަ މީހެއްބާއޭ ނޫންތަ؟ އަސްލު އަދިވެސް އަހަރެންގެ މަލްއަށް ނޭނގޭ ވަރަށް ބޮޑު ކަންތައްގަނޑެއް އެބަވޭ. އުންމީދުކުރަނީ ވަގުތު ޖެހުނީމަ އެހުރިހާ ކަމެއް މަލްއަށް އެނގޭނެ ކަމަށް. އެކަމަކު ދައްކަން މިއުޅެނީ މި ވާހަކައެއް ނޫން. އަހަރެންގެ އުފަން މަންމަ ދުނިޔޭގައި އެބަހުރި. އަހަރެންނާ މަންމަ އާ މެދުގައި އޮތް ގުޅުން އެހާ ރަނގަޅެއް ނޫން. އެއީ ސަބަބެއް ނެތިއެއްވެސް ނޫން. މަންމަ އަހަރެންނާ މެދު ކަންތައްތައް ކުރީ މަޔަކު އަމިއްލަ ދަރިޔަކާ މެދު ކަންތައްކުރާނެ ގޮތަކަށް ނޫން. މަންމަގެ ފަރާތުން އަހަރެންނަށް ލޯތްބެއް އިހުސާސް ނުކުރެވޭ. މަންމަ އިނދެގެން އުޅުނު މީހާ އަހަރެންނަށް އަދި މާ ގޯސް. ފަހުން މަންމަ ކަންތައްކުރަން ފެށީ ދޮންބައްޕަ ބޭނުންވި ގޮތަށް. އުމުރުން އެހާ ޅަ އުމުރުގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔަކަށް އެކަނިވެރިކަމާ ހިތްދަތިކަންވެއްޖެ. އަހަރެންނަށް އެއްދުވަހު އަޑުއިވުނު ދޮންބައްޕަ ކައިރީގައި މަންމަ ބުނި އަޑު މަންމައަށް އިތުރު ދަރިއަކު ލިބެންއުޅޭ ވާހަކަ. އެކަމަކު އެކަމަކާވެސް ދޮންބައްޕަ އެހާ ހިތްހަމަޖެހުނުހެނެއް ހިއެއް ނުވޭ. އަދި އެނގޭތަ އޭގެ ދުވަސްކޮޅެއްފަހުން ދޮންބައްޕަ ގެއަށް އަހަރެންނަށް ވުރެ ކުޑަ ފިރިހެން ކުއްޖެއް ގެނެސްފި. އަހަރެން ހަނދާން އެބަހުރި މަންމަ ކައިރީގައި އަހަރެން އެހިން އެއީ ކާކުހޭ. މަންމަ ބުނީ އެއީ ދޮންބައްޕަގެ ދަރިފުޅޭ. މީގެފަހުން އެކުއްޖާ ބަލާނީ މަންމައޭ. އެއީ އަހަރެންގެ ކޮއްކޮއޭ. އެކަމަކު އަހަރެންނަށް އެކުއްޖާއާ ވާހަކަދައްކަން އަމުރެއް ނެތް. ދޮންބައްޕަ ރަށުގައި ހުރިއްޔާ ކޮޓަރިން ނިކުންނަންވެސް އަހަރެންނަށް ހުއްދައެއް ނޫން. ކިތައް ދުވަހު ބަދިގޭގައި ހުރެގެން އެކަނި ކާއެއްޗެހި ހަދަން ދަސްކުރީ. ކިތައް ދުވަހު އަމިއްލައަށް ލާ އެއްޗެހި ދޮވެ އިސްތިރިކުރީ. މިހާރު އަހަރެންގެ ފަރާތުން މަލްއަށް ތިފެންނަ ކަންކަމަކީ އަހަރެން އެކަނި ދަސްކުރި ކަންތައްތައް. މާމަ އަހަރެން ގެންދިޔައިރު އެކަންކަމަށް އަހަރެން ހުރީ އާދެވެފައި. އަހަރެންގެ އެތެރެހަށީގައިވާ ބައްޔަކީވެސް ކޮބައިކަން އަހަރެންނަށް އެނގުނީ މާމަ ބުނެދިނީމަ. އުމުރުން ކުޑަޔަސް އެދުވަހު އަހަރެން ވަރަށް ބިރުގަތް. ލަދުވެސް ގަތް. އެނގުނު މަންމައާ ދޮންބައްޕަ އަހަރެން ދެކެ ފޫހިވާން ޖެހުނު ސަބަބު. އަހަރެންނަށް އެހީތެރިވީ މާމަ. މާމަ އެއީ ހާދަ ރަނގަޅު އިންސާނެކޭ" ވިއާން އަސަރާއެކު ދެއްކި ވާހަކަތައް އަހަރެން އަޑުއެހީމެވެ. އެވާހަކަތައް ނިންމައިލިއިރު އަހަރެންގެ ދެލޮލުގައި ވީ ކަރުނައެވެ. ވިއާންގެ ހިތްދަތި ދުވަސްތައް އަހަރެންނަށް އިހުސާސް ކުރެވިއްޖެއެވެ. މައިންބަފައިންގެ އަޅާލުމާއި ލޯބި ނުލިބި ބޮޑެތި ވަމުން އަންނަ ކުދިންގެ ހިތުގެ އިހުސާސްތައް އަހަރެންނަށް ވުރެ ބޮޑަށް ވަކި އެނގޭނީ ކާކަށް ހެއްޔެވެ؟ ހުދު އަހަރެންވެސް އަހަރެންގެ މައިންބަފައިން އާއިލާ މީހެއް ނުދެކެމެވެ. އެއްބަނޑު ތިމާގެ މީހެއް ނެތް ނިކަމެއްޗެއްގެ ގޮތުގައި އަހަރެން އުޅެ ބޮޑުވީ އެކަންޏެވެ. އަހަރެންނަށް މަދަދުވެރިވީ އާލަމްތަކުގެ ވެރި އިލާހެވެ. އަހަރެންނާ ވިއާންގެ ތަފާތަކީ އަހަރެންގެ މައިންބަފައިން ނެތިފައި ވިއާންގެ މަންމަ ދުނިޔޭގައި ހުރެމެ ހެއްދެވި ފަރާތުން ވިއާންގެ މަންމައާ ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރި ވުމެވެ.

