ޒުވާން އުމުރުފުރައިގެ މީހުން، ކޮވިޑް ވެކްސިން ޖަހާލެއް އަދިވެސް މަދުކަން ފާހަގަވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޒްލާ ވިދާޅުވީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ފާއިތުވި ދެހަފުތާއެއްހާ ދުވަސްތެރޭގައި މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ވެކްސިން ޖަހާ މިންވަރު އިތުރުވެއްޖެ ނަމަ އަދަދު މިއަށްވުރެ ވެސް ދަށްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ޒުވާން އުމުރުފުރައިގެ މީހުން ވެކްސިން ޖަހާ މިންވަރު އަދިވެސް ދަށްވެފައިވާ ކަމަށެވެ.

"ހާއްސަކޮށް ވަޒީފާއަށް ގޮސް، ރައްޓެހިންނާއެކު ކޮފީތަކަށް ގޮސް، ބޭރަށް ނިކުމެ ރައްޓެހިންނާ ބައްދަލުކޮށް އުޅޭ ޒުވާން އުމުރުފުރައިގެ ފަރާތްތަކުން ވެކްސިން ޖަހާ މިންވަރު ދަށް ކަމަށް އަދިވެސް އަޅުގަނޑުމެންނަށް ފާހަގަވަނީ. އެހެންވީމަ އެ ފަރާތްތަކުން ގިނައިން ވެކްސިން ޖެހި ވަރަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެގެންދާނެ. ދެން ދެ ޑޯޒް ވެކްސިންގެ ފުރަތަމަ ޑޯޒް އަޅުގަނޑުމެންނަށް ބޮޑަށް މި ޖެހުނީ. ދެވަނަ ޑޯޒްއަށް އަދި ހަމަ މިދެވުނީ. އެހެންވީމަ ވެކްސިން ޖެހުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން," އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ވެކްސިން ޖެހި ކަމުގައިވީ ނަމަވެސް ކޮންމެވެސް ވަރަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ދެވަނަ ޑޯޒާއެކު ބަލިވާ ނިސްބަތް ދަށްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ހޮސްޕިޓަލުގައި އެޑްމިޓްކުރާ ފަރާތްތައް ނިސްބަތުން މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިންގެ ދެ ޑޯޒް ޖަހާ މީހުންނަށް ދެ ހަފުތާ ފަހުން ކަރަންޓީނަކާ ނުލައި ރަށްރަށަށް ދެވޭ އުސޫލު މިހާރު އާންމު ކޮށްފައިވާ އިރު، ނަޒްލާ ވިދާޅުވީ މިގޮތަށް ލުއި ދީފައިވަނީ ދެވަނަ ޑޯޒާއެކު ބަލި ފެތުރޭ މިންވަރާއި އެޑްމިޓް ކުރާ މިންވަރު މަދުވަމުންދާތީ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 279،302 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހައިފައެވެ. އަދި 40،230 މީހަކު ދެވަނަ ޑޯޒް ޖަހާފައިވެއެވެ.