ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އުވާލަން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނަކީ 2000 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. އެއީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ހުއްޓުވުމާއި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، އެގޮތަށް ފައިދާ ހޯދައިދިނުން ހުއްޓުވުމާއި އެކަންތައްތައް މަނާ ކުރުމުގެ ގާނޫނެވެ.
އެ ގާނޫނުގައި އެކަމާބެހޭ ކުށްތައް ވަނީ ކަނޑައަޅައިފައެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އުވާލަން ހުށަހަޅަނީ، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިގެންނެވެ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލެކެވެ.
އެ ބިލުގައި ބުނެފައި ވަނީ، ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވަމުން ދިއުމާއި، އެފަދަ އަމަލުތައް ހިނގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭން ބައިވެރި ވެފައިވާ ބައިނަލް އަގުވާމީ ކޮރަޕްޝަނާ ގުޅޭ މުއާހަދާއަށްވެސް ރިއާޔަތް ކުރުމާއެކު ކޮރަޕްޝަންގެ ކުށްތައް މިހާރަށް ފެތޭ ގޮތަށް ބަދަލުކޮށް، ގާނޫނުލް އުގޫބާތުގައި އެ ކުށްތައް ހިމެނުމަށްފަހު ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އުވާލަން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.
މޫސާ ސިރާޖު ހުށަހެޅުއްވި ބިލުގައި ރިޝްވަތާ ގުޅޭ އާ ކުށްތަކެއް ގާނޫނުލް އުގޫބާތުގެ ގާނޫނަށް އިތުރު ކުރަން ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ނުފޫޒުން ވިޔަފާރު ކުރުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރި ވުމުގެ ކުށާއި، ބޭރު ދައުލަތެއްގެ، ނުވަތަ ބައިނަލް އަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝަވަތު ދިނުމުގެ ކުށް ހިމެނެއެވެ. މީގެ އިތުރުން ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ކުށުގެ އަމަލު އިސްލާހު ކުރަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލު މާދަމާ އޮންނަ ރައްިޔތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާ ކޮށްފައިވަނީ އެ ބިލު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިސްލާހު ކުރުމަށްފަހުގައެވެ.
އެ ބިލުގައިވާ ގޮތުން ބިލު ގާނޫނަކަށް އަމަލު ކުރަން ފެށުމާއެކު ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އުވުނީއެވެ.