"ދެން ދެރަނުވޭ. އަހަރެމެންގެ ކޮންމެ މީހެއްގެ ހާލު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އާލަމްތަކުގެ ވެރި އިލާހް" އަހަރެން ބުނީމެވެ.

"މިހާރު މަންމަ އަހަރެން ބޭނުން އެބަވޭ. މައާފަށް އެދެން ބޭނުންވޭ. އަހަރެންނާއެކު ދިރިއުޅުން ބޭނުންވޭ. އެކަމަކު އަހަރެން އަދި ތައްޔާރެއް ނޫން" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. އިންތަނުން ތެދުވެގެން ގޮސް އަހަރެން ވިއާން އިން ގޮނޑި ކައިރީގައި އިށީނދެފައި ވިއާންގެ ދެއަތުގައި ހިފައިލީމެވެ. އަދި ވިއާންގެ ދެލޮލަށް ނަޒަރު ސީދާކޮށްލީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ވާން އުޅޭ ފިރިމީހާ މަގުން ކައްސާލަފާނެއެވެ. މަންމައަކީ ކިހާ ވަރެއްގެ މީހެއްކަން ނޭނގި ޖަހަންނަމައިން ޖާގައެއް ކަށަވަރު ކޮށްފާނެއެވެ. އަހަރެންގެ ފިރިމީހާއަށް ވިސްނައިދޭނީ އަހަރެންނެވެ. އޭނާގެ ވިސްނުން ބަދަލުކުރާނީ އަހަރެންނެވެ.

"ވިއާން، މަގޭ ލޯބިވާ ވިއާން، ނޭފަތުން އެންމެ ފަހު ނޭވާ ދޫކޮށްލުމުގެ ކުރިން ތިމާގެ ބަނޑުއަޅައި ވިހޭ މައިމީހާގެ ލޯބި ލިބެންއުޅޭ ކަމަށްޓަކައި އެފަރާތަށް ޝުކުރުވެރިވޭ. އެ މަންމަ އަތުގައި ހިފާ. އެއީ ވިއާނަށް ސުވަރުގެއަށް ދިޔުމަށް އޮތް ހަމައެކަނި މަގަކީ. އެ މަންމަގެ ހިތުގެ އިހުސާސްތައް ވެސް ހަމަ ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުން. އަހަރެމެން މި ދުނިޔެއަށް ގެނައުމަށް އެމީހުން އެކުރާ ހަނގުރާމައަކީ ވަރަށް ނުރައްކާތެރި ހަނގުރާމައެއް. ވިސްނަބަލަ. ތިމާގެ ހަށިގަނޑު ތެރޭގައި އިތުރު ފުރާނައެއް އުފުލައިގެން އެއްތަނުން އަނެއް ތަނަށް ހިނގުމަކީ ކުރަން އެއްވެސް މީހަކަށް ފަސޭހަކަމެއްތަ؟ އަހަރެމެންނަށްޓަކައި ކިތައް ރޭގެ ނިދި އެމީހުން ގުރުބާންކޮށްފަ ހުންނާނެ. އަހަރެމެން ދުނިޔެއަށް ނާންނަނީސް އެމީހުން އަހަރެމެން ދެކެ ލޯބިވާން ފަށާ. މީހަކު އަހަރެމެންނަށް އެއްޗެއް ބުނަން އަހަރެމެންގެ ހަށިގަނޑުގައި އެއްވެސް ކޫރުމެއް އެޅެން އެއްވެސް މަޔަކު ބޭނުމެއް ނުވާނެ. ހަގީގަތަކީ އެމީހުން އަހަރެމެންނަށްޓަކައި ވި މަތިވެރި ގުރުބާނީތަކުގެ އަގު އަހަރެމެން އުމުރު ދުވަހު މަސައްކަތް ކުރިނަމަވެސް އަދައެއް ނުކުރެވޭ. އަހަރެން ނަސޭހަތެއް ގަބޫލުކުރަންޏާ މަންމަ ގެނޭ. ވިއާންގެ ދެއަތުން އަދިވެސް އެ މަންމައަށް ހިދުމަތް ކުރެވިދާނެ. އެ މަންމަ ދުނިޔެއަށް ބިކަވާން ދޫކޮށްނުލާ. މައިމީހާގެ ފައިތިލަ ދަށުގައި ސުވަރުގެ ވަނީ" އަހަރެން ވިއާނަށް ވިސްނައިދިނީމެވެ. ކުޑަކުއްޖެއް ފަދައިން ކަޅިޖަހައިވެސް ނުލައި ވިއާން އިނީ އަހަރެންނަށް ބަލަހައްޓައިގެންނެވެ.

"ފަހަރެއްގައި މިގޭ ހަތަރު ފާރުން އެތެރޭގައި އެ މަންމަ ފައިތިލަ ސާބިތުކުރާ ހިސާބުން ފެށިގެން ވިއާންގެ ދިރިއުޅުމުގައި އޭރުގައި ހިނގި ހުރިހާކަމެއްގެ ހަގީގަތްތައް ހާމަވެސް ވެދާނެއެއްނު" އަހަރެން ބުނީމެވެ. ވިއާންގެ ދެލޮލުން ވެއްޓެން އައި ކަރުނަތިކި އަހަރެންގެ ދެއަތުން ފޮހެލަދީފައި އެމޫނުގެ ދެފަރާތުގައި އަހަރެންގެ ދެއަތުން ހިފައިލީމެވެ.

"ބުނެބަލަ. އަހަރެންނަށްޓަކައި، ވިއާން މަންމައަށް މައާފުކުރާނަންތަ؟ މަންމަ ބަލާނަންތަ؟" އަހަރެން އެހީމެވެ. ވަގުތުން ވިއާން ބޯޖަހައިލިއެވެ. އަހަރެންގެ ދެލޮލުން ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ.

"ދުނިޔޭގެ ކޮންމެ ފިރިހެނަކަށް މަލް ކަހަަލަ އަންހެނަކު އަންބެއްގެ ގޮތުގައި ދެއްވާށި. ދުނިޔެމަތީގައި ހެޔޮ ކަންތައްތަކަށް މަގުދައްކާ އަނބިންނަކީ ކޮންމެ ފިރިއަކަށްވެސް ދުނިޔެމަތިން އެކަލާނގެ ދެއްވާ ނިއުމަތެއް. ކައިވެނި ނުކުރެވެނީސް މަލްގެ ފަރާތުން އަހަރެންނަށް ހެޔޮ ކިތަންމެ މަގެއް ފެނިއްޖެ. އަލްހަމްދުއްލިއްލާހް" ވިއާން ބުނެލިއެވެ. ވިއާންގެ އެބަސްތަކުން އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

(ނުނިމޭ)