ތ. ވޭމަންޑޫން އުފެދުނު ކޮވިޑް ކްލަސްޓާއާ ގުޅުންހުރި މީހެއް އެ އަތޮޅު ހިރިލަންދޫން ވެސް ޕޮޒިޓިވްވެއްޖެއެވެ.
ހިރިލަންދޫ ހެލްތު ސެންޓަރުން ބުނީ ޕޮޒިޓިވްވީ، ވޭމަންޑޫ ކްލަސްޓާއާ ގުޅިގެން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މީހެއް ކަމަށާއި އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އެމީހާގެ ސާމްޕަލްގެ ނަތީޖާ ލިބުނީ މިއަދު ކަމަށްވެސް ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހިރިލަންދޫން ޕޮޒިޓިވްވީ ހައިރިސްކު ކެޓަގަރީގެ ފިރިހެނެކެވެ.
ވޭމަންޑޫ ކްލަސްޓާއާ ގުޅިގެން ހިރިލަންދޫން މިހާތަނަށް 202 ސާމްޕަލެއް ވަނީ ނަގައިފައެވެ. އެ ކްލަސްޓާއާ ގުޅިގެން އެރަށުގެ 54 މީހަކު ހޯމް ކަރަންޓީނުގައި ތިބި އިރު، 36 ގެ ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.
ވޭމަންޑޫން މާލެ ގެނައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ. އެ ރަށުން މިހާތަނަށް ވަނީ 50 މީހުން ޕޮޒިޓިވްވެފައެވެ.
ވޭމަންޑޫ ކްލަސްޓާގައި ހިރިލަންދޫގެ އިތުރުން ވެސް ތ. އަތޮޅުގެ ހަތަރު ރަށެއް ހިމެނެއެވެ. އެއީ ކިނބިދޫ، އޮމަދޫ، ގާދިއްފުށި އަދި މަޑިފުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު