ދުނިޔެ

އިންޑިއާ އަށް ކޮވިޑްގެ ސުނާމީއެއް އަރައިފި

މުހައްމަދު އައުޒަމް

އިންޑިއާ އަށް ކޮވިޑްގެ ސުނާމީ އެއް އަރައިފިކަމަށް އެގައުމުން ބުނެފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިންޑިއާއިން 261،000 ކޭސް އަލަށް ފެނިފައި ވެއެވެ. އަދި 1400 މީހުން ބަލީގައި މަރުވެފައިވާ ކަމަށްވެސް އެގައުމުން ރެކޯޑް ކޮށްފައިވެއެވެ.

އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅު އަރާފައި ވާއިރު އެގައުމުގެ ކޭސްތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން ދިއުމާއެކު ރާޅުގެ ބާރު ގަދަވެ ކޮވިޑްގެ ސުނާމީއެއް އަރާފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ސިފަ ކޮށްފައެވެ.

އިންޑިއާއިން ކޮވިޑްގެ އާ ވޭރިއަންޓް ފެނި ފެތުރޭ ނިސްބަތް އިތުރުވެފައިވާއިރު އެގައުމުން އެންމެ ބާރު މިނެއްގައި ބަލި ފެތުރެމުން ދަނީ މަހާރަސްތަރާ ގައެވެ. އެ ސްޓޭޓުން މިހާތަނަށް 3.77 މިލިއަން ކޭސް ރެކޯޑް ކޮށްފައިވެއެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 14.8 މިލިއަނަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ ދެ ލައްކައާ ގާތްކޮށްފައެވެ.