ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމު ކުރާ ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ ލިސްޓުން ރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މިދިޔަ 2020 ވަނަ އަހަރު ''ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'' އިން ރާއްޖެއަށް 79 ލިބިފައިވާ އިރު، މިއަހަރު ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެއަށް ވަނީ މި ލިސްޓުގެ 72 ވަނަ ލިބިފައެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށްފަހު ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ ލިސްޓުން ރާއްޖެއަށް ކުރިއެރުން ލިބުނު ދެވަނަ އަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި އެ ލިސްޓުން ރާއްޖެ ވަނީ 17 ދަރަޖަ ފަހަތަށް ޖެހިފައެވެ.
އެ ލިސްޓުގައި 180 ގައުމެއް ހިމެނޭ އިރު، އެއް ވަނައިގައި އޮތީ ނޯވޭއެވެ. ދެވަނައިގައި ފިންލެންޑު އޮތް އިރު، ސްވިޑްން އަށް ލިބިފައިވަނީ ތިން ވަނައެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާއެވެ.