ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި އެކަމާމެދު ޝައްކެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން އިއްޔެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖެއް ފޮނުއްވައިފައެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދޭ ކަމަށާއި އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މެދުވެރި ކުރައްވައި އެ މެސެޖަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

އެ ޖަވާބާ ގުޅިގެން މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ. އަދި ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާގުޅޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން ރައީސް ސޯލިހަށް، ރައީސް ނަޝީދު ދަންނަވާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފަހަރު ގޮވާލައިފައެވެ. އަދި ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރުގެ އޯގަސްޓް 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ނެގި ސިއްރު ވޯޓުގައި ރިޔާޒީ ނިޒާމު އޮންނަން ފެންނަ ކަމަށް 95،619 މީހުން ވޯޓު ދިނެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އޭރުގެ ޕާޓީ ޑީއާރުޕީންނެވެ. ރައީސް ނަޝީދު އިސްކޮށް އެމްޑީޕީން ޕްރޮމޯޓް ކުރި ބަރުލަމާނީ ނިޒާމަށް ލިބުނީ 58،504 ވޯޓެވެ.