1969 ވަނަ އަހަރަށްފަހު ލެސްޓާ ސިޓީން ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ތާރީހީ ފުރުސަތު ލެސްޓާއިން ހޯދީ ރޭ ވެމްބްލީގައި ކުޅުނު ސެމީ ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން ސައުތުހެމްޓަން ބަލިކޮށްގެންނެވެ. 2000 ވަނަ އަހަރަށްފަހު އެ ކްލަބުން ކުޅޭ ފުރަތަމަ ބޮޑު ފައިނަލްގައި ލެސްޓަ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ދެވަނަ ހާފްގައި ލެސްޓާގެ ހަމައެކަނި ގޯލް ކެލެޗީ އިލެނާޗޯ ކާމިޔާބު ކޮށްދީފައިވާއިރު، އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ޖޭމީ ވާޑީއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އިލެނާޗޯ ބުނެފައި ވަނީ އެފްއޭ ކަޕްގެ ފައިނަލަކީ އޭނާއަށް ހުވަފެނެއްގައި ކުލަ ޖެހުން ކަމަށެވެ. ކުޑައިރު ޓީވީން އެފްއޭ ކަޕްގެ މެޗުތައް ބެލުމަށްފަހު، ދެން އޮންނަ ފައިނަލެއްގައި ކުޅެލަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އިލެނާޗޯ ފާހަގަކުރިއެވެ.

ސަޕޯޓަރުން ވައްދަން ފެށުމަށް ލީގުން ވާ ތައްޔާރީތަކުގެ ތެރެއިން ރޭގެ މެޗަށް 4،000 ސަޕޯޓަރުން ވައްދާފައިވެއެވެ.

ރޭގެ މެޗަށްފަހު ލެސްޓާގެ ކޯޗު ބްރެންޑެން ރޯޖާސް ބުނެފައި ވަނީ މެޗުން ލިޔެލެވުނީ ތާރީހެއް ކަމަށާއި، ސަޕޯޓަރުންނަށް ތަށްޓެއް މުހިއްމުވަރު ކްލަބަށް އިހުސާސް ކުރެވޭ ކަމަށެވެ. ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ނުކުންނަ ނަމަވެސް، ފައިނަލަށް ނުކުންނާނީ ސަޕޯޓަރުންނަށް ތަށްޓެއް ނަގައިދޭން ކަމަށް ރޯޖާސް ބުނެފައިވެއެވެ.

ލެސްޓާއާއި ޗެލްސީ ވާދަކުރާ ފައިނަލް އޮންނާނީ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.