ޚަބަރު

ދީބާޖާއަށް ގާނޫނީ މަސައްކަތްކޮށްދިން ލޯފާމުން 87 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދާނެ ކަމުގެ އިންޒާރު ދީފި

މުއާވިޔަތު އަންވަރު

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގާނޫނީ މަސައްކަތްކޮށްދިން ކިންގްސް އޭޓާނީސް އެންޑް ކޮންސަލްޓެންޓްސްއަށް ދޭން ޖެހޭ ފައިސާ ދީފައި ނުވާތީ އެ ފައިސާ ހޯދުމަށް ކޯޓަށް ދާނެ ކަމުގެ އިންޒާރު އެ ލޯފާމުން ދީފިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރި މައްސަލައިގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަންޖެހޭ ކަމަށް ދަށު ކޯޓުތަކުން ކުރި ހުކުމުގެ އިސްތިއުނާފު މަރުހަލާ ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާއި ކިންގްސް އެޓާނީއާ ދެމެދު އެއްބަސްވެފައިވާ ކަމަށް އެ ލޯފާމްގެ ޑިރެކްޓަރު ޝަޒްބާން ފަހުމީ ސޮއިކޮށް ދީބާޖާއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައި އެ ފައިސާ ދީބާޖާއަށް ދޭން ޖެހޭ ގޮތަށެވެ. ނަމަވެސް ދައުލަތުން އަލުން އެ މައްސަލަ ރިވިއު ކުރުމަށް ހުށަހެޅުމުން ފަހުން ނިންމީ އެ ފައިސާ ދީބާޖާއަށް ދޭން ނުޖެހޭ ގޮތަށެވެ. އަދި އެ މައްސަލަ ދީބާޖާގެ ފަރާތުން އިސްތިއުނާފު ކުރަން ބޭނުންވާކަން ނުވަތަ ނޫންކަން ވެސް އެ ލޯފާމަށް އަންގާފައި ނުވާ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

އެހެންކަމުން އަދިވެސް އެ އެއްބަސްވުން ދެމިއޮތްކަން ފާހަގަކޮށް ކިންގްސް އޭޓާނީން ބުނެފައިވަނީ، އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތެއްގައި އެ ލޯފާމުން ކޮށްފައިވާ މަސައްކަތަށް އޭޓާނީ ފީގެ ގޮތުގައި، 174،497،577.30 (174.5 މިލިއަން) ރުފިޔާގެ 50 އިންސައްތައަށްވާ 87،248،788.65 (87.2 މިލިއަން) ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އެގޮތަށް ދެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާނެ ކަމަށް ކިންގްސް އޭޓާނީން ވަނީ ބުނެފައެވެ. އަދި ފައިސާ ނުދައްކައިފި ނަމަ ކޯޓު މެދުވެރިކޮށް ހޯދުމުގެ ބާރުވެސް އެ ލޯފާމަށް ވަނީ ދީފައެވެ.

އެހެންކަމުން، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދީބާޖާއަށް ކިންގްސް އެޓާނީން ވަނީ އަންގައިފައެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށް އެއްބަސްވުން ނިމުމަކަށް ގެނެސް ދީބާޖާއިން ދޭންޖެހޭ އޭޓާނީ ފީ ނުދައްކައިފި ނަމަ، އެ ފައިސާ ހޯދުމަށް ކޯޓަށް ދާނެ ކަމަށް ވަނީ ބުނެފައެވެ. އެ ސިޓީއަކީ އެކަން އެންގުމަށް ފޮނުވާ ގާނޫނީ ނޯޓިސްއެއް ކަމަށް ވެސް ކިންގްސް އެޓާނީން ބުނެފައިވެއެވެ.