މަސްވެރިކަން ނުކުރެވޭ ގޮތަށް މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދޮށީގަ އާއި ބޮޑުކަންނެލީގެ މަސްވެރިކަމުގެ ގަވާއިދާ ހިލާފަށް މަސް ދޯނިތަކުގައި ބިދޭސީން ހަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ރީޓެއިލަރުން ފާޅުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މަސްވެރިކަމުގެ މަންފާއަށްޓަކައި، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސެންސް ނަގައިގެން ދޮށީގަ އާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެ ބިދޭސީންނަށް މަސްވެރިކަމެއް ނުކުރެވޭނެއެވެ. އެގޮތަށް ހަރަކާތްތެރިވާ ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބަލަހައްޓާ މީހެއްގެ ގޮތުގައެވެ.
އެގޮތުން މަސްވެރިކަންކުރާ އުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން ދެ ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު