ޕްރޮފައިލް ރިޕޯޓް

ކުޅުމާއެކު ކޯޗިންއަށް ބޮޑު ގުރުބާނީއެއް، އުންމީދަކީ އެތަކެއް "އަޖުފާނެއް" އުފެއްދުން!

އަލީ ރިފްޝާން

ބެޑްމިންޓަންގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ނުވަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ ދިދަ ބައިނަލްއަގުވާމީ މައިދާނުގައި ވިހުރާލި 'ރޯލް މޮޑެލް' އެތުލީޓެކެވެ. އައިއޯއައިޖީ ފަދަ ވަރުގަދަ މުބާރާތްތަކުން މެޑަލް ގެނެސްދިން ހިތްވަރުގަދަ ބެޑްމިންޓަން ޝަހުސިއްޔަތެކެވެ. މުހައްމަދު އަޖުފާނެވެ. ބެޑްމިންޓަނުން ނަގާނެ އިތުރު ނަމެއް ވަކި ނެތެވެ.

އަޖުފާނުގެ ކާމިޔާބީތަކުގެ ވާހަކަދައްކައި ކޮޅުން ނުލާނެއެވެ. 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ވަނަ އަހަރު ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން އޭނާ ހޯދިއެވެ. 2011 ވަނަ އަހަރުގެ އިތުރުން 2018 ވަނަ އަހަރު އަދި 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިންވެސް އަޖުފާން މެޑަލް ގެނެސްދީފައިވާ އިރު، އެ ކާމިޔާބީއަށް އޭނާ މިހާރު އިތުރުކޮށްލާ ބޮޅަކީ ތަރިން އުފެއްދުމުގެ މަސައްކަތެވެ. ކުޅުމަށް އެތައް ވަގުތެއް ދެމުން، ބާކީ އޮންނަ ވަގުތުތައް ގުރުބާން ކޮށްލަނީ އެކަޑެމީގައި ކުޅުންތެރިން އުފެއްދުމަށެވެ. އަންނަން އޮތް ޖީލަށް ދެކޭ ހުވަފެން ސީދާ ކުރުމަށެވެ. ޗެލެންޖެއް ނަމަވެސް، ކޯޗިންނާއެކު ކުޅުން ކުރިއަށް ގެންދަން އަޖުފާން ތައްޔާރެވެ.

"އެނގޭ ބެޑްމިންޓަންގެ ރަނގަޅު ޕްރޮޑަކްޓެއް ނެރެވޭނީ އެކަޑެމީތަކުންކަން. ރާއްޖެއަށް އެކަޑެމީ މިއައީ ތަންކޮޅެއް ފަހުން. އެހެންވީމާ އެނގުނު އަހަރެމެންކަން މިކަން ކުރަން ތިބި ބަޔަކީ. މޮޅު ކުޅުންތެރިންތަކެއް ވަދެ އެކަން ކުރުން މުހިއްމީ. މިހުރީ ކެރިއަރުގެ ޕީކްގައި ނަމަވެސް އެކަން ކުރަން ޖެހޭތީ އެކަމަށް ނުކުތީ. އެއީ ޗެލެންޖެއް ނަމަވެސް އެބަޖެހޭ ކުދިންތަކެއް ތަމްރީނުކޮށް މިހާރު މިކަމަށް ނެރެން. މާދަމާ ބޭނުމެއް ނޫން، ހަމައެކަނި މުހައްމަދު އަޖުފާނެއް އެކަނި ހުންނާކަށް، ނޫނީ އެންމެ ދެތިން އަންހެން ކުދިން މިކަމުގައި އުޅޭކަށްވެސް. ބޭނުންވަނީ އެންމެ މަދުވެގެން 10-20 ވަރަކަށް ކުދިން އެންމެ މަތީ ފަންތިއަށް ދިއުން. އެ ވިސްނުމުގައި އެކަޑެމީ ހެދީ. މިހާރު ފެށިގެން މާދަމާ ރަނގަޅުވާނީ،" އެތައް ގައުމެއްގެ ތަމްރީނުތަކަކާއެކު ތަޖުރިބާގެ އަލީގައި އަޖުފާން ބުނެފައިވެއެވެ.

އެއީ މިހާރު އަޖުފާންގެ ވިސްނުން ހުރި ހިސާބެވެ. އެ ހިސާބަށް އޭނާ ކުރި ދަތުރު އަޖުފާން ވަނީ "ވަން" އަށް ހިއްސާކޮށްފައެވެ.

ފެށި ދުވަހުން ފެށިގެން، ކޮންމެ އަހަރެއްވެސް ހާއްސަ

އަޖުފާންގެ ބެޑްމިންޓަން ހަޔާތް ފެށުނީ އުމުރުން އެންމެ ހަ އަހަރުގައެވެ. ކިރިޔާ ރެކެޓެއްގައި އޭރު ހިފަހައްޓާލެވުނު ނަމަވެސް، ގޭތެރޭގައި އޮތް ބެޑްމިންޓަންގެ ރޫހާއެކު އަޖުފާނަށް ކުޅިވަރަށް ވަންނަން މާ ގިނަ ދުވަހެއް ނުނަގައެވެ.

"ގޭގައި އުޅޭނެ ރާއްޖޭގައި އޭރު ކުޅުނު ގައުމީ ލެވެލްގެ ކުޅުންތެރިން. އޭރު ދެން އަނެއްހެން ނޭނގެ މިއީ ކޮން އެއްޗެއް ކަމެއް. ދެން ބޮޑު ބޭބެ، މިހާރު ނިޔާވެފައި ވީވެސް. ގެންދާނެ ކުޅޭތަން ބަލަން. އޭރު އެ ގޮސް އުޅުނުއިރު މި ވަދެވުނީ ބެޑްމިންޓަންއަށް. އެއީ ދެން ވަރަށް ކުޑައިރު. އޭރު ރެކެޓާ އެއްޗެހި ކިރިޔާ ހިފައިގެން އުޅެން ފެށުނީ އަދި،" އަޖުފާން ބުންޏެވެ.

އެތައް ފަހަރަކު ގައުމީ ޗެމްޕިއަން ލިބުނު ނަމަވެސް، އަޖުފާންގެ މަސައްކަތަށް ބަދަލެއް ނުގެނެސް ދެމިހުރުމަކީ އޭނާގެ ރެސިޕީއެވެ. ހަ އަހަރުން ފެށިގެން ގައުމީ ފަންތިއަށް ނުކުމެ، މިއަދާ ހަމައަށް ކުރިމަތިލާ ކޮންމެ އަހަރަކަށްވެސް އަޖުފާން އިތުރަށް މަސައްކަތް ކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ކޮންމެ އަހަރެއްވެސް ހާއްސަ ވާނެ. އެއީ ކުރަން ޖެހޭ މަސައްކަތް، އެކަމަށް ލާ އެފަޓް ތަކުރާރު ކުރަން ޖެހޭތީ. އެކި ހާލަތްތަކުގައި އެކި ގޮތަށް އެ ހިތްވަރު ލާން ޖެހޭނެ. އެއީ އެންމެ މުހިއްމު ކަމަކީ. އެންމެ ހާއްސަ ވަނީ އެންމެ ފުރަތަމަ ގައުމީ ޗެމްޕިއަންކަން ލިބުނު އަހަރު. އެކަމަކު ފަހުން އައި ހުރިހާ އަހަރުތައްވެސް ވަރަށް ހާއްސަ،" އަޖުފާން އޭނާގެ ކާމިޔާބީތަކަށް ވިސްނާލަމުން ބުނެފައިވެއެވެ.

ފާޑު ކިޔުންތަކާ ކުރިމަތިލަނީ ޑިސިޕްލިން ހިފަހައްޓައިގެން

ކުޅިވަރުގައި އެކަންޏެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ޗެލެންޖުތަކަކާއި، ފާޑު ކިޔުންތަކެއް އަންނާނެއެވެ. ދުނިޔަވީ އުސޫލުގައި އެކަން ވާކަން ދަނެގެން ކަންކަމާ ކުރިމަތިލުން ނޫން ގޮތަކުން ކާމިޔާބީއާ ހަމައަށް ވާސިލު ނުވެވޭނެ ކަމަށް އަޖުފާންވެސް ގަބޫލުކުރެއެވެ. އެކަމާ އަޖުފާން ކުރިމަތިލަނީ "ޑިސިޕްލިން" ހިފަހައްޓައި، ޕޮޒިޓިވް ވިސްނުމަކުންނެވެ.

"ސެޓްބެކް އަންނާނެ ވަރަށް ބޮޑަށް. އެއް ފެންވަރެއްގައި ދަމަހައްޓަންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. އެގޮތުން 2012 ގެ ފަހުން ވަރަށް ސަމާލުކަންވެސް އައި. ވަރަށް ބޮޑަށް ފާޑު ކިޔުންތައްވެސް އައި. އެކަމަކު ކުރަން ޖެހޭނެ ކަމަކީ އެއީ ރަނގަޅެއް ކަމެއް ބަލައިގެން މަސައްކަތް ކުރުން. މީހުން ދައްކާ ނެގެޓިވް ވާހަކަތައް ޕޮޒިޓިވްކޮށް ނަގައިގެން މަސައްކަތް ކުރުން އެއީ ކުރަން ޖެހޭނެ ކަމަކީ. އަމިއްލަ މީހާގެ މަސައްކަތް ކުރަން ޖެހޭނެ މީހަކު ކިޔާ އެއްޗަކަށް ބެލުމެއް ނެތި. އެއީ މި ލެވެލްގައި ހިފެހެއްޓުމުގެ އެންމެ ބޮޑު ސިއްރަކީ. ދުވަހަކުވެސް އަޅުގަނޑު ހިތްހަމަނުޖެހި ޑިސިޕްލިން ދުއްވައެއް ނުލަން. އެއީ އަޅުގަނޑު ކުރާ މަސައްކަތް ހެނދުނުން ރޭގަނޑަށް ވަކި ތަރުތީބަކުން ކުރަމުންދާނީ. އެންމެންނަށްވެސް އެނގޭނެ އެގޮތަށް ކުރިއަށް ދާނެކަން،" އަޖުފާން އޭނާގެ ވިސްނުން ހިއްސާކުރިއެވެ.

ކެރިއަރުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމަށް އަޖުފާންގެ ކޮނޑަށް އަތް ވައްޓާލަން އެތަކެއް ބައެއް އެބަތިއްބެވެ. އާއިލާ، ރަހުމަތްތެރިންގެ އިތުރު އެސޯސިއޭޝަނާއި ސަރުކާރުގެ އިދާރާތައް އަޖުފާން ފާހަގަކުރިއެވެ. އެ އެއްބާރުލުމަކީ ކާމިޔާބު ދަމަހައްޓަން "ކީ ފެކްޓާ" އެއް ކަން އަޖުފާން ގަބޫލުކުރެއެވެ.

އެތަކެއް ހުރަސްތަކެއް، ތަފާތު މާހައުލުތަކެއްގައި ކަނޑައްތުކޮށް، މިއަދު އަޖުފާން ހުރީ ކުޅުންތެރިއެއްގެ ގޮތުގައި އެންމެ އުހުގައެވެ. ފުރަތަމަ 2011 ވަނަ އަހަރު އައިއޯއައިޖީއަށް ސީޝެލްސްއަށް ގޮސް ކުޅުނު ބައިނަލްއަގުވާމީ މުބާރާތުން ފެށިގެން އަޖުފާން ރާއްޖޭގެ ބެޑްމިންޓަނަށް ކުރަހާލި ތަސައްވަރެއް އޮތެވެ. އުނދަގޫ މާހައުލެއްގައި ކުޅެ މެޑަލް ގެނެސް ދެން ކުރެހީ ހިތްވަރާއެކު އެހެން ފަންތިއަކަށް ރާއްޖޭގެ ބެޑްމިންޓަން ގެންދަން ކުރެހި މަންޒަރެކެވެ. 2018 ވަނަ އަހަރުގެ ކާމިޔާބީއާއި 2019 ވަނަ އަހަރު ކާމިޔާބާވެސް އެކު އަޖުފާން ކެރިއާ ދޫކޮށްލީކީ ނޫނެވެ. އެހިސާބުން ނެގީ ޗެލެންޖް ބޮޑު ޒިންމާއެކެވެ. އެކަޑެމީއެއްގެ މަސައްކަތަކާއެކު، ރިޓަޔާ ނުކޮށް، ކެރިއަރުގެ ޕީކް ދަމަހައްޓައި، ޖީލެއް ބިނާކުރުމަށް ކުރިމަތިލި ބޮޑު ޗެލެންޖެވެ.

އެކަޑެމީއާއެކު ކޯޗިންނަށް ވިސްނާ، އެކަމަކު އަދި ހުރީ ޕީކް ދަމަހައްޓަން

"ދުނިޔޭގެ ހުރިހާ ކުޅިވަރަކަށް ބެލިޔަސް، ކްލަބުތަކުން ގޮސް ގައުމީ ޓީމާ ހަމައަށް ދާ ކުޅުންތެރިންނަކީ ޔޫތު އެކަޑެމީ ސިސްޓަމުން ގޮސް ގައުމީ ލެވެލްއަށް އަރާ ކުޅުންތެރިން. މަޝްހޫރު ހުރިހާ ކުޅުންތެރިންވެސް އެބަހުރި އަމިއްލަ ނަން މަތީގައި އެކަޑެމީ ހަދައި، އެ އެކަޑެމީތަކުން ކުދިން ނެރެފައި. އެހެންވީމަ މިހާރު އެންމެ އެފެކްޓިވްއީ އެކަޑެމީ ހެދުން ކަމަށް ބެލެވެން އެބައޮތް. ސްޕޯޓްސް ސްކޫލަށްވުރެ ބޮޑަށް މިހާރު ވާދަވެރިކަމާއެކު ކުދިން ނެރެ އެކަޑެމީތަކުން ކުޅިވަރު ވާދެވެރިކަމާއެކު ކުދިންގެ މެދުގައި ކުރިއަރާ. އަނެއްކާ އެކަޑެމީތަކުން ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވޭ. ހުރިހާ ކުދިންގެ ނުހުރެދާނެ ހުރިހާ ހުނަރެއް، އެކަންކަމަށް ވަކިވަކިން ފޯކަސް ކުރުމަށް އެކަޑެމީން މި ސަމާލުކަން ދެވޭނީ،" އެކަޑެމީތަކުގެ މުހިއްމު ކަމަށް އަޖުފާން ދިނީ ވަރަށް ސިސްޓަމެޓިކް ޖަވާބެކެވެ.

އަޖުފާންގެ ވަގުތުތައް އިންތިހާއަށް ކުޑަ ނަމަވެސް އޭނާގެ ގުރުބާނީއަކީ އެކަޑެމީން ފެންނަ ހުނަރުވެރި ކުދިންނަށް އަޅާލާނެ މާހައުލެއް ގާއިމުކުރުމަށް ވެދޭ ގުރުބާނީއެވެ.

"މަސައްކަތް ފެށި ފަހުން ވަރަށް ބޮޑަށް އެބަފެނޭ ހުނަވެރި ކުދިން. ހަތަރު ފަސް އަހަރުގެ ކުދިންގެ ހުނަރު އެބަ ނަގައިގަނެވޭ. ނެޗުރަލް ހުނަރު އެބަހުރި ގިނަ ކުދިންގެ. އެ އުމުރުގައި މަޖާކޮށް މުޅިތަނުގައި ދުވި ނަމަވެސް އެކަޑެމީން މަސައްކަތް ކުރާނީ އެކުދިންނަށް ކުޅިވަރަކީ ކޮން އެއްޗެއްކަން މަޑުމަޑުން ކިޔައިދީ އެކަމަށް ހާނަން. އެއީ ވަރަށް މުހިއްމު ކަމެއް،" އަޖުފާން ބުންޏެވެ.

ޒިންމާއެއް ބެޑްމިންޓަން ދެން އޮތް ހަރުފަތަކަށް ގެންދިއުމަކީ. މިސާލަކަށް އަޅުގަނޑަކީ އެންމެ ފުރަތަމަ އިންޑިވިޖުއަލް ކުޅުންތެރިޔާ އޮލިމްޕިކަށް ކޮލިފިކޭޝަންއަކުން ގޮސް ކުޅުނު. އެކަމަކު އަޅުގަނޑުގެ އުންމީދަކީ އެގޮތަށް ގޮސް މެޑަލްއެއް ޔަގީންކުރުން. މާ ދުރުގައެއް ނޫން އެ ދުވަސް އޮތީ. ބައިވަރު ހުނަރުވެރި އެތުލީޓުން އެކިއެކި ކުޅިވަރުތަކުގައި އެބަތިބި. ބެޑްމިންޓަންގައިވެސް ފާހަގަކޮށްލެވޭ،
އަޖުފާން

ކޯޗިންނަށް ދޭން ޖެހޭ އެތައް ވަގުތަކާއެކުވެސް ރިޓަޔާކޮށް، މުޅި ކެރިއަރު ކޯޗިންނަށް ދޭން އަޖުފާންގެ ވިސްނުމެއް އަދި ނެތެވެ. ވިސްނުން ހުރީ ތަޖުރިބާއާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށެވެ. އެކަމަށް ފިޒިކަލީވެސް ތައްޔާރުވެ އަޖުފާންގެ ވިސްނުން އަދި ހުރީ ކުރިއަށެވެ. ބެލެންސް ކުރަން އުނދަގޫ މަސައްކަތެއް ނަމަވެސް، އަންނަން އޮތް ޖީލުތަކަށް އެކަން އަޖުފާން ކުރަނީ ކުރާ ހިތުންނެވެ.

"އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި ރާއްޖޭގެ ގައުމީ ލެވެލްގައި ކޯޗެއްގެ ގޮތުގައި ހުންނަތަން ދެކެން ބޭނުން. އެއީ މިހާރުވެސް ކޯޗުންނަކީ ކުރީގެ ކުޅުންތެރިން ހަމަ. އެ ތަޖުރިބާ އަޅުގަނޑަށް ކުރިންވެސް ވަނީ ކުރެވިފައި. އެއީ މުހިއްމު ކަމެއް. ގައުމީ ޓީމުގައިވެސް މުސްތަގުބަލުގައި ކޯޗުކަން ކޮށްދީ، ކުދިންނަށް އަޅުގަނޑުގެ ތަޖުރިބާ ހިއްސާ ކުރުމަށް ފުރުސަތު ދޭން ބޭނުން،" ގައުމީ ޓީމުގެ ކޯޗާ ހިސާބަށްވެސް އަޖުފާން ވިސްނުން ހުރިކަން އޭނާ ހާމަކުރިއެވެ.

އަޖުފާންގެ ވާހަކަތަކުން ކުޅިވަރަށް އޭނާ ދޭން ބޭނުންވާ މިންވަރު ބޮޑުކަން ޔަގީން ކުރެވެއެވެ. ހާއްސަކޮށް މުޅި މުޖުތަމައަށްވެސް އޭނާ ދޭން ބޭނުންވާ މެސެޖުތަކުން އަޖުފާންގެ މަސައްކަތް ސާފެވެ. ބަދަލެއް ގެނެސް، އެބަދަލަށް މުޅި ރާއްޖެ ހާނުވަން އަޖުފާން ބޭނުންވެއެވެ. އަތޮޅުތެރޭގެ ހުނަރުވެސް ބާކީ ނުކޮށްވާނެ ގޮތެއް ހޯދައި، އެކަން ކުރަން ތައްޔާރުވާ ކަމަށް ބުންޏެވެ.

"ބެލެނިވެރިންނަށް ބުނަލަން ބޭނުންވަނީ، މިއަދުގެ މި ހާލަތުގައި ކުޅިވަރަށް ދޭ އަހަންމިއްޔަތު ތަންކޮޅެއް އިތުރުކޮށްލަ ދެއްވާށޭ. އެއީ ޕެންޑަމިކަކާއެކު ލައިފްސްޓައިލް ވަރަށް ބޮޑަށް ބަދަލުވެފައި އޮތީމަ. އެކުދިންނަށް އަސްލު ވަރަށް ބައިވަރު ކަންކަން އަހަރެއްގެ ތެރޭގައި ގެއްލިގެން ގޮސްފި. އެއާއެކު ވިސްނުން ބަދަލުވެފައި ހުންނާނީ. އެހެންވީމަ ބޮޑަށް ބޭރަށް ނެރެ، ކަސްރަތު ކުރުމާއި ކުޅިވަރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަން ޖެހޭ. ކުދިންނަށް ފުރުސަތު ދޭން ޖެހޭ ކުޅިވަރުތަކަށްވެސް،" އަޖުފާން ފަހު މެސެޖެއްގެ ގޮތުގައި ލޮބުވެތި ބެލެނިވެރިންނަށް ބުނެލިއެވެ.

ބެޑްމިންޓަނަށް އޮތް ލޯބި ވަރަށް ބޮޑެވެ. ސާފެވެ. އިހުލާސްތެރިއެވެ. އަމިއްލަ ކެރިއަރަށް ދޭ ސަމާލުކަން ކުޅިވަރުގެ މުސްތަގުބަލަށް ދޭ އެތުލީޓުން އުފަންވެގެން ދިއުމަކީ ގައުމެއްގެ ކުޅިވަރަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަޖުފާނަކީ އެފަދަ އެތުލީޓެކެވެ. ބެޑްމިންޓަން އެހެން ހަރުފަތަކަށް ގެންދަން އެހުރީ ވަރުގަދައަށް ފައި ވިއްދައިފައެވެ.