އެކާވީސްވަނަ ބައި

"ނުވަދިހަ ނުވަ ރުފިޔާ" އަހަރެން އިއްވާލީމެވެ. އަހަރެން ވިއާނަށް ބަލައިލާފައި ހިނިތުންވެލީމެވެ. އޭރުވެސް ކަޅިޖަހައިނުލާ ވިއާން އިނީ ބަލަހައްޓައިގެންނެވެ.

"ބުނީމެއްނު އަހަރެން ރަންކިޔާނީ މާތްﷲ ގެ ނުވަދިހަ ނުވަ އިސްމުފުޅާ ގުޅުވައިގެންނޭ" އަހަރެން އެކަނި ވިއާނަށް އިވޭވަރަށް ބުނެލީމެވެ.

ހަފްލާގައި ބައިވެރިވި ހުރިހާ މީހުންނަށް ތައްޔާރުކޮށްފައި ހުރި ހާއްސަ ސައި ފެށިއްޖެއެވެ. މާމަ އަށް އަތް ގާތްކޮށްދެން އަބަދު ގެއަށް އަންނަ މާމަގެ އެންމެ ގާތް އެކުވެރިޔާ ހުއްޓެވެ. ރީޝަމް ހުރުމުން މަސައްކަތްތައް އިތުރަށް ލުއިވިއެވެ.

ވިއާން ލައިގެން އިން ހުދު ކުލައިގެ އަތްދިގު ގަމީހާ އަނދެގެން ހުރި ގޮޅިޖެހި މުންޑަށް މަލާމަތް ކުރަން ފެށުނީ އެހިސާބުންނެވެ. އާލިމްގެ ސަމާސާތައް ނުހުއްޓެއެވެ. މުންޑުގައި ބާރަށް ހިފަހައްޓައިގެން ހުންނައްޗޭ ދޭތެރެއަކުން ބުނެލައެވެ. އަހަރެން ހުރީ ހީހީ ބަލިވެފައެވެ.

"ނުއެއް ވެއްޓޭނެ އެހާ ފަސޭހައިން. ބެލްޓް އަޅައިގެން މިހުރީ" ގަމީސް އުފުލާ ބެލްޓް އިން ހިސާބު ދައްކައިލަމުން ވިއާން ބުނެލިއެވެ. އާލިމްގެ ސަމާސާތައް ނުހުއްޓުމުން އެންމެފަހުން ވިއާނަށް މަޖުބޫރުވީ މުންޑު ދަށުން ލައިގެން ހުރި ސޯޓުވެސް ދައްކާށެވެ. އެންމެފަހު ކަމަކަށް އޮތީ ފޮޓޯ ނެގުމެވެ. އެކަން ކުރަމުން ދިޔައީ ރީޝަމެވެ. އަހަރެންނާ ވިއާން ކައިރީގައި ބަހައްޓައިގެން ތަފާތު ގޮތް ގޮތަށް ފޮޓޯ ނެގިއެވެ. އާލިމް ގޮތް ކިޔައިދޭން ދުރުގައި ހުއްޓެވެ. އުފާވެރި މާހައުލެކެވެ. ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެފަދަ އުފާވެރި ދުވަހެކެވެ.

މަސައްކަތްތައް ނިމި ހުރިހާ މީހުން ގެއަށް ގޮސް ގޭތެރެ ހިމޭންވިއެވެ. ލިބާހުގައި އެހާ ގިނަ ވަގުތު ހުންނަން ޖެހުމުން އަހަރެންނަށް އުނދަގޫވިއެވެ. ރަނގަޅަށް ބުރަކަށި ކަހައިވެސް ނުލެވެއެވެ. އަހަރެން ހުރީ ލިބާސް ބާލަން ބޭނުންވެފައެވެ.

"މާމަ ދެން ނިދަން ދާންވީނުން. އަޅުގަނޑު ހުރިހާ މަސައްކަތެއް ކޮށްލާނަން" އަހަރެން ބުނީމެވެ. ހިލާ މާމަ އެއްބަހެއް ނުވިއެވެ.

"އަޅުގަނޑު އަންނާނަން މީތި ބަދަލުކޮށްލައިގެން" އެންމެފަހުން އަހަރެން ބުނީމެވެ. ބޯޖަހާލާފައި މާމަ ބަދިގެއަށް ތަށިތައް ވައްދަން އުޅުނެވެ. އަހަރެން ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ވިއާން ގޮވާލި އަޑު އިވުނެވެ.

"އަވަސްކުރައްޗެ" އަހަރެން ބަލައިލުމުން ވިއާން ބުނެލިއެވެ. އެ އަޑު މާމައަށްވެސް އިވުނެވެ.

"ސާބަހޭ ދަރިފުޅާ. ބޭނުންހާ އިރަކު މަލް ކުރިމަތީގައި ބެހެއްޓޭނެ ދުވަސް ކައިރިވެއްޖެ" ވަގުތުން އަހަރެންގެ މޫނު ރަތްވެގެން ހިނގައްޖެއެވެ. ހީނުކޮށް ހުއްޓާ މާމަ އެފަދަ ސަމާސާއެއް ކުރުމުން އަހަރެން ވަރަށް ލަދުގަތެވެ. ވިއާންވެސް އިތުރަށް އެއްޗެއް ނުބުނެ އިސްޖަހައިލި ތަން ފެނުމުން އަހަރެން ކައިރިއަށް ހިނިއައެވެ.

"މާމައަށް އިނގޭ މަލް ބޭރުގަ ހުރިހާ އިރެއްގައި ދަރިފުޅުވެސް ހުންނާނީ ބޭރުގަކަން. ދޭ ގޮސް ތި އެއްޗެހި ބަދަލުކޮށްލައިގެން އާދޭ" މާމަ ވިއާން ކައިރީގައި އެހެން ބުނެލި އަޑު އަހަރެން ކޮޓަރި ތެރޭގައި ހުރިއިރުވެސް އަހަރެންނަށް އިވުނެވެ.

ގަޑިން ބާރަޖަހައި ބޮޑުވެއްޖެއެވެ. ނިދަން އެނދަށް އެރިއިރު ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަހަރެންގެ ފައިގައި ރިއްސަމުން ދިޔައެވެ. ގައި މަތީގައި އޮތް ކުއިލްޓް ރީތިކޮށްލާފައި އަރާމުގައި ނިދާލަން ދެލޯ މަރައިލި ވަގުތު ބާލީސް ކައިިރިން ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ. ބަލައިލިއިރު ނުދަންނަ ނަންބަރެކެވެ. އަހަރެންގެ ދެލޮލުން ނިދި ފިލައިގެން ދިޔައެވެ. އެއް ނަންބަރަކުން ދަންވަރުގެ ވަގުތެއްގައި އަހަރެންނަށް ގުޅާތާ މިއީ ތިންވަނަ ރެއެވެ. އެތައް ފަހަރަކު ގުޅިޔަސް އަހަރެން އެކޯލަށް ޖަވާބެއް ނުދެމެވެ. އެހެންނަމަވެސް މިރޭ އެފޯނަށް ޖަވާބުދޭން އަހަރެން ބޭނުންވިއެވެ. އެއީ ކާކުތޯ ބަލަން ބޭނުންވިއެވެ. އެމީހެއްގެ ބޭނުމަކީ ކޮބައިތޯ ބަލަން ބޭނުންވިއެވެ. އެހެންކަމުން ހެޑްބޯޑުގައި ލެގިލާފައި ފޯނު ނަގައި ކަންފަތުގައި ޖެހީމެވެ.

"އައްސަލާމް އަލައިކުމް" އަހަރެން ބުނީމެވެ.

"ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ މިވަރަށް ގުޅާއިރުވެސް" އެމީހަކު ބުނެލިއެވެ. ވަގުތުން އެއީ ޒިޔާން ކަން އަހަރެންނަށް އިނގުނެވެ. މޫނު މައްޗަށް ވަގުތުން ފޫހިކަން ވެރިވެގެން ދިޔައެވެ. ފޯނު ކަނޑާލަން އުޅުނު ވަގުތު މަޑުޖެހުނީ ޒިޔާން ބުނި ޖުމްލައަކުންނެވެ.

"މަންމަ އޮތީ ހޮސްޕިޓަލުގަ. މަންމަ ކިޔާވަރުން އެވަރަށް ގުޅީ" ޒިޔާން ބުނެލިއެވެ.

"މަންމައަށް ކިހިނެއްވީ؟ ރަނގަޅުތަ؟" ވަގުތުން އަހަރެންގެ މޫނުމަތީގައި ހާސްކަން ވަށާލައިފިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އަހަރެން 'މަންމަ' ކިޔާ މީހެކެވެ.

"ސާޖަރީއެއް ހަދައިގެން. މަލް ނާންނާނަންތަ މަންމަ ކައިރިއަށް. މަންމަ ވަރަށް އުފާވާނެ މަލް އައިމަ" ޒިޔާން ބުނެލިއެވެ.

"ޒިޔާން ބުންޏަސް ނުބުންޏަސް އަހަރެން މަންމަ ކައިރިއަށް ދާނަން" ޒިޔާނާ އަހަރެން ވާހަކަދައްކާއިރު އަހަރެންގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ.

"މާދަމާ އަންނާނަން ދޯ. އަހަރެން ކިހާއިރަކު ބަލާދާންވީ" ޒިޔާން ބުނެލިއެވެ.

"އަހަރެންނަށް ބުނެވުނުތަ އަހަރެން ދާނީ ޒިޔާނާ އެއްކޮށޭ. މަންމަ އޮތީ ކޮން ވޯޑެއްގަކަން އަހަރެންނަށް މެސެޖްކޮށްލާފަ ބާއްވާ. އަހަރެން ދާނަން. އަހަރެން ދާނެ އިރަކާ ދާނެ ވަގުތެއް އެއީ ޒިޔާނަށް އިނގެންޖެހޭ ކަމެއް ނޫން. އަދި އެއްވާހަކަ. ޒިޔާން އަހަރެންނަށް ތިގުޅީ ކޮންމެހެން މަންމަ ބަލިވާހަކަ ބުނާކަށް ނޫން. އެވާހަކަ ބުނާކަށް ޖެހިޖެހިގެން ތިންރޭ ދަންވާފަހުން ނުގުޅާނެ" އަހަރެން ބުނީމެވެ. އަހަރެން ފޯނު ކަނޑައިލިއިރު ޒިޔާން ކޮންމެވެސް އެއްޗެއް ކިއިއެވެ.

ކޮލެޖް ނިމުނު ގޮތަށް އަހަރެން މަގުމައްޗަށް ނިކުތްއިރު އެއްފަރާތުގައި ވިއާން މަޑުކޮށްލައިގެން އިނެވެ. އަހަރެން ފެނުމާއެކު އަތުން ހަނާއަޅާލިއެވެ. މަގު ހުރަސްކޮށްފައި އަހަރެން ގޮސް ވިއާން ކައިރީގައި ހުއްޓުނީމެެވެ.

"ހޮސްޕިޓަލް ކައިރިއަށް ގެންގޮސްދީ" އަހަރެން ބުނީމެވެ.

"އޭނަ މަންމަ އޮތީ އެތަނުގަތަ؟" ވިއާން އެހިއެވެ. އަހަރެން ޒިޔާން ގުޅި ވާހަކަ އާ ދެއްކި ހުރިހާ ވާހަކަތަކެއް ކޮލެޖަށް އައި މަގުމަތީގައި ވިއާނަށް ކިޔައިދިނީމެވެ.

"ހޫމް. ވިއާން ވަންނާނަން ދޯ" އަހަރެން އެހީމެވެ.

"ނޫނޭ މަށަކަށް ނުކެރޭނެ. މަލް ވަދެލާ. ނިންމާފަ ގުޅާ. އަހަރެން ކޮންމެހެންސް މިނިސްޓްރީއަށް ދާންޖެހޭ" ހޮސްޕިޓަލް ކައިރިއަށް ސައިކަލް މަޑުކޮށްލާފައި ވިއާން ބުނެލިއެވެ. އަހަރެން ހިނގައިގަތްތަނާ ވިއާން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

"ސޮރީ އިނގޭ. އަހަރެން މިގަޑީގަ ދިޔުން ވަރަށް މުހިންމު" ވިއާން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

އަހަރެން އެތެރެއަށް ވަދެފައި ޒިޔާންގެ މެސެޖުގައި އިން ކޮޓަރި އާ ހަމައަށް ގޮސްފައި މަޑުކޮށްލީމެވެ. ތަޅުގައި ހިފައިލާފައި ހޮސްޕިޓަލުގައި އޮތްތޯ ޔަގީން ކުރުމަށް މަންމަގެ ނަންބަރަށް ގުޅާލީމެވެ. ފޯނެއް ނުނެގިއެވެ. ދެތިންފަހަރު ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދިނެވެ. އެހެންކަމުން އަހަރެންނަށް މަޖުބޫރުވީ ޒިޔާންގެ ނަންބަރަށް ގުޅާށެވެ.

"އަހަރެން މިހުރީ ކޮޓަރި ބޭރުގަ" އެހިސާބަށް ބުނެލާއިރަށް ޒިޔާން ދޮރު ހުޅުވައިފިއެވެ. އަހަރެން ފެނުމާއެކު ފުޅާ ހިނިތުންވުމެއް ޒިޔާންގެ ތުންފަތަށް ވެރިވިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ކޮޓަރިއަށް ވަންނަން އުޅުނުވަގުތު ޒިޔާން އަހަރެންގެ އުނަގަނޑުމަތިން އަތް ޖައްސާލާފައި ހުރިކަން އިނގުނެވެ. އެ އަތް ފޮޅުވާލާފައި އަހަރެން ޒިޔާނަށް ބަލައިލީ އިންޒާރެއްދޭ ފަދައިންނެވެ. އެހިނދު ދެއަތް އުފުލާލާފައި އަމާންދޭ އުސޫލުން ވިއާން ހަރަކާތް ކޮށްލިއެވެ.

"މަންމަ ކޮބާ؟" ކުރިމަތީގައި ހުރި އެނދު ހުހަށް ހުރުމުން އަހަރެން އެހީމެވެ. ޒިޔާންގެ ފަރާތުން ޖަވާބެއް ނައެވެ. އޭނާ އަހަރެންނަށް ބަލަން ހުރީ ނުރައްކާތެރި ގޮތަކަށެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ.

"ދޮގު ދޯ ހެދީ. ޒިޔާން މިހާރު ހާދަ ނުލަފައޭ. އަހަރެން ހިއެއް ނުކުރަން" އަހަރެންނަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެެވެ.

"ކޯޗެއް ހިއެއް ނުކުރަނީ. ނުލަފާ ކަންތައްތައް ކުރަން އަހަރެންނަށް މަޖުބޫރުކުރީ މަލް. ރީތިގޮތުގައި ކަންތައްތައް ނިންމެން އޮތް. މަލް ކީއްވެ ގޮތްދޫނުކުރަނީ. އަހަރެން ދަންނަ މަލްހާ އަކީ ގޮތްދޫކުރަން ދަންނަ މަޑުމައިތިރި އަންހެންކުއްޖެއް" ޒިޔާން ވާހަކަދެއްކިއެވެ. އޭނާ ކޮޓަރި ދޮރުމަތިން ދުރަށް ނުދެއެވެ. ހީވާގޮތުން އަހަރެން ނިކުމެދާނެތީ އޭނާ ހުރީ އެކަމަށް ފާރަވެރި ވެގެނެވެ. ކުއްލިއަކަށް ފާހާނައިން ފެން އަޑު އިވުމުން އަހަރެންނަށް އެކަމަށް ސަމާލުވެލެވުނެވެ.

"ކިހިނެއްވީ؟ އަހަރެންގެ ފްރެންޑެއް އުޅެނީ. މިއީ އޭނަ އެޑްމިޓް ކޮށްފަ އޮތް ރޫމް" ޒިޔާން ވާހަކަދެއްކިއެވެ. އަހަރެން އެއަށް ޖަވާބެއް ނުދެވުނެވެ. މިވަގުތު ޒިޔާންގެ ކުރިމަތީގައި ގަދަ ދެއްކޭކަށް ވެސް ނެތެވެ. އަހަރެންނަށް ހުރެވުނީ ދަންތުރައެއް މަތީގައި ކަން ހަނދާންނައްތައެއް ނުލަމެވެ. ޒިޔާން ބޭނުމިއްޔާ އޭނާ އެބުނާ އެކުވެރިޔާ އާ ބައިވެރިވެގެން އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ހެދިދާނެއެވެ. އަހަރެން ހުރީ އެވަރު ވިސްނައިގެންނެވެ. ހަމަޖެހުމުގެ ނޭވައެއްލާފައި އަހަރެން ޒިޔާނަށް ބަލައިލީމެވެ.

"ޒިޔާން، މިހާރު އަހަރެން ބޭނުންވިޔަސް ޒިޔާން ބުނާގޮތަށް ކަންތައް ކުރެވެން ނެތް. އަހަރެން މީހަކާ އިންނަން ރަންކިޔައިފިން. ވަރަށް އަވަހަށް އަހަރެންގެ ކައިވެނި ކުރެވޭނެ" އަހަރެން ބުނީމެވެ. އަހަރެންގެ އަޑުގައި އެއްވެސް ހަރުކަށިކަމެއް ނުބައްހައްޓަމެވެ.

"ކީކޭ؟ ތިއީ ކޮންއިރަކު ކުރިކަމެއް؟ ނޫނީ އަހަރެން ދުރަށްލާން ދޮގުހަދަނީތަ؟" ޒިޔާން އައިސް ހިފީ އަހަރެންގެ ދެއަތުގެ އުޅަނބޮއްޓާ ހަމައިގައެވެ. ތަޅުވައިގަތް ގޮތުން ތަދުވެސް ވިއެވެ.

"ދޫކުރޭ. ތަދުވެއްޖޭ. ޒިޔާން ގަބޫލުކުރިޔަސް ނުކުރިޔަސް އެއި ހަގީގަތަކީ" އަހަރެން ބުނީމެވެ.

"ހެކިދައްކާ" ޒިޔާން ބުނެލިއެވެ. ދަބަސް ތެރެއަށް އަތްލާފައި އަހަރެން ނެގީ ފޯނެވެ. ރަންކިއި ރޭގައި ނަގާފައި ހުރި ހުރިހާ ފޮތޯތަކެއް އަހަރެން ޒިޔާނަށް ދެއްކީމެވެ. ހަމަ އެހާ އަވަހަށް ފޯނު ދަބަހަށް ލާފައި ޒިޔާނަށް ބަލައިލީމެވެ.

"ފެނިއްޖެތަ؟ އިތުރަށް ގަބޫލުނުކުރެވެންޏާ އަހަރެންގެ ކައިވެނި ކުރެވޭ ރޭގަ އާދޭ. މި ދިނީ ދައުވަތެއް ކަމަށް ހީކޮށްލާ" އަހަރެން ބުނީމެވެ.

"ކީއްވެތަ އަހަރެންނަށް ތިހެން ތިހަދަނީ. އަހަރެންނަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުންތަ؟ އެއީ ނުފުއްސަވާ ފާފައެއްތަ؟ އަހަރެންނަށް ކުރެވުނު ކަންތައް އެއީ ކުށެއް ކަމަށް ގަބޫލުކުރަމޭ. ކީއްވެ މަލްއަށް އަހަރެން ކައިރިއަށް ނާދެވެންވީ؟ އަހަރެން ދެން އެހެން ނަހަދާނަމޭ. ވަރަށް ލޯބިވެސް ވާނަން. އަދިވެސް ލޯބިވޭ" ޒިޔާން މޮޔައެއްހެން ކިޔަމުން ދިޔައެވެ.

"އަހަރެން ޒިޔާނަށް މަޢާފްކޮށްފިން. ކުރިންވެސް އެހެން ބުނިން. އެކަމަކު އަހަރެންގެ މުސްތަގުބަލް ގުޅިފައިވަނީ ޒިޔާނާ އެކުގައެއް ނޫން. އަހަރެން.... ހެޔޮނުވާނެ މިތަނުން އަހަރެން ނިކުންނަން ބޭނުން" އަހަރެން ބުނީމެވެ.

"ނުދެވޭނެ. މަލް ބޭނުންވަނީ އަހަރެންގެ ހަތަރެސްފައިން ގޯސް ހަދުވަންތަ؟ ބޭނުންވަނީ އަހަރެން ޖަލުގެ ތޭރިތަކުގެ އެތެރޭގައި ހުންނަ ތަން ބަލަންތަ؟ ބޭނުންވަނީ މަންމަ ހިތާމަ ކޮށްކޮށް މަރުވާ މަންޒަރު ބަލަންތަ؟" ޒިޔާން ކިޔަމުން ދިޔައެވެ.

"ހަގީގަތުގަ ތިހުރިހާ ކަމަކާ ވިސްނަންޖެހޭ މީހަކީ ޒިޔާން. އަހަރެންނެއްނޫން. އަހަރެން ނެތިން ދެން އިތުރަށް ވާހަކަދައްކާކަށް. ދުރަށްދޭ. އަހަރެންނަށް ލަސްވޭ. އެންމެ ފުރަތަމަ ދޮގު ހަދައިގެން އަހަރެން މިތަނަށް ގެނައީތީވެސް އަހަރެން ޒިޔާންދެކެ ފޫހިވެއްޖެ" އަހަރެން ބުނީމެވެ. ދޮރާ ހަމައަށް ގޮސްފައި ޒިޔާން ތަން ނުދެއްކުމުން އަހަރެން ދަބަހުން ޒިޔާންގެ މެއާ ހަމައިގައި ވިއްދާފައި ކުޑަކޮށް ފަހަތަށް ކޮށްޕާލީމެވެ.

"އަހަރެން މިބުނީނު މިތަނުން މަލްއަށް ނުދެވޭނޭ. އަޑެއްނީވޭތަ؟" އަނެއްކާވެސް ޒިޔާން އަހަރެން އަތުގައި ހިފެހެއްޓިއެވެ. ކޮޓަރި ދޮރުގައި އަހަރެން ތަތްކޮށްލައިގެން ހުރީ ހަރަކާތެއްވެސް ކޮށްނުލެވޭހާ ބާރަށެވެ.

"ޒިޔާން، މިދެން ކިހާ ދެރަކަމެއް. ޒިޔާން ތިގޮތަށް ކިތަންމެ ވަރަކަށް ތެޅުނަސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އަހަރެން ޒިޔާންދެކެ ލޯތްބެއްނުވޭ" އަހަރެން ބުނީމެވެ.

"ކީކޭ؟ ލޯތްބެއްނުވެޔޭ. ތިއީ ދޮގެއް. ހެހެހެ... ފުރަތަމަ ލޯބި ކިހިނެއް ހަނދާންނެތޭނީ. އެތައް އަހަރަކު އެކުގަ އުޅުނިން. ހަނދާންނެތުނީތަ؟ އެންމެފުރަތަމަ މަލްގެ... ހެހެހެ... ކައިވެނީގެ ފުރަތަމަ ރޭ މަލް އަހަރެންނަށް ދިނީ ފިރިހެނަކަށް ވަރަށް މަދުން ލިބޭ ހަދިޔާއެއް. އަހަރެންނަށް ޔަގީން އަހަރެން ހަނދާން ނެތުނަސް މަލް ހަނދާން ހުންނާނެކަން. އަންހެނެއްގެ އެހާ ގާތަށް އަލަށް އަންނަ ފިރިހެނެއް މަތިން ހަނދާނެއް ނުނެތޭނެ" ޒިޔާން މަލާމާތުގެ ރާގެއްގައި ވާހަކަދައްކަމުން ދިޔައެވެ. އެވާހައިގެ ތެރެއިން ކުޑަކޮށް އަހަރެންގެ ދެއަތަށް ލުޔެއްވެސް ދީފިއެވެ. ތަންވަޅު ބަލާފައި އަހަރެން ޒިޔާންގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލީމެވެ.

"އައްޗީޑި. ތިކަހަލަ ބޯދާ ވާހަކަ ތިއީ ޒިޔާން ގަބޫލުކުރާ ކުރުން. މަށެއް ނޫން. އަހަރެންނާ ގާތަށް އެންމެ ފިޔަވަޅެއް އެޅިޔަސް ހަނދާންކުރާތި އަހަރެން ހަނދާންނައްތާލާނަން ތިއީ ފިރިހެނެއްކަން. އަދި އަހަރެންގެ ކުރީގެ ފިރިމީހާ ކަން" އިންޒާރެއްދޭން ފަދައިން ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އަހަރެން ބުނީމެވެ.

"ހެހެހެ... މާއްޓޭ..." ހިނިގަނޑަކަށް ފަހު ޒިޔާން ގޮވައިލިއެވެ. އަހަރެންނަށް ވަގުތުން އިނގިލި ތިރިކޮށްލެވިއްޖެއެވެ. ދޮރެއް ހުޅުވިގެން ދިޔަ އަޑާއެކު ބަލައިލިއިރު ފާހާނާއިން ފިރިހެނަކު ނިކުންނަނީއެވެ. އިސްކޮޅުން ދިގު ހިމަތޮޅި ފިރިހެނެކެވެ. މަތިން ހުސްގަޔާ ހުރިއިރު ޓީޝާޓެއް ކަހަލަ އެއްޗެއް އެއްފަރާތުން ކޮނޑުމަތީގައި އަޅުވާލާފައި އޮތެވެ. ބުޅި އިސްތަށިގަނޑު ހުޅިއެއް ޖަހާފައި ހުރިއިރު ތިރިން ހުރީ ނޫކުލައިގެ ގޮޅިޖެހި ބޮކްސާއެއްގައެވެ. ފޫޅާ ކަކުލު ހުޅާ ދެމެދުގައި ނިވާވެފައިވާ ހަމައެކަނި ތަންކޮޅަކީ އެއީއެވެ. ނުލަފާ ޒާތަކަށް ހީގަނެގެން ހުރިއިރު އަހަރެންނާ ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އަހަރެންނަށް ހިންދިރުވައިލެވުނެވެ. ބަންދު ކޮޓަރިއެއްގެ ތެރޭގައި ނުލަފާ ދެ ފިރިހެނުންގެ މެދުގައި އެކަނި ހުންނަން ޖެހުމުން އަހަރެން ޖެހިލުންވީވަރާ ގަތް ބިރު ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. ޒިޔާނާ ގާތަށް އަހަރެންނަށް ޖެހެވެމުން ދިޔަ ކަމެއް ނޭނގެއެވެ. ޒިޔާން ގައިގައި އަހަރެން ޖެހުމާއެކު އޭނާގެ ޓީޝާޓު އަހަރެން އަތަށް އޮޅާލެވުނު ކަމެއްވެސް ނޭނގެއެވެ. ސިހުނީ ފިނި އަތްތިލައެއް އަހަރެންގެ އަތުގައި ޖެހުމުންނެވެ. ބަލައިލިއިރު ކައިރީގައި ހުރީ ޒިޔާނެވެ. އަހަރެންނަށް ދުރަށް ޖެހެވުނީ ކުއްލިއަކަށެވެ. ދެފިރިހެނުންގެ މެދުގައި އަހަރެން އަރުތެރޭގައި ނޭވާ ތާށިވި ކަހަލައެވެ. އެވަގުތު އަހަރެންނަށް ކުރެވެމުން ދިޔައީ ބަންދު ކޮޓަރިއެއްގެ ހަތަރު ފާރުގެ ތެރޭގައި އަހަރެން ފިތެމުންދާ ކަހަލަ އިހުސާސެކެވެ. އަހަރެންނަށް ބަލައިލެވުނީ ޒިޔާނަށެވެ. ތުނިތުނިކޮށް ފަޅާފައި ހުރި ތުނބުޅި ވަށައިގެން އަތުން ފިރުމައިލަމުން ޒިޔާން ހީލިއެވެ. ނުރައްކާތެރި ހިނިތުންވުމެކެވެ. ނުބައި ޖަރީމާއެއް ހިންގަން އުޅޭ ކަމުގެ ރަތް ސިގުނަލެކެވެ. އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ވާންއުޅެނީ ކީއްކަން ނޭނގި ހިތުގެ ތެޅުން އަވަސްވިއެވެ. ހަތަރެސްފައި ގަނޑުފެން ކޮޅަކަށް ވެއްޖެއެވެ. ހަދާނެގޮތެއް ނޭނގި ގޮތްހުސްވެއްޖެއެވެ. ކަރުތެރެ ހިކި މުޅި ހަށިގަނޑު އައްސި ވެއްޖެއެވެ. ދެލޮލުން ކަރުނަ އޮހިގަތީ އަހަރެންނަށް ނުވެސް އެނގިއެވެ. ވިއާނާ މާމަ މަތިން ހަނދާންވެ އެދެމީހުންގެ މަދަދަށް ބޭނުންވެއްޖެއެވެ. ހެއްދެވިފަރާތާ ވަކީލުކޮށްފައި އަނެއްކާވެސް ޒިޔާނަށް ބަލައިލެވިއްޖެއެވެ.

"ޒިޔާން، ކޮބާތަ އަހަރެންގެ ކުށަކީ؟" އަހަރެންނަށް ބުނެވުނެވެ. އަހަރެން ވާހަކަދައްކަން ކަރުން އަޑު ނެރެން ޖެހުނީވެސް ގަދަކަމުންނެވެ.

"އަދިވެސް އެއްވެސް ކަމެއް ލަހެއްނުވޭ. މަލް އަހަރެން ކައިރިއަށް އާދޭ. އަހަރެން ގޯސް އެއްވެސް ކަމެއް ނުކުރާނަން" ޒިޔާން ބުނެލިއެވެ. ޖެހިލުންވެފައި ހުރިވަރުން އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. އަހަރެންނަށް ބަލައިލެވުނީ އަނެއްފަރާތުގައި ހުރި މީހާއަށެވެ. އެވަގުތު ޒިޔާން އޭނާގެ އެކުވެރިޔާއަށް ބަލައިލިއެވެ. އަދި ބޮލުން އިޝާރާތްކޮށް ވާހަކަތަކެއް ދެއްކިއެވެ. ދެން ފެނުނީ ހިނިގަނޑެއް ޖަހާފައި އެމީހާ ގޮސް އެނދަށް އެރި ތަނެވެ.

"ސީރިޔަސްކޮށް ޒިންޓުގެ އެކްސް ވައިފް ވަރަށް ރީތި އިނގޭ" އޭނާ ބުނެލިއެވެ. ޒިޔާން ހީލިއެވެ. ދެން އަހަރެންނާ ގާތަށް ފިޔަވަޅެއް އަޅާފައި އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ. ކޮޓަރި ދޮރުހުޅުވުނު އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. ނަރުހެއް ވަދެގެން އައި ތަން ފެނުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނަރުހާ ދިމާލަށް އަހަރެން ދާން އުޅުމުން ޒިޔާން އަހަރެންގެ ކޮނޑުގައި އަތް އަޅުވާ ގާތަށް ދަމައިލިއެވެ. އޭނާގެ އަމަލުތަކުން ލޯބި ދައްކަން އުޅުނަސް ހުޅުވިފައި ހުރި ދޮރުން އަހަރެން ނިކުމެދާނެތީ ހިފަހައްޓައިގެން ހުރީ ހަށިގަނޑު ތެރެއަށް ނިޔަފަތިތައް ވަދެގެން ދާހާ ބާރަށެވެ. ނަރުސް ކުރަން އައި ކަންތައް ކޮށްފައި އެނބުރި ދިޔައީ އިހު ހުރިގޮތަށް ކޮޓަރި ތަޅުލާފައެވެ. އަނެއްކާވެސް އަހަރެން ދެފިރިހެނުން ތެރޭގައި އެކަނިވެއްޖެއެވެ.

"ކޮބާ މަލްގެ ޖަވާބަކީ؟" ޒިޔާން އެހިއެވެ.

"އަހަރެން...އަހަރެން" އަހަރެންނަށް ނުބުނެވުނެވެ. ޒިޔާން އެދޭ ފަދައިން ކަންތައްތައް ކުރަން އަހަރެން ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ. އެގޮތަށް ޒިޔާނަށް ޖަވާބުދޭންވެސް ނުކެރުނެވެ.

"ހަމަ ތެދެއް މިބުނީ. ގޯޑް ޕްރޮމިސް. އަހަރެންނަށް ވުރެ ބޮޑަށް މަލްދެކެ ލޯބިވާނެ މީހަކު ނުހުންނާނެ. މަލް ދެކޮޅު ހަދައިފިއްޔާ މިވަގުތު މިކޮޓަރި ތެރޭގައި އަހަރެންނަށް މަލް ރޭޕްވެސް ކޮށްލެވިދާނެ" ޒިޔާން ބުނެލިއެވެ. ލޯބިވާކަމަށް ބުނެފައި ފަހުން އެދިނީ އިންޒާރެކެވެ. އަހަރެންނަށް ޒިޔާނާށް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ.

"އަހަރެން ވިސްނާލަން ވަގުތުކޮޅެއްދީ. މިހާރު އަހަރެންގެ ބޮލުގަ ވަރަށް އެބަ ރިއްސާ. ގެއަށް ގޮސް ހަމަޖެހިލައިގެން ވިސްނާފަ އަހަރެން ޒިޔާނަށް ގުޅާނަން" އަހަރެން ބުނެލީމެވެ.

"އޯކޭ ޑަން. އެކަމަކު ދިޔުމުގެ ކުރިން އަހަރެން މިތަނަށް ކިސްއެއް ދޭން ބޭނުން" ޒިޔާން އަތްޖައްސައިލީ އަހަރެންގެ ކޯތާފަތުގައެވެ. އަހަރެންނަށް މަޑުމަޑުން މޫނު އެއްފަރާތް ކޮށްލެވުނެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އެއް އަރިއަކަށް އެކުވެރިޔާ އޮތެވެ. އަހަރެން ބަހެއް ނުބުނެ ހުރުމުން ޒިޔާން އަހަރެންނާ ކައިރިވެލިއެވެ. އަދި އަހަރެންގެ ކޮލުގައި ތުންފަތް ޖައްސައިލިއެވެ. އެމަންޒަރު ފޯނުގައި ރައްކާކުރަން އޭނާ އުޅުމުން އަހަރެންނަށް ކަމުނުދިޔައެވެ. މާދަމާ އެންމެންގެ ތެރެއަށް އެފޮޓޯ އޭނާ ބޭޒާރުވެސް ކޮށްފާނެއެވެ. އަހަރެން ކުރިމަތީގައި މިހާރު ހުރީ ކުރީގެ ޒިޔާނެއް ނޫނެވެ.

"ތިހެންނަހަދާ. އަހަރެންނަށް އިތުބާރުކުރޭ" އަހަރެން ބުނީމެވެ. އެކަންވެސް ވަރަށް ފަސޭހައިން ޒިޔާން ގަބޫލުކުރިއެވެ. އަހަރެން ނިކުންނަން އުޅުމުން އަނެއްކާ އަތުގައި ހިފައި ހުއްޓުވައިފިއެވެ. ދެން އެދުނީ ދިޔުމުގެ ކުރިން ބައްދާލާށެވެ. ހިތާދެކޮޅަށް އަހަރެން އެކަންވެސް ކުރީމެވެ. އަހަރެން އިތުރަށް މަޑުނުކޮށް ބޭރަށް ނިކުތީމެވެ. އެހިނދު އަހަރެންނަށް ހީވީ ގުދަނަކުން ބޭރަށް ނިކުމެވުނު ހެންނެވެ. ޒިޔާންގެ އުނދަގުލެއް ވުމުގެ ކުރިން އަަހަރެން ދާން ބޭނުންވިއެވެ. އެހެންކަމުން އަހަރެންނަށް ދުއްވައިގަނެވުނެވެ.

މަގުމަތީގައިވެސް އަހަރެންނަށް ގިނައިން އުޅެވުނީ ދުވެފައެވެ. ހީވަނީ ފަހަތުން ޒިޔާން އަންނަހެންނެވެ. އަދިވެސް ހިތުގައިވި ބިރު ފިލައިގެން ނުދެއެވެ. ގެއަށް ދާން ބޭނުންވުމުން ވިއާން ގުޅާށޭ ބުނި ހަނދާނެއްވެސް ނުވެއެވެ. އަހަރެންގެ ހިތާ ސިކުނޑީގައި އަދިވެސް ވަނީ ޒިޔާންގެ ނުލަފާ ހިނިގަނޑުތަކާ އިންޒާރުތަކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދަނިކޮށް އަހަރެންގެ މީހެއްގެ ގައިގައި ލައިގަނެއްޖެއެވެ. އެހިނދު ހަށިގަނޑު ބެލެންސް ނުކުރެވި އަހަރެން ވެއްޓުނީ ޕޭވްމަންޓުން ބޭރުން ޕާކްކޮށްފައި ހުރި ދެ ސައިކަލް ދެމެދަށެވެ.

(ނުނިމޭ)